Advertisement

އަނިޔާވެރިވުން ހުއްޓާލައި ޑްރައިވަރުންނާއި ޓެކްސީތައް ދޫކޮށްލަން ގޮވާލައިފި

17 ޑިސެންބަރު 2024 - 09:08 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

އާޓްވޯކް: އިސްމާއީލް އިމްދާދު


އަނިޔާވެރިވުން ހުއްޓާލައި ޑްރައިވަރުންނާއި ޓެކްސީތައް ދޫކޮށްލަން ގޮވާލައިފި

17 ޑިސެންބަރު 2024 - 09:08 0

ސަރުކާރުން ޓެކްސީގެ ހިދުމަތް ދިނުމަށް ތައްޔާރުވަމުންދާތީ އެކަމާ ދެކޮޅަށް މުޒާހަރާކޮށްގެން ހައްޔަރުކުރި ޑްރައިވަރުންނާއި، ޓޯކުރި ޓެކްސީތައް ވަގުތުން ދޫކޮށްލަން ޓެކްސީ ޑްރައިވަރުންގެ ޖަމިއްޔާއިން ގޮވާލައިފި އެވެ.

އެ ޖަމިއްޔާއިން ރޭ ނެރުނު ބަޔާނެއްގައި ބުނީ ޑިސެމްބަރު 11 ވަނަ ދުވަހުގެ ރޭ ހުޅުމާލޭ ޓްރެފިކަށް ބާރުބޮޑުވީ، އެ ދުވަހު ޓެކްސީ ޑްރައިވަރުން ކުރި އިހުތިޖާޖު ނިންމާލާފައި ގެއަށް ނުވަތަ ޓެކްސީ ކުރަން ދިޔަ މަގުމަތީ، ފުލުހުން އަމަލު ކުރި ގޮތުން ކަަމަށެވެ.

ހުޅުމާލެއިން މާލެއަށް އަންނަ ހައިވޭއާ ވީ ކޮޅުން، ހުޅުމާލޭ ނިރޮޅު މަގުގައި ޓެކްސީ ޑްރައިވަރުން އެރޭ ކުރި މުޒާހަރާއާ ގުޅިގެން 21 ޓެކްސީއެއް ޓޯކޮށް، މިހާތަނަށް 4 މީހަކު ހައްޔަރުކޮށްފައިވެ އެވެ. ހައްޔަރުކުރި އެކަކު ދޫކޮށްލައި ބައެއް ޓެކްސީތައް ވަނީ ދޫކޮށްލައިފަ އެވެ.

ފުލުހުންގެ ބެލުމުގެ ދަށުގައި މިހާރު ތިބި ތިން ޑްރައިވަރުންގެ ބަންދަށް ހުޅުމާލޭ މެޖިސްޓްރޭޓު ކޯޓުން ވަނީ ފަސް ދުވަސް ޖަހައިފަ އެވެ.

މުޒާހަރާއާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ އަހުމަދު ޝަބީން އާއި ޝާމިން މުހައްމަދު އަދި ޑްރައިވަރުންގެ ޖަމިއްޔާގެ އިންތިޒާމު ސެކްރެޓަރީ މިސްބާހު ޝަރީފު އެވެ. މިސްބާހު ހައްޔަރުކުރީ ކޯޓު އަމުރުގެ ދަށުންނެވެ.

ޑްރައިވަރުން ހައްޔަރުކޮށް، ޓެކްސީތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔުމުން މާލީ ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށާއި މިއީ އަނިޔާވެރި އަމަލެއް ކަމަށް ޓެކްސީ ޑްރައިވަރުންގެ ޖަމިއްޔާގެ ބަޔާނުގައިވެ އެވެ.

"މި އަނިޔާވެރި އަމަލު ވަގުތުން ވަގުތަށް ހުއްޓާލައި ހައްޔަރުގައިވާ ފަރާތްތަކާއި ޓޯކޮށްފައިވާ ކާރުތައް މިހިނދުން މިހިނދަށް ދޫކޮށްލުމަށް ގޮވާލަމެވެ،" ބަޔާނުގައިވެ އެވެ.

ހައްޔަރުކޮށްފައިވާ ޑްރައިވަރުންނާއި ޓެކްސީތައް ދޫކޮށްލަން ދެން އަޑު އުފުލާނެ ކަމަށް ވެސް ބަޔާނުގައިވެ އެވެ.

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ބައެއް ޓެކްސީތައް ހިފަހައްޓާފައިވާ ސަބަބު އަދި ވެސް ނާންނާ ކަމަށް ވެސް ޑްރައިވަރުންގެ ޖަމިއްޔާއިން ބުނެފައިވެ އެވެ.

އެ ޖަމިއްޔާއިން ބުނީ މާލޭގައި ޓެކްސީ ހިދުމަތް އެންމެ ފުރިހަމަ ގޮތުގައި ދިނުމަށް ޑްރައިވަރުންގެ ފަރާތުން ހުށަހަޅާފައިވާ ކަންކަމަށް މިހާތަނަށް ސަރުކާރުން ފުރިހަމައަށް އިޖާބަ ނުދީ، ޓެކްސީ ޑްރައިވަރުން ބަދުނާމުވާ ގޮތަށް ސަރުކާރުގެ އަމަލުތައް ބަހައްޓާ ކަމަށެވެ.