about 23 hours 0
ލީވާން އަލީ ނާސިރު
ޓެކްސީ ޑްރައިވަރުން ހައްޔަރު ކުރުން: ދެ ޑްރައިވަރަކު ޝަރުތު ކުރުމަށްފަހު ވަނީ ދޫކޮށްލާފައި -- ފޮޓޯ: އަދަދު
about 23 hours 0
ހުޅުމާލެއިން މާލެ އަންނަން އޮންނަ ހައިވޭއަށް އަރާ މަގު ބަންދުކޮށް، މިދިޔަ ބުދަ ދުވަހު މުޒާހަރާ ކުރި މައްސަލައިގައި ހައްޔަރުކުރި ދެ ޓެކްސީ ޑްރައިވަރުންގެ ބަންދުގެ މުއްދަތު އިތުރުކޮށް ނުދީ ޝަރުތު ކުރުމަށްފަހު ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުން ދޫކޮށްލައިފި އެވެ.
ކޯޓުން ޝަރުތު ކުރުމަށްފަހު ދޫކޮށްލީ މުހައްމަދު ޝާމިން އާއި އަހުމަދު ޝަބީން އެވެ. އެ ދެ މީހުންނަށް ޝަރުތުކުރީ ކުށް ނުކުރުމަށާއި އެއްބާރުލުން ދިނުމުގެ އިތުރުން އުޅޭތަން އެންގުމަށެވެ.
ދެ ޑްރައިވަރުންނަށް މިދިޔަ ބުރާސްފަތި ދުވަހު ފަސް ދުވަހުގެ ބަންދުގެ މުއްދަތު ކޯޓުން ޖެހީ މުޖުތަމައުގެ ސަލާމަތަށް ނުރައްކާ ވެދާނެ ކަމަށް ބުނެ އެވެ.
ޝާމިން އާއި އަހުމަދު ޝަބީންގެ ދޫކޮށްލީ އެ ދެ މީހުން ބަންދުކުރި މައްސަލަ އިސްތިއުނާފަށް ހައި ކޯޓަށް ހުށަހަޅާފައި ވަނިކޮށެވެ.
ނަމަވެސް ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ޑްރައިވާސް އެސޯސިއޭޝަންގެ އިންތިޒާމް ސެކްރެޓަރީ މިސްބާހު ޝަރީފު އަދިވެސް ހުރީ ބަންދުގަ އެވެ. އޭނާގެ ބަންދަށް ފަސް ދުވަސް ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުން ޖެހީ މިދިޔަ ހޮނިހިރު ދުވަހު އެވެ.
ނިރޮޅުމަގު ބަންދުކޮށް ޓެކްސީ ޑްރައިވަރުން މުޒާހަރާ ކުރަން ފެށީ ސަރުކާރުން ޓެކްސީ ލައިނެއް ތައާރަފުކޮށް ޓެކްސީގެ ހިދުމަތަށް ވަންނަން ސަރުކާރުން ކުރާ މަސައްކަތާ ދެކޮޅަށް އަޑުއުފުލުމުގެ ގޮތުންނެވެ.
އެ މުޒާހަރާގައި ބައިވެރިވެ މަގު ބަންދު ކުރި 20 އަށްވުރެ ގިނަ ޓެކްސީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެވެ. ބައެއް ޓެކްސީތައް ޓޯ ކުރަން ފުލުހުންގެ ފޯކްލިފްޓު ބޭނުން ކުރި ނަމަވެސް ގިނަ ޓެކްސީތައް ޓޯ ކުރީ ފުލުހުންގެ ބެލުމުގެ ދަށުން ދުއްވާފައި ގެންގޮހެވެ.
ސަރުކާރުން ޓެކްސީ ހިދުމަތް ދޭން ފަަށަން ނިންމާފައިވާކަން އެންމެ ފުރަތަމަ ސަރުކާރުން އިއުލާނު ކުރީ ޖުލައި 25، ގައި އޮތް ރަސްމިއްޔާތެއްގަ އެވެ.
ޓެކްސީ ޑްރައިވަރުންގެ ޖަމިއްޔާއިން ވަނީ މުޒާހަރާއާ ގުޅިގެން ހައްޔަރުކުރި ޓެކްސީ ޑްރައިވަރުންގެ އިތުރުން ޓެކްސީތައް ވެސް ދޫކޮށްލުމަށް ގޮވާލައިފަ އެވެ.
Comment