14 މޭ 2024 - 17:18 0
މުހައްމަދު އުޝާމް
އދ. ގެ އާންމު މަޖިލީހުގެ ބައްދަލުވުމެއް: ރާއްޖޭން ފަލަސްތީނުގެ ދިފާއުގައި އަނެއްކާ ވެސް އދ. ގައި އަޑުއުފުލައިފި - ފޮޓޯ: އެސޯސިއޭޓް ޕްރެސް
14 މޭ 2024 - 17:18 0
އެކުވެރި ދައުލަތްތައް (އދ.) ނުވަތަ ޔުނައިޓެޑް ނޭޝަންސްގެ ފުރިހަމަ މެންބަރެއްގެ ގޮތުގައި ފަލަސްތީނު ބަލައިގަތުމަށް ރާއްޖޭން އދ. ގައި އަނެއްކާ ވެސް ވަކާލާތުކޮށްފި އެވެ.
އދ. ގެ އާންމު މަޖިލީހުން މިދިޔަ ހުކުރު ދުވަހު "އެޑްމިޝަން އޮފް ނިއު މެންބަރ ސްޓޭޓްސް ޓު ދަ ޔުނައިޓެޑް ނޭޝަންސް" ގެ ނަމުގައި، ފަލަސްތީނަށް ފުރިހަމަ މެންބަރުކަން ދިނުމަށް ގަރާރެއް ފާސްކޮށްފައިވެ އެވެ.
އެ ގަރާރަށް ނިސްބަތްކޮށް، އާންމު މަޖިލީހުން ބޭއްވި 10 ވަނަ ކުއްލި ބައްދަލުވުމުގައި، އާންމު މަޖިލީހުން ފާސްކުރި ގަރާރަށް މެންބަރު ގައުމުތަކުން ލިބުނު ތާއީދަކީ ސަލާމަތީ މަޖިލީހަށް ފޮނުވުނު ވަރުގަދަ މެސެޖެއްގެ ގޮތުގައި ރާއްޖޭން ސިފަކުރި އެވެ.
ފޮރިން މިނިސްޓްރީން ބުނި ގޮތުގައި، ފަލަސްތީނުގެ ރައްޔިތުން ކުރިމަތިލާންޖެހިފައިވާ ހިތްދަތިކަމާއި ތަހައްމަލުކުރަމުންދާ އަނިޔާތައް ހުއްޓުމަށް އަވަސް ފިޔަވަޅު އެޅުމަށާއި، އިޒްރޭލުން ކުރަމުންދާ އަމަލުތަކަށް އެ ގައުމު ޖަވާބުދާރީ ކުރުމަށް އދ. ގެ މެމްބަރު ގައުމުތަކަށް ރާއްޖޭން ވަނީ ގޮވާލައިފަ އެވެ.
މެދުއިރުމަތީގެ ހަމަނުޖެހުންތަކަށް ދާއިމީ ހައްލެއް ގެނައުމަށް އޮތް ހަމައެކަނި ގޮތަކީ، 1967 ގެ ކުރިން ފަލަސްތީނުގެ ބޯޑަރުތަކާ އެއްގޮތްވާ ގޮތުގެ މަތިން، އިރުމަތީ ޤުދުސްއަކީ އެ ގައުމުގެ ވެރިކަންކުރާ ރަށް ކަމަށް ކަނޑައަޅައިގެން ކަމަށް ރާއްޖޭން ގޮވާލާފައިވެ އެވެ.
އ.ދ. ގެ އާންމު މަޖިލީހުގެ 10 ވަނަ ކުއްލި ބައްދަލުވުން މިދިޔަ ހުކުރު ދުވަހު އަލުން ހުޅުވާލާފައިވަނީ އަރަބް ގްރޫޕް، އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން އަދި ނޮން-އެލައިންޑް މޫވްމަންޓް އިން އެދިގެންނެވެ.
ރާއްޖެ ވެސް ކޯ ސްޕޮންސަރުންގެ ތެރޭގައި ހިމެނޭ މި ގަރާރު 143 މެމްބަރު ގައުމެއްގެ ތާއީދާއެކީގަ އެވެ. މި ގަރާރުގެ ވޯޓުގައި 25 ގައުމަކުން އެއްވެސް ކޮޅަކަށް ވޯޓު ދީފައި ނުވާއިރު، ގަރާރާ ދެކޮޅަށް ވޯޓު ދިނީ ނުވަ މެމްބަރުންނެވެ.
މި ގަރާރު ފާސްވުމުން ފަލަސްތީނަށް ލިބިދޭ ހައްގުތަކުގެ ތެރޭގައި އދ. ގެ އެހެން މެމްބަރުތަކާއެކީ އިށީންދެގެން ތިބުމުގެ ހައްގު ލިބި އދ. ގައި ބޭއްވިގެން ދާ ހުރިހާ ބައްދަލުވުމެއްގައި ވާހަކަދެއްކުމަށް ނަން ހުށަހެޅުމުގެ ހައްގު ލިބިގެންދާނެ އެވެ.
މިހާރު "އޮބްޒާވާ ސްޓޭޓަސް" މެމްބަރެއްގެ ގޮތުގައި އޮތް ފަލަސްތީނަށް، މިހާރު ވާހަކަ ދެއްކުމުގެ ފުރުސަތު ލިބިގެންދަނީ މެދު އިރުމައްޗާއި ފަލަސްތީނާއި ގުޅުންހުރި ބައްދަލުވުން ތަކުގައި އެކަންޏެވެ.
Comment