Advertisement

ފަލަސްތީނުން ދެ ވަނަ މެޗުން ވެސް ރާއްޖޭގެ މައްޗަށް ކުރިހޯދައިފި

16 ނޮވެންބަރު 2025 - 07:35 0

ފަލަސްތީނުގެ ކުޅުންތެރިއަކު ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.---- ފޮޓޯ: އިމޭޖަސް.އެމްވީ


ފަލަސްތީނުން ދެ ވަނަ މެޗުން ވެސް ރާއްޖޭގެ މައްޗަށް ކުރިހޯދައިފި

16 ނޮވެންބަރު 2025 - 07:35 0

އޭއެފްސީގެ 17 އަހަރުން ދަށުގެ އޭޝިއަން ކަޕްގެ ކޮލިފައިން އަށް ތައްޔާރުވާ، ފަލަސްތީނުގެ ޒުވާން ގައުމީ ޓީމުގެ ތަމްރީނުގެ ޓްރެއިނިން ކޭމްޕެއް ރާއްޖޭގައި ފުރިހަމަ ކުރަމުންދާއިރު، އެ ކޭމްޕްގެ ތެރެއިން ކުޅޭ އެކުވެރިކަމުގެ ދެ ވަނަ މެޗުން ރޭ 3-0 އިން މޮޅުވެއްޖެ އެވެ.

މި ދެ ޓީމު ބައްދަލުކުރި ފުރަތަމަ މެޗު އޮތީ މިދިޔަ ބުރާސްފަތި ދުވަހުގެރޭގަ އެވެ. ފަލަސްތީން ޓީމުން ވަނީ އެ މެޗުން 6-0 އިން މޮޅުވެފަ އެވެ.

ސޮބާހު މުހައްމަދުގެ ކޯޗުކަމުގައި ކުޅޭ ރާއްޖޭގެ 17 އަހަރުން ދަށުގެ ޓީމުން ރޭގެ މެޗުގައި ކުރިއެރުންތަކެއް ހޯދި ނަމަވެސް ފަލަސްތީނުން ވަނީ ލިބުނު ފުރުސަތުތައް ގޯލަށް ނިންމާލައި، މޮޅުވެފަ އެެވެ.

ގަލޮޅު ދަނޑުގައި ފަލަސްތީނާ ދެކޮޅަށް ކުޅުނު މި ދެ މެޗަށް ވެސް އެކަށީގެންވާ މިންވަރަކަށް ދިވެހި ސަޕޯޓަރުން ވަނެވެ. މިއީ، 2014 ވަނަ އަހަރުގެ އޭއެފްސީ ޗެލެންޖް ކަޕަށް ފަހު، ފަލަސްތީނުގެ ޓީމެއް ގަލޮޅު ދަނޑުގައި ކުޅުނު ފުރަތަމަ ފަހަރެވެ.

ފަލަސްތީނުގެ 17 އަހަރުން ދަށުގެ ޓީމާއި ރާއްޖޭގެ ޓީމު ކުޅުނު މެޗުގެ ތެރެއިން.---- ފޮޓޯ: އިމޭޖަސް.އެމްވީ


ފަލަސްތީނުގެ ފުޓްބޯޅައަށް އެހީތެރިވުމުގެ ގޮތުން ރާއްޖެ އާއި ފަލަސްތީން ބައްދަލުކުރާ ދެ މެޗުގައި ސްވެނިއާ ޓިކެޓްތަކެއް އެފްއޭއެމް ވިއްކި އެވެ. އެ ގޮތުން، ކޮންމެ މެޗެއްގައި ވެސް ވިއްކީ ސްވެނިއާ ޕްލެޓިނަމް 50 ޓިކެޓާއި ސްވެނިއާ ގޯލްޑް 200 ޓިކެޓް އެވެ. ސްވެނިއާ ޕްލެޓިނަމް ޓިކެޓަކީ ވީވީއައިޕީ ރޮސްޓްރަމް އިން ޖާގަ ލިބޭ ގޮތަށް 1000 ރުފިޔާ އަށް ވިއްކާ ޓިކެެެޓެެވެ. އަދި، ސްވެނިއާ ގޯލްޑް ޓިކެޓަކީ ވީއައިޕީ ގޮނޑިބަރިން ޖާގަ ލިބޭ ގޮތަށް 500 ރުފިޔާ އަށް ވިއްކާ ޓިކެޓެވެ.

ރާއްޖޭގެ ކޭމްޕް ނިންމާލުމަށް ފަހު، ފަލަސްތީން ޓީމުން ކޮލިފައިން މެޗުތައް ކުޅެން ދާނީ އިންޑިއާ އަށެެވެ. އިންޑިއާގެ އަހުމަދުއާބާދުގައި ހޯސްޓްކުރާ ކޮލިފައިންގައި، ފަލަސްތީނުން ކުޅޭނީ އިންޑިއާ، އިރާން، ޗައިނީސް ޓައިޕޭ އަދި ލެބަނަންއާ ދެކޮޅަށެވެ. ރާއްޖޭގެ ކޮލިފައިން މެޗުތައް، ތައިލެންޑުގައި ކުޅޭއިރު، ދެން އެ ގްރޫޕްގައި ހިމެނެނީ، ތުރުކުމެނިސްތާން، ކުވެއިތު އަދި މޮންގޯލިއާ އެވެ.

ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު (ރާއްޕެ)، މީގެ ކުރިން ވިދާޅުވީ، ފަލަސްތީނުގެ ޓީމުގެ މުޅި ޑެލިގޭޝަންގެ ހަރަދުތަކަށް ސަރުކާރުން 546،000 ހަމަޖައްސާފައިވާ ކަމަށެވެ. އަދި، ޑެލިގޭޝަނުގެ ކަންކަން ހަމަޖެއްސުމަށް 16 މެމްބަރުން އެކުލެވޭ ޓާސްކްފޯހެއް އެކުލަވާލައިފައިވާ ކަމަށެވެ. އެ ގޮތުން، އެކުލަވާލި މި ޓާސްކްފޯހުގައި ހިމެނެނީ، ސްޕޯޓްސް މިނިސްޓްރީގެ އޮފިޝަލުންގެ އިތުރުން، އެފްއޭއެމާއި ފުލުހުންނާއި އެމްއެންޑީއެފްގެ އޮފިޝަލުންނެވެ.