14 މޭ 2024 - 16:37 1
އަހުމަދު އާއިދު
އިންޑިއާއިން ރާއްޖެއަށް ހަދިޔާކޮށްފައިވާ ހެލިކޮޕްޓަރެއް: ކުރިން މި އުޅަނދުތައް ދުއްވީ އިންޑިއާ އަސްކަރިއްޔާއިން - ފޮޓޯ: އެމްއެންޑީއެފް
14 މޭ 2024 - 16:37 1
އިންޑިއާއިން ރާއްޖެއަށް ހަދިޔާކޮށްފައި އޮންނަ ދެ ހެލިކޮޕްޓަރުގެ ތެރެއިން އުޅަނދެއް، ދިވެހި ސިފައިންގެ ހުއްދަނެތި އިންޑިއާގެ ސިފައިން ދުއްވި ކަމަށް ޑިފެންސް މިނިސްޓަރު މުހައްމަދު ގައްސާން މައުމޫން ކުރެއްވި ތުހުމަތު އިންޑިއާއިން މިއަދު ދޮގުކޮށްފި އެވެ.
ދިފާއީ ވަޒީރު މި ތުހުމަތު ކުރެއްވީ ރާއްޖޭގައި އޮންނަ އިންޑިއާގެ އަސްކަރީ ތިން އުޅަނދު ދުއްވަން ތިބި ސިފައިން ފޮނުވާލާ މަދަނީން ގެނައިކަން އިއުލާނުކުރަން މެއި 11، ގައި ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ. ގައްސާން އެ ދުވަހު ވިދާޅުވީ ހުއްދަނެތި ހެލިކޮޕްޓަރު ދަތުރުކުރީ ތ. ތިމަރަފުށްޓަށް ކަމަށެވެ.
މި މައްސަލައިގައި ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނީ ވަޒީރުގެ ވާހަކައާ ގުޅިގެން ގިނަ މީޑިއާތަކުން އެކަން ހިނގި ގޮތް ސާފުކުރަން ކޮމިޝަނުގައި އެދެމުންދާ ކަމަށެވެ.
އިންޑިއާއިން ބުނީ ރާއްޖޭގައި ހުރި އެ ގައުމުގެ ވައިގެ ޕްލެޓްފޯމްތައް އަބަދު ވެސް ބޭނުންކުރީ އެއްބަަސްވެފައިވާ ގޮތަށް ދިވެހި ސިފައިންގެ ބެލުމުގެ ދަށުން ހުއްދަ ލިބިގެން ކަމަށެވެ. އަދި، ގައްސާން އިޝާރާތް ކުރެއްވި ހާދިސާ ހިނގީ އޮކްޓޯބަރު 9، 2019 ގައި ކަމަށާއި އެ ދުވަހު ދަތުރުކުރީ ވެސް އެމްއެންޑީއެފްގެ ހުއްދައާ އެކު ކަމަށް ބަޔާނުގައިވެ އެވެ.
ތިމަރަފުށީ އެއާޕޯޓުގައި ހެލިކޮޕްޓަރު ޖައްސަން ޖެހުނީ ކުއްލި ހާލަތެއް ދިމާވެގެން ކަމަށާއި އެކަމަށް ބޭނުންވާ ހުރިހާ ހުއްދައެއް އެއާ ޓްރެފިކް ކޮންޓްރޯލުން ވެސް ހޯދި ކަމަށް އިންޑިއާ ހައިކޮމިޝަނުން ބުނެފައިވެ އެވެ. އަދި އެ ދުވަހުގެ ހާދިސާގައި ތިމަރަފުށްޓަށް ޖެއްސީ ހެލިކޮޕްޓަރާއި ކްރޫއިންގެ ސަލާމަތައް ބަލާ ކޮންމެހެން އެމަޖަންސީކޮށް ޖައްސަން ޖެހިގެން ކަމަށް ވެސް ބަޔާނުގައި ބުންޏެވެ.
މިދިޔަ ހޮނިހިރު ދުވަހުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ގައްސާނު، ހެލިކޮޕްޓަރު ހާދިސާގެ ނަންގަތީ، އިންޑިއާގެ އުޅަނދުތައް ދުއްވަން މަދަނީން ގެނައީ ދިވެހި ސިފައިންގެ ކޮންޓްރޯލް ޔަގީންކުރަން ކަމަށް ވިދާޅުވުމުން ކުރިން އެކަން ހިނގީ އެގޮތަށް ނޫންތޯ ނޫސްވެރިޔަކު ސުވާލު ކުރުމުންނެވެ.
"އަޅުގަނޑު ރައްޔިތުންގެ މަޖިލިހުގައި މަސައްކަތް ކުރި މިދިޔަ ފަސް އަހަރުގެ ތެރޭގައި 241 ކޮމިޓީން އޮންނާނެ ބަލާފައި ދިވެހިންގެ ހުއްދަ ނެތި ފްލައިޓެއް އަޅާފައި އޮތް ކަން، ދިވެހިންގެ ހުއްދަ ނެތި ހެލިކޮޕްޓަރެއް އޭރު އޮތީ ދުއްވާފައި، އެއީ ތިމަރަފުއްޓަށް ލޭންޑު ކުރި އިންސިޑެންޓެއް،" ނޮވެމްބަރު މަހު ވަޒީރުކަމާ ހަވާލުވުމުގެ ކުރިން މަޖިލިސް މެންބަރެއްގެ ގޮތުގައި ހުންނެވި ގައްސާން އެ ދުވަހު ވިދާޅުވި އެވެ.
އެ ދުވަހުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ދެއްވަމުން ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އިބްރާހީމް ހިލްމީ ވިދާޅުވީ މިފަދައިން ހިނގީ މި ހާދިސާ އެކަނި ކަމަށެވެ.
ކުރިން އިންޑިއާގެ އަސްކަރިއްޔާއިން އޮޕަރޭޓުކުރަމުން އައި ދެ ހެލިކޮޕްޓަރާއި ޑޯނިއާގެ އޮޕަރޭޝަންތައް މިހާރު ހިންގަނީ އެ ގައުމުގެ އަސްކަރިއްޔާގެ ސީދާ ބެލުމުގެ ދަށުން ހިންގާ ސަރުކާރު ކުންފުންޏެއް ކަމުގައިވާ ހިންދުސްތާން އޭރޮނެޓިކްސް ލިމިޓެޑުގެ ފަންނީ މީހުންނެވެ.
Comment