Advertisement

ހޮޓެލް އޭޝިއާ އެގްޒިބިޝަން އަދި އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖު ފަށައިފި

ހޮޓެލް އޭޝިއާ އެގްޒިބިޝަން އަދި ކަލިނަރީ ޗެލެންޖު ފެށުން: ބުދަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެ -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު


ހޮޓެލް އޭޝިއާ އެގްޒިބިޝަން އަދި އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖު ފަށައިފި

ހޮޓެލް އޭޝިއާ އެގްޒިބިޝަން އަދި އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖުގެ 18 ވަނަ އެޑިޝަން މިއަދު ފަށައިފި އެވެ.

އެގްޒިބިޝަން އަދި ކަލިނަރީ ޗެލެންޖު ބުދަ ދުވަހުގެ ނިޔަލަށް ހެނދުނު 10:00 އިން އިރުއޮއްސި 06:00 ޖަހަންދެން ކުރިއަށްދާއިރު، ހިލޭ ސްޓޯލްތަކަށް ޒިޔާރަތް ކުރުމުގެ ފުރުސަތު ލިބެ އެވެ.

ހޮޓެލް އޭޝިއާ އެގްޒިބިޝަންގައި 350 ކުންފުންޏަކުން އެ ކުންފުނިތަކުން ވިއްކާ އުފެއްދުންތައް ދައްކާލުމަށް 250 ސްޓޯލް ދަރުބާރުގޭގައި އަދި އުސްފަސްގަނޑުގައި ވަނީ ގާއިމުކޮށްފަ އެވެ.

ސްޓޯލްތަކުން 45 ގައުމެއްގެ އެކި އުފެއްދުންތައް ދައްކާލާއިރު، އެއީ މާލޭގައި ހަރަކާތްތެރިވާ އޮފިޝަލް ޑިސްޓްރިބިއުޓާތަކުން ވިއްކާ އުފެއްދުންތަކެވެ.

ހޮޓެލް އޭޝިއާ އެގްޒިބިޝަން އަދި ކަލިނަރީ ޗެލެންޖު ފެށުން: ހެޕީ މާކެޓުގެ ސްޓޯލްތައް ދަރުބާރުގެ އަދި އުސްފަސްގަނޑުގައި ވަނީ ގާއިމުކޮށްފައި -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު


މޯލްޑިވްސް އެގްޒިބިޝަން އެންޑް ކޮންފަރެންސް ސާވިސްގެ ސީއީއޯ އާސިމް މުހްތާރު "އަދަދު" އަށް ވިދާޅުވީ އެގްޒިބިޝަނަށް މުޅި ދަރުބާރުގެ ނަގާފައިވާ ކަމަށާއި، ޖާގައިގެ ދަތިކަން ދިމާވުމުން ބައެއް ކުންފުނިތަކަށް ފުރުސަތު ވެސް ނުދެވޭ ކަމަށެވެ.

އެގްޒިބިޝަނަށް ކޮންމެ އަހަރަކު ވެސް އޮންނަ ޑިމާންޑު ބޮޑުވަމުން އަންނަކަން ފާހަގަކުރައްވާ އާސިމް ވިދާޅުވީ ރަނގަޅު ޖާގައެއް ލިބިއްޖެނަމަ އިވެންޓު ފުރިހަމަ ކަމާއެކު ބޭއްވޭނެ ކަމަށެވެ.

"ދަރުބާރުގޭގެ ތިރި އަދި ފުރަތަމަ ފްލޯއާއި ދެވަނަ ފްލޯގައި ސްޓޯލްތައް ހުންނާނެ. އަދި ދަރުބާރުގެ ބޭރުން އުސްފަސްގަނޑު ސަރަހައްދުގައި ވެސް ސްޓޯލްތައް ހުންނާނެ. އެދެނީ ވީހާ ވެސް ގިނަ ބަޔަކު ސްޓޯލްތަކަށް ޒިޔާރަތްކުރުން،" އާސިމް ބުންޏެވެ.

ހޮޓެލް އޭޝިއާ އެގްޒިބިޝަން އަދި ކަލިނަރީ ޗެލެންޖު ފެށުން: ކަލިނަރީ ޗެލެންޖުގައި ބޭރުގެ 15 އަށްވުރެ ގިނަ ޖަޖުން އިންސާފުކުރާނެ -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު


ކަލިނަރީ ޗެލެންޖު ކުރިއަށްދަނީ މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ގައެވެ. އެ ޗެލެންޖަށް ވެސް ޒިޔާރަތްކޮށް، ހަރަކާތްތައް ބަލާލުމުގެ ފުރުސަތު ހިލޭ ލިބެ އެވެ.

ކަލިނަރީ ޗެލެންޖުގައި 25 މުބާރާތަކަށް އިންސާފު ކުރުމަށް 15 އަށްވުރެ ގިނަ ބައިނަލްއަގުވާމީ ޖަޖުންނާއި ރާއްޖޭގެ 10 އަށްވުރެ ގިނަ ޖަޖުން ހަރަކާތްތެރިވާނެ އެވެ. އަދި މުބާރާތްތަކުގައި 600 އަށްވުރެ ގިނަ ދިވެހި އަދި ބައިނަލްއަގުވާމީ ކަލިނަރީ އިންޑަސްޓްރީގެ ފަންނުވެރިން ބައިވެރިވެ އެވެ.

ކަލިނަރީ ޗެލެންޖުން އެ އިންޑަސްޓްރީގެ ފަންނުވެރިންނަށް ހުނަރުތައް އާންމުންނަށް ދައްކާލުމުގެ ފުރުސަތު ލިބުމުގެ އިތުރުން ސަރަހައްދީ ކަލިނަރީ ކޮމިއުނިޓީ ތެރޭގައި ނެޓްވޯކް ކުރުމުގެ ފުރުސަތު ފަހިވެގެންދާނެ އެވެ.