8 މޭ 2024 - 20:27 2
ހަސަން މުހައްމަދު
8 މޭ 2024 - 20:27 2
ކ. ގާފަރުފަޅުން 16 ރަށާއެކު 104 ހެކްޓަރު ހިއްކަން 562 މިލިއަނަށްވުރެ ގިނަ ރުފިޔާއަށް އެޓޯލް ވޯކްސް ޕްރައިވެޓް ލިމިޓެޑްއާ މިއަދު ހަވާލުކޮށްފި އެވެ.
އެ ފަޅުގައި ހިއްކާ ރަށްތަކުގައި އަޅާނީ 14 ޕްރައިވެޓް އައިލެންޑާއި ދެ ލަގްޒަރީ ރިސޯޓެވެ. ޕްރޮޖެކްޓު ހަވާލު ކުރީ މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަނުންނެވެ. އެ ކޯޕަރޭޝަނުގެ ފަރާތުން އެގްރިމެންޓުގައި ސޮއި ކުރީ މެނޭޖިން ޑައިރެކްޓަރު އަހުމަދު ނާޒިމް އެވެ.
ގާފަރުފަޅު އޮތީ ފަންޑް މެނޭޖްމަންޓާ މީގެ ކުރިން 2021 ވަނަ އަހަރު ހަވާލުކޮށްފަ އެވެ.
އިންޓަގްރޭޓެޑް ޓުއަރިޒަމް ޑިވެލޮޕްމަންޓް ޒޯނެއްގައި ގޮތުގައި ތަރައްގީ ކުރާ ގާފަރު ފަޅު ހިއްކަން ހަވާލު ކުރީ ޖުމުލަ 562,889,567ރ. އަށެވެ. އެއީ ހިއްކުމުގެ އިތުރުން ރިވެޓްމެންޓް ޖެހުމަށް ހަރަދުވާ އަދަދެވެ.
ގާފަރުފަޅު ހިއްކަން 3.7 މިލިއަން ކިއުބިކް މީޓަރުގެ ވެލި ބޭނުންވެ އެވެ. ވެލި ނަގައި ހިއްކުމަށް ހަރަދުވާނީ 29،232،774 ޑޮލަރެވެ. ބާކީ އެއީ ރިވެޓްމެންޓް ޖެހުމަށް ހަރަދުވާ މިންވަރެވެ.
ގާފަރުފަޅު -- ފޮޓޯ: ނާސާ
ގާފަރުފަޅު ހިއްކަނީ ކޮންޓްރެކްޓާ ފައިނޭންސްގެ އުސޫލުންނެވެ. އަދި ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަނުން ޕްރޮޖެކްޓަށް އެޑްވާންސްކޮށް ފައިސާ ދައްކަން ނުޖެހޭނެ ކަމަށް ވެސް އެ ކޯޕަރޭޝަނުން ބުނެ އެވެ. ކޮންޓްރެކްޓަރަށް ފައިސާ ދައްކަނީ ރަށްތައް ކުއްޔަށްދީގެން ލިބޭ ފައިސާއިންނެވެ.
"މި މަސައްކަތަށް ދާ ޚަރަދު އެމް.އެފް.އެމް.ސީ އިން ކޮންޓްރެކްޓަރަށް އަނބުރާ ދެއްކުމަށް ހަމަޖެހިފައިވަނީ، ރަށްތައް ހިއްކައި ނިންމާ، އެރަށްތައް ދިގު މުއްދަތަށް ކުއްޔަށް ދެވޭ އުސޫލުން ވިއްކައިގެން، އާމްދަނީ ހޯދައިގެން،" ފަންޑު މެނޭޖްމަންޓުން ނެރުނު ބަޔާނެއްގައި ބުންޏެވެ.
ފަންޑު މެނޭޖްމަންޓް ކޯޕަރޭޝަނުން ބުނީ ގާފަރުފަޅަކީ އެހާ ގިނަ ރަށް ހިއްކައިގެން ކުރިއަށްގެންދާ ފުރަތަމަ ޕްރޮޖެކްޓު ކަމަށެވެ. އަދި އެއީ ޕްރައިވެޓް އައިލެންޑް ތަރައްގީކޮށް ދިގު މުއްދަތަށް ކުއްޔަށް ދޭ އުސޫލުން ފަރުމާކޮށްފައިވާ ފުރަތަމަ ޕްރޮޖެކްޓު ކަމަށް ވެސް އެ ކޯޕަރޭޝަނުން ބުނެ އެވެ.
"މި މަޝްރޫޢު އަކީ ދިވެހި ސަރުކާރުން އިސްނަގައިގެން އިންޓަރގްރޭޓަޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޮންސެޕްޓުގެ ދަށުން ޕްރައިވެޓް އައިލެންޑް ތަރައްގީކޮށް، ދިގު މުއްދަތަށް ކުއްޔަށް ދެވޭ އުސޫލުން، ވިއްކިގެންދާނެ ގޮތަށް ފަރުމާ ކުރެވިފައިވާ ފުރަތަމަ މަޝްރޫއު،" އެ ބަޔާނުގައިވެ އެވެ. "މި ބިޔަ މަޝްރޫއުއަކީ ކާފު އަތޮޅުގައި މިފަދަ ގޮތަކަށް އެއް ފަޅެއްގައި މިހާ ބައިވަރު ރަށްތަކެއް ހިއްކިގެންދާ އެންމެ ފުރަތަމަ މަޝްރޫއު."
Comment