21 ޖުލައި 2024 - 13:35 3
އަމަން ހަލީމް
ދުބާއީގައި ހުންނަ ބުރުޖު އަލް އަރަބް: ރާއްޖޭގައި ވެސް ޓަވަރު އަޅަނީ ދިވެހިވަންތަ ފަރުމާއަކަށް -- ފޮޓޯ: ގެޓީ އިމޭޖަސް
21 ޖުލައި 2024 - 13:35 3
މާލެ ކައިރި ފަޅެއްގައި "ވަން އައިލެންޑް، ވަން ޓަވާ" ޕްރޮޖެކްޓުގެ ނަމުގައި، މިހާތަނަށް ރާއްޖޭގައި އިމާރާތްނުކުރާ ވަރުގެ އުސް އިމާރާތެއް ތަރައްގީކުރަން މޯލްޑިވްސް ފަންޑު މެނޭޖުމަންޓް ކޯޕަރޭޝަން (އެމްއެފްއެމްސީ)އިން ކޮންސެޕްޓެއް އެކުލަވައިލައިފި އެވެ.
އެމްއެފްއެމްސީގެ މި ޕްރޮޖެކްޓުގެ މައުލޫމާތު ގެޒެޓުގައި އާންމުކުރުމަށް ފަހު، ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ވަނީ އެ ލިޔުން ގެޒެޓުން ނަގައިފަ އެވެ. އެކަމަކު މި ކޮންސެޕްޓު ކަރުދާހުގެ ކޮޕީއެއް "އަދަދު" އަށް ވަނީ ލިބިފަ އެވެ.
ކޮންސެޕްޓް ކަރުދާހުގައި އޮތީ، މި އިމާރާތަކީ މާލެ ކައިރި ސަރަހައްދެއްގައި ޓޫރިޒަމަށް ހާއްސަ އުސް ޓަވަރެއް އަޅަން ގެންގުޅޭ ތަސައްވުރާ އެއްގޮތަށް ހުށަހަޅާ ކަމެއް ކަމަށެވެ. މި ޓަވަރަކީ ދުބާއީގައި ހުންނަ ބުރުޖު އަލް އަރަބް ފަދަ "އައިކޮނިކް" އިމާރާތްތަކުން ހިތްވަރުލިބިގެން ކުރާ މަސައްކަތެއް ކަމަށް ވެސް އެ ކަރުދާހުގައިވެ އެވެ.
ދުނިޔޭގެ އެންމެ މަޝްހޫރު އިމާރާތްތަކުގެ ތެރޭގައި ހިމެނޭ ބުރުޖު އަލް އަރަބްއަކީ ދޯންޏެއްގެ ރިޔަލެއްގެ ފަރުމާއަށް ހުންނަ އިމާރާތަކެވެ. އެމްއެފްއެމްސީން ހުށަހަޅާފައި ވަނީ ރާއްޖޭގައި ތަރައްގީކުރާ ޓަވަރު ވެސް ދިވެހި ސަގާފަތާއި ތާރީހުގެ ސިފަތައް ހިމަނައިގެން ފަރުމާކުރާށެވެ.
އެމްއެފްއެމްސީން ބުނަނީ މި ޕްރޮޖެކްޓުގެ ބޭނުމަކީ ދިވެހި ޓޫރިޒަމް ސިނާއަތް ކުރިއަރުވައި، "ސްޓޭޓް-އޮފް-ދި-އާޓް" ފަރުމާ އާއި ފެންވަރުގެ އިމާރާތެއްގައި ލަގްޒަރީ ހިދުމަތްތައް ފޯރުކޮށްދިނުން ކަމަށެވެ.
ޓޫރިޒަމް ޓަވަރު އަޅަން ހިއްކާ ފަޅު: މިއީ ބަނޑޮސް ކައިރީގައި އޮންނަ ފަޅެއް --- ފޮޓޯ: މެކްސާ
ޓޫރިޒަމް ޓަވަރުގައި ކަނޑުއަޑީގެ ދިރުންތައް ފެންނަ އެކުއޭރިއަމްއަކާއި ތީމް ޕާކަކާއި ދުނިޔޭގެ ފެންވަރުގެ ރެސްޓޯރަންޓުތައް ހުންނާނެ ކަމަށް ވެސް އެ ކުންފުނީގެ ކަރުދާހުގައިވެ އެވެ.
ޓަވަރުގެ އެކި ފަންގިފިލާތަކުގައި އެތަނުގައި ޗުއްޓީ ހޭދަކުރަން އަންނަ މީހުންނަށް ބޭނުންވާ ތަފާތު އެކި ހިދުމަތްތައް ދޭނެ ތަންތަނާއި މުނިފޫހިފިލުވާ މަޖާކުރާނެ ތަންތަން ތަރައްގީކުރާނެ އެވެ.
ވަން އައިލެންޑް، ވަން ޓަވާ ޕްރޮޖެކްޓުގެ އުސްއަލިތައް
މި ޕްރޮޖެކްޓާ ގުޅޭ އިތުރު މައުލޫމާތު ހޯދަން އެމްއެފްއެމްސީގެ ނަމްބަރުތަކަށް ތަކުރާރުކޮށް ގުޅުމުން ވެސް ފޯނަށް ޖަވާބު ނުދޭތީ، އެ ކުންފުނީގެ ބަހެއް ނުލިބެ އެވެ.
ދިވެހި ޓޫރިޒަމް ސިނާއަތް ސިންދަފާތުކުރަން ފަށާފައިވާ މަސައްކަތުގެ ދަށުން އެމްއެފްއެމްސީން ދަނީ އެހެން ދެ ޕްރޮޖެކްޓެއް ވެސް ހިންގަމުންނެވެ. އެއީ ހަންކެޑޭގައި ފަށައިގެން އުޅޭ އިންޓަގްރޭޓަޑް ޓޫރިޒަމް މަޝްރޫއު އާއި ގާފަރު ފަޅުގައި ރަށްތަކެއް ހިއްކައިގެން ހިންގާ ޕްރޮޖެކްޓެވެ.
Comment