އިންޓަގްރޭޓަށް ޓޫރިޒަމް ޕްރޮޖެކްޓެއް ހިންގަން އުޅުނު އައްޑޫ ސިޓީ ހަންކެޑެ: މި ރަށުގެ ބޭރުން ދަތުރުކުރެވޭ ގޮތަށް ބްރިޖެއް އަޅައި ބައެއް ސަރަހައްދުތައް ހިއްކި --- ފޮޓޯ: ކޮންސްޓްރަކްޝަން މިނިސްޓްރީ
ކުރީ ސަރުކާރުން އިންޓަގްރޭޓަޑް ޓޫރިޒަމް ޕްރޮޖެކްޓެއް ހިންގަން އިއުލާނުކޮށް، ފައިސާ ވެސް ހޯދައި، މި ސަރުކާރުން މަސައްކަތް ފެށި އައްޑޫ ސިޓީ ހަންކެޑެއަކީ ހަލާލު ޓޫރިޒަމަށް ތަރައްގީކުރާ ރަށެއްގެ ގޮތުގައި ކަނޑައަޅައިފި އެވެ.
ހަންކެޑެ ހަލާލު ޓޫރިޒަމަށް ހާއްސަކުރީ ހަ ސަރަހައްދެއްގައި ހަލާލު ޓޫރިޒަމް ތަރައްގީކުރަން ސަރުކާރުން ނިންނި ނިންމުމުގެ ދަށުންނެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނާ ގޮތުގައި ހަންކެޑެގައި ތަރައްގީކުރެވިގެންދާ ހަލާތު ޓޫރިޒަމްގެ ސަބަބުން ޓޫރިޒަމް ސިނާއަތް ސިންދަފާތުކުރަން މަގު ފަހިވެގެން ދާނެ އެވެ. އަދި އެ ތަނުގައި ތަރައްގީކުރާ ރިސޯޓުތަކުގެ ސަބަބުން ވަޒީފާ އުފެދި އިގުތިސޯދީ ދުވެލި ހަލުވިވެގެންދާނެ ކަމަަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.
ސަރުކާރުން މިކަން ނިންމިއިރު، ކުރީގެ ޕްރޮޖެކްޓަށް ވީގޮތެއް ރަސްމީކޮށް ނުބުނެ އެވެ. ސަރުކާރުން އެ ޕްރޮޖެކްޓު ފަށަން އައްޑޫގައި ހަވާއަރުވައި ބޭއްވި ބޮޑު ހަފުލާއަކަށް ފަހު، އެ މަސައްކަތް ކުރިއަށް ނުދާތީ އެތައް ސުވާލެއް ކުރިއިރު ވެސް ސަރުކާރުން ވަނީ އެކަމުގައި ބަހެއް ބުނަން ދެކޮޅު ހަދާފަ އެވެ.
އަދަދު އިން މީގެ ކުރިން ރިޕޯޓުކޮށްފައިވާ ގޮތުގައި ހަންކެޑެ މަޝްރޫއު ހުއްޓުނީ، ރާއްޖެއިން ޗައިނާއަށް ދައްކަން ޖެހޭ ލޯނުތަކެއް ރީފައިނޭންސް ކުރަން ޖެހުމާ ގުޅިގެންނެވެ. އެހެންވެ ބޭންކް އޮފް ޗައިނާއިން ހަމަޖެހުނު 142.9 މިލިއަން ޑޮލަރު ލޯނު ދޭން ދަތިތަކެއް ކުރިމަތިވީ އެވެ.
މި މަސައްކަތް ކުރަމުން ދިޔައީ މޯލްޑިވްސް ފަންޑް މެނޭޖުމަންޓު ކޯޕަރޭޝަނުންނެވެ. އަމަލީ މަސައްކަތް ކުރަން ހަވާލުކުރީ ޗައިނާ ނެޝަނަލް އިލެކްޓްރިކަލް އިންޖިނިއަރިން ކުންފުންޏާ (ސީއެންއީސީ) އާ އެވެ.
ހަންކެޑެ ހަލާލު ޓޫރިޒަމަށް ހާއްސަކުރިއިރު، އެ މަޝްރޫއަށް އިންވެސްޓަރެއް ލިބިފައިވާ ކަމަކަށް ނުބުނެ އެވެ. ޓޫރިޒަމް މިނިސްޓްރީގެ އިއުލާނުގައި އޮތީ އެ ވުޒާރާއިން ހަންކެޑެ މަޝްރޫއު ތަންފީޒުކުރުމުގެ ގޮތުން "ފުރިހަމަ ކުރަންޖެހޭ އިޖުރާއަތުތައް މަސައްކަތް މިހާރު ދަނީ ކުރަމުން" ކަމަށެވެ.
ހަންކެޑެ ތަރައްގީ ނުކޮށް ގިނަ ދުވަސްތަކެއް ވެފައިވާއިރު، އެ މަޝްރޫއު ހިންގުނު ނަމަ އެ ތަނުގައި އެކި ފަންތީގެ 2082 ޓޫރިސްޓު އެކޮމޮޑޭޝަން ފެސިލިޓީތައް ހުންނާނެ އެވެ. އޭގެ ތެރޭގައި ވިލާތަކާއި ހޮޓާތަކާއި ސާވިސްޑް އެޕާޓުމަންޓުތައް ވެސް ހިމެނެ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment