Advertisement

ސަފީރުންގެ ފުރަތަމަ ބެޗުގައި ފޮނުވާ ނުވަ ބޭފުޅުންނަށް ފަތްކޮޅު ހަވާލުކޮށްފި

7 މޭ 2024 - 14:23 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

މިއަދު ރައީސް އޮފީހުގައި އެ ސަފީރުންނާ ރައީސް ބައްދަލުކުރައްވަނީ: މިއީ މި ސަރުކާރުން ބޭރު ގައުމުތަކަށް ފޮނުވާ ސަފީރުންގެ ފުރަތަމަ ބެޗު --- ފޮޓޯ: ރައީސް އޮފީސް


ސަފީރުންގެ ފުރަތަމަ ބެޗުގައި ފޮނުވާ ނުވަ ބޭފުޅުންނަށް ފަތްކޮޅު ހަވާލުކޮށްފި

7 މޭ 2024 - 14:23 0

ދިވެހި ސަރުކާރުގެ ފަރާތުން ނުވަ ގައުމަކަށާއި ބައިނަލްއަގްވާމީ ޖަމިއްޔާއަކަށް އައްޔަނުކުރާ ސަފީރުންނާ މިއަދު ސަފީރު ކަމުގެ ފަތްކޮޅު ހަވާލުކޮށްފި އެވެ.

ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ނުވަ ބޭފުޅުންނާ ސަފީރުކަމުގެ ފަތްކޮޅު ހަވާލުކޮށްދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ. މިއީ މި ސަރުކާރުގެ ފަރާތުން ބޭރަށް ފޮނުވާ ސަފީރުންގެ ފުރަތަމަ ބެޗެވެ.

ބޭރަށް ފޮނުވާ ސަފީރުން

  • ޗައިނާ ސަފީރު - ޑރ. ފަޒީލް ނަޖީބް
  • ޔޫއޭއީގެ ސަފީރު - މުހައްމަދު ހުސެއިން ޝަރީފު (މުންދު)
  • ޔޫއެންގެ ދާއިމީ މަންދޫބު - ޑރ. އަލީ ނަސީރު މުހައްމަދު
  • އިނގިރޭސިވިލާތުގެ ސަފީރު - ޑރ. އިރުތިޝާމް އާދަމް
  • ސްރީލަންކާގެ ސަފީރު - މަސްއޫދު އިމާދު
  • މެލޭޝިޔާގެ ސަފީރު - ޑރ. މަރިޔަމް ޝަބީނާ އަހުމަދު
  • ބެލްޖިއަމް, ޔޫރަޕިއަން ޔޫނިއަންގެ ސަފީރު - ގީލާ އަލީ
  • ޖެނީވާ ޔޫއެން އޮފީހުގެ ދާއިމީ މަންދޫބު - ޑރ. ސަލްމާ ރަޝީދު
  • ސިންގަޕޫރު ސަފީރު - މުހައްމަދު ލުވެއިޒް

ޗައިނާއަށް ހަމަޖެއްސި ފަޒީލް ނަޖީބު ހުންނެވީ އެމްބެސެޑާ އެޓް ލާޖުގެ މަގާމުގަ އެވެ. ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމާއި އެމްއެމްއޭގެ ގަވަރުނަރުކަން ވެސް އޭނާ ކުރިން ކުރެއްވި އެވެ.

ޔޫއޭއީއަށް އައްޔަނުކުރި މުންދު ވަނީ ރައީސް މައުމޫނާއި ރައީސް ޔާމީންގެ ސަރުކާރުގައި އިސް މަގާމުތަކެއް ފުރުއްވާފަ އެވެ. އެގޮތުން, ރައީސް އޮފީހުގެ ސްޕޯކްސްޕާސަން ކަމާއި, ޔޫތު މިނިސްޓަރު ކަމާއި, ރައީސް އޮފީހުގެ މިނިސްޓަރުކަން ވެސް ކުރެއްވި އެވެ.

އދ. އަށް ފޮނުވާ ދާއިމީ މަންދޫބު ޑރ. އަލީ ނަސީރަކީ ހާރިޖީ ދާއިރާގައި ތަޖުރިބާކާރު ބޭފުޅެކެވެ. އޭނާ ވަނީ ފޮރިން ސެކްރެޓަރީ ކަމާއި އެމެރިކާއަށް ކަނޑައަޅާފައި ހުންވާ ސަފީރު ކަމާއި އދ. ގެ ދާއިމީ މަންދޫބުކަން މީގެކުރިން ވެސް ކުރައްވާފަ އެވެ.

ޖެނީވާ އދ. އޮފީހަށް ފޮނުވާ ޑރ. ސަލްމާ ވަނީ އެ ޖަމިއްޔާގެ ދަށުން ހިންގަމުންދާ ޔޫއެންއެފްޕީއޭ އަދި ޑަބްލިއުއެޗްއޯއަށް އެކި މަގާމުތަކުގައި 17 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތް ކުރެއްވި އެވެ. އެގޮތުން, ނައިޖީރިއާ, އިންޑިއާ, މިޔަންމާ, އިންޑޮނޭޝިއާ އަދި ސްވިޓްޒަލޭންޑުގައި މަސައްކަތް ކުރެއްވި އެވެ.

ސިންގަޕޫރަށް އައްޔަނުކުރި ލުވެއިޒް ވަނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ބޯޑު މެމްބަރު ކަމާއި ރައީސް އޮފީހުގެ ސްޓޭޓް މިނިސްޓަރުކަން ކުރައްވާފަ އެވެ.

އިނގިރޭސިވިލާތަށް ހަމަޖެއްސި އިރުތިޝާމް އާދަމް ވަނީ ޔާމީންގެ ސަރުކާރުގައި ހެލްތު މިނިސްޓަރު ކަމާއި ޔޫތު މިނިސްޓަރުކަން ކުރައްވާފަ އެވެ. ސްވިޓްޒަލޭންޑަށް ކަނޑައަޅާފައި ހުންނަ ސަފީރުގެ މަގާމާއި އދ. އަށް ހުންނަ ދާއިމީ މަންދޫބުގެ މަގާމު ވެސް އޭނާ އަދާކުރެއްވި އެވެ.

މެލޭޝިއާގެ ސަފީރަކަށް ފޮނުވާ ޑރ. ޝަބީނާއަކީ މައިކްރޯބަޔޮލޮޖިސްޓެކެވެ. އޭނާ ވަނީ މޯލްޑިވްސް ފުޑް އެންޑް ޑްރަގު އޮތޯރިޓީގައި ސީނިއާ ސައިންޓިފިކް އޮފިސަރުގެ މަގާމު ވެސް އަދާކުރައްވާފަ އެވެ.

ސްރީލަންކާއަށް އައްޔަނުކުރި މަސްއޫދަކީ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ސަރުކާރުގައި ރައީސް އޮފީހުގައި މީޑިއާ ސެކްރެޓަރީކަން ކުރެއްވި ބޭފުޅެކެވެ. އޭގެ ކުރިން މަސައްކަތް ކުރެއްވީ އެމްއޭސީއެލްގަ އެވެ.

ގީލާއަކީ ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމު އަދާކުރެއްވި ބޭފުޅެކެވެ. އޭގެ އިތުރުން, އޭނާ ވަނީ ކުރީގެ ރައީސް އަބްދުالله ޔާމީންގެ ވެރިކަމުގައި ހެލްތު މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ކަމާއި ފޮރިން މިނިސްޓްރީގެ އެޑިޝަނަލް ސެކްރެޓަރީގެ މަގާމު ފުރުއްވާފަ އެވެ.