Advertisement

ފޮރިންގެ ސްޓޭޓް މިނިސްޓަރަކަށް ހުންނެވި އަބްދުއްރަހީމް ތުރުކީގެ ސަފީރަކަށް ހަމަޖައްސަނީ

7 މޭ 2024 - 09:58 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް، ލެފްޓިނެންޓު ޖެނެރަލް، ރިޓަޔާޑް، އަބްދުއްރަހީމް އަބްދުއްލަތީފް : އޭނާއަށް ތުރުކީއަށް ކަނޑައަޅާ ސަފީރުކަން ދޭން ވަނީ ނިންމާފަ - ފޮޓޯ: އަދަދު


ފޮރިންގެ ސްޓޭޓް މިނިސްޓަރަކަށް ހުންނެވި އަބްދުއްރަހީމް ތުރުކީގެ ސަފީރަކަށް ހަމަޖައްސަނީ

7 މޭ 2024 - 09:58 0

ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައި ހުންނެވި ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް، ލެފްޓިނެންޓު ޖެނެރަލް، ރިޓަޔާޑް، އަބްދުއްރަހީމް އަބްދުއްލަތީފަށް ރާއްޖެއިން ތުރުކީއަށް ކަނޑައަޅާ ސަފީރުގެ މަގާމު ދޭން ނިންމާފައިވާކަން "އަދަދު" ނޫހަށް އެނގިއްޖެ އެވެ.

ސިފައިންގެ ހިދުމަތުގައި 39 އަހަރުގެ ހޭދަކުރެއްވުމަށްފަހު، 60 އަހަރު ފުރުމާއެކު ސިފައިންގެ ގާނޫނުގައިވާ ގޮތުގެ މަތިން އަބްދުއްރަހީމް ރިޓަޔާ ކުރެއްވީ އެޕްރީލް 18، ގަ އެވެ.

އަބްދުއްރަހީމަށް ސްޓޭޓް މިނިސްޓަރުކަން ދީފައިވާ ސީދާ ތާރީހެއް ސާފު ނޫން ނަމަވެސް، ފޮރިން މިނިސްޓްރީން އިއްޔެ އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ އޭނާ މިހާރު ހުންނެވީ އެ މަގާމުގައި ކަމަށް ބުނެފަ އެވެ. ސްޓޭޓް މިނިސްޓަރުގެ ހައިސިއްޔަތުން އޭނާ އިއްޔެ ވަނީ އެމެރިކާގެ މޮންޓާނާ ސްޓޭޓްގެ ނޭޝަނަލް ގާޑްސްގެ އިސްވެރިންނާ ބައްދަލު ކުރައްވާފަ އެވެ.

"އަދަދު" އަށް މައުލޫމާތު ދެއްވި ސަރުކާރުގެ އިސްވެރިޔަކު ވަނީ ރާއްޖެއިން ތުރުކީއަށް ކަނޑައަޅާ ފުރަތަމަ ސަފީރުގެ ގޮތުގައި އަބްދުއްރަހީމް ހަމަޖެއްސުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު ނިންމަވާފައިވާ ކަމަށް ޔަގީންކޮށްދީފަ އެވެ. އޭނާގެ ނަން ވަރަށް އަވަހަށް މަޖިލީހަށް ފޮނުއްވާނެ ކަމަށްވެސް މައުލޫމާތު ލިބިފައިވެ އެވެ.

ރާއްޖެއިން ތުރުކީގައި ފުރަތަމަ ފަހަރަށް އެމްބަސީއެއް އަޅަން ނިންމާފައިވާކަން ސަރުކާރުން އިއުލާނުކުރީ ޑިސެމްބަރު 10، 2023 ގަ އެވެ.

އެ ދުވަހު ބޭއްވި ވަޒީރުންގެ ބައްދަލުވުމަށްފަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސް އޮފީހުގެ އަންޑާ ސެކެޓެރަރީ، މުހައްމަދު ފިރުޒުލް އަބްދުﷲ ހަލީލް ވިދާޅުވީ ތުރުކީވިލާތުގައި އެމްބަސީއެއް ގާއިމު ކުރުމުގެ މައިގަނޑު ބޭނުމަކީ ދެގައުމުގެ ދެމެދު އޮތް ގުޅުން ވަރުގަދަ ކުރުމުގެ އިތުރުން އެގައުމުގައި ދިރިއުޅޭ ދިވެހިންގެ ކަންކަން އިތުރަށް ފަސޭހަކޮށްދިނުމެވެ.

އެ ގައުމަށް ކަނޑައަޅާ ސަފީރު އަބްދުއްރަހީމް، ސިފައިންގެ ހިދުމަތާ ހިދުމަތާ ގުޅިވަޑައިގެންނެވީ ފެބްރުއަރީ 18، 1985 ގަ އެވެ. ސިފައިންގެ ހިދުމަތް އޭނާ ފެށްޓެވީ 'ސިގްނަލްސް' ޑިޕާޓްމަންޓުންނެވެ. އެ ދާއިރާއަށް ހާއްސަވެވަޑައިގެންނެވުމަށް އެމެރިކާއިން ރޭޑިއޯ ޓެކްނިކަލް ކޯހެއް ފުރިހަމަކުރެއްވިއިރު، އެ ކޯހުން އެއްވަނަ ހޯއްދެވި އެވެ.

އަބްދުއްރަހީމަކީ ސްރީލަންކާގެ ޑިފެންސް ސާވިސަސް އެންޑް ކޮމާންޑް ކޮލެޖުން ވެސް ގްރެޖުއޭޓް ވެވަޑައިގެންފައިވާ ބޭފުޅެކެވެ. އޭނާއަކީ އެމެރިކާގެ ހަވާއީގައި ހުންނަ އޭޝިއާ ޕެސިފިކް ސެންޓަ ފޯ ސެކިއުރިޓީ ސްޓަޑީސް އިން ވެސް ތަމްރީނު ފުރިހަމަކުރައްވާފައިވާ ބޭފުޅެކެވެ.

ސިފައިންގެ ހިދުމަތުގައި އޭނާ ވަނީ 17 މެޑެއްޔަކާއި ކުލަ ހާސިލުކުރައްވައިފަ އެވެ. އޭގެ ތެރޭގައި ޕްރެސިޑެންޝަލް މެޑަލް، ޑިސްޓިންގުއިޝްޑް ސާވިސް މެޑަލް، ލޯންގް ސާވިސް މެޑަލް އަދި ޑެޑިކޭޓެޑް ސާވިސް މެޑަލް ހިމެނެ އެވެ.