Advertisement

އައްޑޫގެ ފެނުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބޭނީ އާ މަޝްރޫއު ނިމުމުން: ފެނަކަ

އައްޑޫ ސިޓީ: އެ ސިޓީގެ ފެނުގެ ހިދުމަތަށް ދާއިމީ ހައްލެއް ލިބޭނީ އާ މަޝްރޫއު ނިމުމުން ކަމަށް ފެނަކައިން ވަނީ ބުނެފައި -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު


އައްޑޫގެ ފެނުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބޭނީ އާ މަޝްރޫއު ނިމުމުން: ފެނަކަ

އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކަށް ދިމާވެފައިވާ ފެނުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބޭނީ ފެނުގެ ނިޒާމު އަޕްގްރޭޑް ކުރުމުގެ މަޝްރޫއު ނިމުމުން ކަމަށް ފެނަކައިން މިއަދު ބުނެފި އެވެ.

އައްޑޫއަށް ފެން ކެނޑޭތާ ދުވަސްތަކެއްވެއްޖެ އެވެ. ފެނަކައިން ބުނީ އެ މައްސަލަ ދިމާވަނީ ބޭނުން ކުރާ މިންވަރަށް ވުރެ އިތުރަށް ފެން ބޭނުން ކުރާތީ ކަމަށެވެ. އެ މައްސަލަ ހައްލު ކުރަން އެމްޑަބްލިއުއެސްސީއާ ހަވާލު ކުރީ އޭޕްރީލް 13، ގަ އެވެ.

އެ މައްސަލައިގައި ފެނަކައިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ އައްޑޫގެ ފެނުގެ ނިޒާމު އިތުރަށް ރަނގަޅު ކުރުމުގެ ގޮތުން، އަޕްގްރޭޑިން ޕްރޮޖެކްޓެއް އެމްޑަބްލިއުއެސްސީއާ ހަވާލު ކޮށްފައިވާ ކަމަށެވެ. އެ މަޝްރޫއު ނިމުމުން ފެނުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށް ފެނަކައިން ބުނެ އެވެ.

ފެނަކައިން ބުނީ އައްޑޫގެ އާބާދީ ބޮޑުވުމުން އެ ކުންފުނިން އުފައްދާ ފެން ބޭނުންކުރާ މިންވަރު ދުވަހެއް ދުވަހަކަށް ދަނީ އިތުރުވަމުން ކަމަށެވެ. ފެނުގެ ނިޒާމު އަޕްގްރޭޑް ކުރަން ނިމިދިޔަ ފަސް އަހަރު ތެރޭގައި އެކަށީގެންވާ މަސައްކަތެއް ނުކުރާ ކަމަށް ވެސް ފެނަކައިން ބުނެ އެވެ.

"މިހާރުވެސް ހިދުމަތް މެދުނުކެނޑި ކުރިއަށް ގެންދިޔުމަށް ކުރަން ޖެހޭ އެންމެހާ ކަންކަން މި ކުންފުނިން ކުރަމުންދާ ވާހަކަ ދަންނަވަން،" ފެނަކައިން ބުންޏެވެ.

އައްޑޫގެ ފެނުގެ ހާލަތު ދަށަށް ގޮސްފައިވާކަން ފާހަގަކޮށް ފެނަކައިން ބުނީ އަދުގެ ސަރުކާރުގެ ކަމާބެހޭ ވުޒާރަތަކާއި މަޝްވަރާކޮށް، އައްޑޫގެ ފެނުގެ ނިޒާމު އިތުރަށް ރަނގަޅު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް އައްޑޫގެ ފެނުގެ ނިޒާމު އަޕްގްރޭޑްކުރަން އެމްޑަބްލިއުއެސްސީއާ ހަވާލުކުރީ 282 މިލިޔަން ރުފިޔާއަށެވެ.