4 މޭ 2024 - 12:01 1
ލީވާން އަލީ ނާސިރު
ފަރެސްމާތޮޑާއިން މަސް ދޯންޏަކުން މަސް ކިރަނީ -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު
4 މޭ 2024 - 12:01 1
ރާއްޖެއިން މަސް އެކްސްޕޯޓުކުރާ މިންވަރު ރެކޯޑު މިންވަރަކަށް ދަށްވެއްޖެ އެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ ތިން މަހު ރާއްޖެއިން މަސް އެކްސްޕޯޓުކުރި މިންވަރު 48 ޕަސަންޓު ވަނީ ދަށްވެފަ އެވެ.
ތަފާސްހިސާބުތައް ދައްކާގޮތުން ފްރޯޒެން ޓޫނާ އެކްސްޕޯޓުކުރި މިންވަރު 50.8 ޕަސަންޓު ދަށްވެފައިވާއިރު، ދަޅު މަސް އެކްސްޕޯޓު ވަނީ 25.7 ޕަސަންޓުން ދަށްވެފަ އެވެ. އަދި ޕްރޮސެސްޑް މަހުގެ އެކްސްޕޯޓު ވަނީ 40.5 ޕަސަންޓުން ދަށްވެފަ އެވެ.
މި އަހަރުގެ ފުރަތަމަ ތިން މަހު އެކްސްޕޯޓުކުރީ 14،389.5 މެޓްރިކް ޓަނުގެ މަހެވެ. އޭގެ ތެރޭގައި 12،041 މެޓްރިކް ޓަނުގެ ފްރޯޒެން ޓޫނާއާއި އެހެނިހެން 158.6 މެޓްރިކް ޓަނުގެ ގަނޑުކުރި ރޯ މަސް ހިމެނެ އެވެ.
އޭގެއިތުރުން މިދިޔަ ތިން މަހު އެކްސްޕޯޓުކުރި ބާވަތްތަކުގެ ތެރޭގައި 285.3 މެޓްރިކް ޓަނުގެ ޕްރޮސެސްޑް މަހާއި، 1،904.3 މެޓްރިކް ޓަނުގެ ދަޅު މަސް ހިމެނެ އެވެ.
ކަސްޓަމްސްގެ ތަފާސް ހިސާބުތައް ދައްކާގޮތުން މި އަހަރު ޖެނުއަރީގައި މަހުގެ އެކްސްޕޯޓު 31 ޕަސަންޓު ދަށްވިއިރު، ފެބްރުއަރީގައި 18 ޕަސަންޓު ވަނީ ދަށްވެފަ އެވެ. އަދި މާޗުގައި 64 ޕަސަންޓު ދަށްވި އެވެ.
މިދިޔަ އަހަރު މަހުގެ އެކްސްޕޯޓު ފުރަތަމަ ތިން މަހު އޭގެ ކުރީ ތިން މަހާ އަޅާބަލާއިރު، 10 ޕަސަންޓު އިތުރުވި އެވެ. އަދި ފްރޯޒެން ޓޫނާ އެކްސްޕޯޓުކުރި މިންވަރު 11 ޕަސަންޓު އިތުރުވިއިރު، ދަޅު މަސް އެކްސްޕޯޓުކުރި މިންވަރު 4.7 ޕަސަންޓު އިތުރުވި އެވެ.
Comment