2 މޭ 2024 - 21:08 0
ލީވާން އަލީ ނާސިރު
ރައީސް އޮފީހުގެ ޗީފް ސްޕޯކްސްޕާސަން ހީނާ ވަލީދު: ރައީސް ވިދާޅުވި ގޮތަށް ޔުޓިލިޓީ ޑިސްކައުންޓު ނުލިބޭ ކަމަށް ވިދާޅުވި --- ފޮޓޯ: ރައީސް އޮފީސް
2 މޭ 2024 - 21:08 0
ކަރަންޓާއި ފެން ބިލުތަކުން ޑިސްކައުންޓު ލިބުނު ކަމަށް ބުނެ ދުވަސްތަކެއް ވަންދެން އެކަން ދިފާއުކުރުމަށް ފަހު، ރައީސް ވިދާޅުވި ގޮތަށް ރޯދަ މަހު ބޭނުންކުރި ކަރަންޓާއި ފެނަށް ބިލުތަކުން ޑިސްކައުންޓު ނުލިބޭ ކަމަށް ސަރުކާރުން މިއަދު އެއްބަސްވެއްޖެ އެވެ.
ރައީސް އޮފީހުގެ ޗީފް ސްޕޯކްސްޕާސަން ހީނާ ވަލީދު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި، ރައީސް ވައުދުވެވަޑައިގެންނެވީ ރޯދަ މަހު ބޭނުންކުރި ކަރަންޓާއި ފެން ބިލުތަކުން ލުޔެއް ހޯއްދަވައިދެއްވަން ކަމަށް އެއްބަސްވެވަޑައިގެން، ވިދާޅުވީ އެކަން ރަނގަޅު ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
އެގޮތުން ފެނާއި ކަރަންޓުބިލުތަކުން، "ރައީސް މުއިއްޒު އެދިވަޑައިގެންނެވި ގޮތަށް، ލުއިދެވިފައި ނުވާކަން ފާހަގަކުރެއްވޭތީ"، އެކަން ހައްލުކުރަން ކަމާއިބެހޭ ފަރާތްތަކަށް ރައީސް އަންގަވާފައިވާ ކަމަށް ހީނާ ލިޔުއްވާފައިވެ އެވެ.
ހީނާ މިހެން ވިދާޅުވުމުގެ އިރުކޮޅެއް ކުރިން ޔުޓިލިޓީ ކުންފުނިތަކުން ވަނީ ރޯދަ މަހު ބޭނުންކުރި ކަރަންޓާއި ފެނަށް ޑިސްކައުންޓު ލިބޭގޮތަށް ބިލުތައް މުރާޖައާކުރުމުގެ މަސައްކަތް ފަށާފައިވާ ކަން އިއުލާންކޮށްފަ އެވެ.
ޔުޓިލިޓީ ބިލުތަކުން ދިން ޑިސްކައުންޓު ނުލިބޭ ކަމަށް ބުނެ އާންމުންގެ ޝަކުވާތައް ގިނަވީ، ރޯދަ މަހުގެ ގިނަ ދުވަސްތައް ނުހިމެނޭ ގޮތަށް ކަރަންޓު ބިލުތަކުން ޑިސްކައުންޓު ދިން މައްސަލައިގަ އެވެ. ސޯޝަލް މީޑިއާގައި މިކަމުގެ ކަންބޮޑުވުން ފާޅުކުރި ބައެއް މީހުން ބުނީ ޑިސްކައުންޓު ލިބުނު ބިލު އާންމު މަހެއްގެ ބިލަށް ވުރެ މާ ބޮޑު ކަމަށެވެ.
އާންމުން މި ކަންބޮޑުވުންތައް ފާޅުކުރަން ފެށުމުން ފުރަތަމަ ސަރުކާރުން މަސައްކަތް ކުރީ ޑިސްކައުންޓު ދިން ގޮތް ދިފާއުކުރާށެވެ. އެގޮތުން ސްޓެލްކޯ އާއި ފެނަކައިގެ އެމްޑީންނާއެކީ އާދިއްތަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ޑިސްކައުންޓު ދިނީ ރަނގަޅަށް ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.
ބިލުތައް ބޮޑުވީ އަނެއް ސަބަބެއް ކަމަށް ޔުޓިލިޓީ ކުންފުނިތަކުން ބުނީ މި އަހަރު އާދަޔާ ހިލާފަށް ހޫނު ދުވަސްވަރަކާ ރޯދަ މަސް އިއްތިފާގުވުމުންނެވެ. ނިމުނު މާޗު އަދި އޭޕްރީލްގެ ތެރޭގައި ޖައްވުގެ ހޫނުމިން ރެކޯޑު އަދަދުތަކަށް އިތުރުވެފައިވެ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment