Advertisement

ފަސް މަސް، ސޯލާ ޕެނަލްތައް ބަދަލު ކުރުމުގެ އަމަލީ މަސައްކަތެއް ނުފެށުނު

28 އޭޕްރީލް 2024 - 19:06 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ހުޅުމާލެ ހައިވޭގައި ހަރުކޮށްފައި ހުރި ސޯލާ ޕެނަލްތައް: މި ސޯލާ ޕެނަލް ނިޒާމުން ދުވާލަކު 4.8 މެގަވޮޓުގެ ކަރަންޓު އުފައްދާ -- ފޮޓޯ: އަދަދު ފައިލް


ފަސް މަސް، ސޯލާ ޕެނަލްތައް ބަދަލު ކުރުމުގެ އަމަލީ މަސައްކަތެއް ނުފެށުނު

28 އޭޕްރީލް 2024 - 19:06 0

ސިނަމާލެ ބުރިޖުން ގޮސް ހުޅުމާލެއަށް ދަތުރުކުރާ ހައިވޭގައި ހަރުކޮށްފައިވާ ސޯލާ ޕެނަލްތައް ނަގާނެ ކަމަށް ބުނިތާ ފަސް މަސް ވީއިރު ވެސް އަދިވެސް ކުރިއަށް ދަނީ އެކަން ކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް ކަމަށް ސަރުކާރުން މިއަދު ބުނެފި އެވެ.

ސަރުކާރުގެ އައު ތަރުޖަމާނު، ހީނާ ވަލީދު މަގާމާ ހަވާލުވެވަޑައިގަތުމަށް ފަހު ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އޭނާ ވިދާޅުވީ ސޯލާ ޕެނެލްތައް ނެގުމުގެ މަސައްކަތް ކަމާ ބެހޭ މިނިސްޓަރީތަކުން ކުރަމުންދާ ކަމަށެވެ.

"ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައި ވަނީ ސޯލާ ޕެނަލްތައް އެތަނުން ނަންގަވާނެ ކަމަށް، އެހެންވީމާ ކަމާބެހޭ މިނިސްޓަރީތަކުން އެ މަސައްކަތް ކުރައްވަމުން އެބަ ގެންދަވާ އިނގޭތޯ. ދެން އޭގެ ތަފުސީލު އަޅުގަނޑުމެން ހާމަ ކުރާނަން ކަމާބެހޭ މިނިސްޓަރީތަކުން އެ މައުލޫމާތު ހޯދާލައިފަ،" ހީނާ ވިދާޅުވި އެވެ.

ހައިވޭގައި ހުރި ސޯލާ ޕެނަލްތަކުގެ ސަބަބުން ބުރިޖު ސަރަހައްދުން ފެންނަ ރީތި މަންޒަރު ގެއްލިފައިވާ ކަމަށް ވިދާޅުވެ މީހުން ދިރިއުޅޭ އެހެން ރަށަކަށް އެ ޕެނަލްތައް ބަދަލު ކުރައްވާނެ ކަމަށް ރައީސް ވައުދުވެވަޑައިގެންނެވީ ވެރިކަމުގެ ހުވާ ކުރެއްވުމުގެ ކުރީން މިދިޔަ އޮކްޓޫބަރު، 28 ގަ އެވެ.

އެމަނިކުފާނު އެދުވަހު ވިދާޅުވީ އިއާދަކުރަނިވި ހަކަތަ ވެސް މުހިންމު ކަމަށެވެ. ނަމަވެސް ހައިވޭގައި ޕެނަލް ޖެހުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށެވެ.

އިންތިހާބީ ރައީސްގެ ގޮތުގައި ރައީސް މުއިއްޒު ހުންނެވިއިރު، އެވާހަކަ އެގޮތަށް ދެއްކެވި ނަމަވެސް ލިންކު ރޯޑުގައި ސޯލާ ޕެނަލް ޖެހުމަށް ނިންމީ އެމަނިކުފާނު ހައުސިން މިނިސްޓަރަކަށް ހުންނަވައިގެން، ކުރީގެ ރައީސް ޔާމީނުގެ ސަރުކާރުންނެވެ.

ހައިވޭގައި ހުރި ސޯލާ ޕެނަލްތަކުން ދުވާލަކަށް 4.8 މެގަވޯޓުގެ ކަރަންޓު އުފައްދަ އެވެ. އެ ޕެނަލްތަކުން އުފައްދާ ކަރަންޓު ސްޓެލްކޯއިން ގަންނަނީ ކަރަންޓު ޔުނިޓެއް 10.09 އެމެރިކާ ސެންޓަށެވެ. ދިވެހި ރުފިޔާއިން ބަލާނަމަ ކަރަންޓު މީޓަރަކަށް އެއް ރުފިޔާ 68 ލާރީގެ މަގުންނެވެ.

އެންމެ އާބާދީބޮޑު މާލެ ސަރަހައްދުގައި އިއާދަކުރަނިވި ހަކަތައިން ކަރަންޓު އުފެއްދުމަށް ފެށި އެ މަޝްރޫއުއިން އަހަރަކަށް 7.3 މިލިއަން ކަރަންޓު ޔުނިޓު އުފައްދާނެ ކަމަށް ޕްރޮޖެކްޓު ފެށުމުގެ ކުރިން އަންދާޒާ ކޮށްފައިވެ އެވެ.

އެ އަދަދަށް ބަލާނަމަ، ދިވެހި ދައުލަތުން ކަރަންޓު އުފެއްދުމަށްޓަކައި ތެލަށް ކުރާ ހޭދައިން ގާތްގަނޑަކަށް 15 އާއި 20 މިލިއަން ދިވެހި ރުފިޔާ ކޮންމެ އަހަރު ސަލާމަތް ކުރެވޭނެ އެވެ.

ހައިވޭގައި ހަރުކުރި ސޯލާ ޕެނަލްތަކަކީ 2010 ވަނަ އަހަރު އެކުލަވައިލި ކާބަން ނިއުޓްރަލް އިންވެސްޓުމަންޓު ޕްލޭންގެ ދަށުން ފެށުނު ހަރަކާތްތަކުގެ ތެރެއިން އެންމެ ފުރަތަމަ ރާއްޖެއަށް ލިބުނު އިންވެސްޓުމަންޓުން ހިންގަން ފެށި މަޝްރޫއުގެ ދަށުން ކުރެވުނު މަސައްކަތެކެވެ.

ވޯލްޑު ބޭންކުގެ އެހީގައި ކުރިއަށް ގެންދިޔަ މި މަޝްރޫއުގެ ކޮންޓްރެކްޓަރަކީ ތައިލެންޑުގެ "އެންސިސް ކޯ" އެވެ. އެ ކުންފުންޏާ ހަވާލުކުރި މަޝްރޫއުގެ ޖުމުލަ އަގަކީ 11 މިލިއަން ޑޮލަރު ނުވަތަ 169 މިލިއަން ދިވެހި ރުފިޔާ އެވެ.

ސޯލާ ޕެނަލްތައް ނަގައި އެހެން ތަނަކަށް ބަދަލު ކުރާނަމަ، އެ މަޝްރޫއުއަށް ކުރި ހަރަދަށްވުރެ ބޮދު ހަރަދެއް ކުރަންޖެހޭނެ ކަމަށް ސަރުކާރު ބަދަލުވުމުގެ ކުރިން އޭރުގެ އެންވަރަމަންޓު މިނިސްޓަރީން ބުނެފައިވެ އެވެ.

އޭރު އެ މިނިސްޓްރީން ބުނީ ސޯލާ ޕެނަލްތައް ނަގައި އެހެން ތަނަކަށް ބަދަލު ކުރުމަށް 170 މިލިއަން ދިވެހި ރުފިޔާ ހަރަދުވާނެ ކަމަށެވެ.