Advertisement

ބާސެލޯނާގައި މަޑުކުރީ ފައިސާ އަކަށް ނޫން: ޒަވީ

28 އޭޕްރީލް 2024 - 07:20 0


ބާސެލޯނާގައި މަޑުކުރީ ފައިސާ އަކަށް ނޫން: ޒަވީ

28 އޭޕްރީލް 2024 - 07:20 0

ބާސެލޯނާ (އޭޕްރީލް 28) - ބާސެލޯނާ ދޫކޮށްލަން ނިންމި ނިންމުން ބަދަލުކުރީ އެއްވެސް ވަރަކަށް ފައިސާގެ ބޭނުމުގައި ނޫން ކަމަށް އެ ޓީމުގެ ކޯޗު ޒަވީ ހެނާންޑޭޒް ބުނެފި އެވެ.

މީގެ ތިން މަސް ކުރިން ޒަވީ ވަނީ ބާސެލޯނާ ދޫކޮށްލަން ނިންމާފައިވާކަން އިއުލާނުކޮށްފަ އެވެ. އެކަމަކު، މީގެ ދެ ދުވަސްކުރިން އޭނާ އެ ނިންމުން ބަދަލުކޮށް، ވަނީ ބާސެލޯނާގައި މަޑުކުރާނެކަން އިއުލާނުކޮށްފަ އެވެ.

އެ ގޮތުން، ޒަވީ ވަނީ އަންނަ ސީޒަނުގައި ވެސް ބާސެލޯނާއާ އެކު ކުރިއަށްދާން ނިންމައިފަ އެވެ.

"އެއްވެސް އިރެއްގައި ބާސެލޯނާއާ ގުޅޭ ނިންމުމެއް ފަސޭހައެއް ނޫން. ޖެނުއަރީގައި އަހަންނަށް ވިސްނުނީ ކްލަބަަށް އެންމެ ރަނގަޅު ގޮތަކީ އަަހަރެން ދިއުމޭ، އެކަމަކު، މިހާރު ހާލަތު ބަދަލުވެއްޖެ، އަހަރެން ބޭނުން މި ޕްރޮޖެކްޓް އިތުރަށް ކުރިއަށް ގެންދަން އަހަރެން ހުންނަން،" ޒަވީ ބުންޏެވެ.

"ކަމެއް ސާފުކޮށްދޭން ވެސް ބޭނުން. މިއީ އެއްވެސް ވަރަކަށް ފައިސާގެ ކަމެއްގެ ސަބަބުން އައި ނިންމުމެއް ނޫން. މި ނިންމުމާ ހެދި އަހަންނަށް އިތުރު އެއް ޔޫރޯ ވެސް ފައިދާއެއްގެ ގޮތުގައި ނުލިބޭ. އަހަރެން މި ނިންމުން މި ނިންމަނީ، މި ޕްރޮޖެކްޓާ އެކު ކާމިޔާބު ހޯދޭނެ ހާލަތަކަށް ކްލަބް ދާތަން ފެންނާތީ،"

ކްލަބް ދޫކޮށްލަން ޒަވީ ނިންމި ހިސާބުން ވެސް އޭނާގެ އެ ނިންމުން ބަދަލުކުރަން މަސައްކަތް ކުރި އެއް ފަރާތަކީ، ބާސެލޯނާގެ ރައީސް ޖޮއާން ލަޕޯޓާ އެވެ.

ލަޕޯޓާ ވިދާޅުވީ، ޒަވީގެ މި ނިންމުމަކީ، ކްލަބްގެ މުސްތަގުބަލު ރަނގަޅު މަގުގައި ކުރިއަަށްދާތަން ފެންނާތީ އެ ޔަގީންކަން ލިބުމުން އައި ނިންމުމެއް ކަމަށެވެ.

އޭނާ ވިދާޅުވީ، މިހާރު ފޯކަސް ހުރީ މި ސީޒަން ރަނގަޅަށް ނިންމާލައި، އަންނަ އަހަރަށް ވަރުގަދަ އަށް ތައްޔާރުވުން ކަމަށެވެ.