Advertisement

އަބްދުﷲ މައުމޫނަށް ރިޝްވަތުގެ ހަތް ދައުވާއެއް އުފުލައި ރާއްޖެ ގެންނަން އިންޓަޕޯލްގައި އެދެނީ

25 އޭޕްރީލް 2024 - 14:14 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް


އަބްދުﷲ މައުމޫނަށް ރިޝްވަތުގެ ހަތް ދައުވާއެއް އުފުލައި ރާއްޖެ ގެންނަން އިންޓަޕޯލްގައި އެދެނީ

25 އޭޕްރީލް 2024 - 14:14 0

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި، މޯލްޑިވްސް ގޭސް ޕްރައިވެޓް ލިމިޓެޑް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ކަން ކުރެއްވި އަބްދުﷲ މައުމޫނުގެ މައްޗަށް ރިޝްވަތުގެ ހަތް ދައުވާއެއް އުފުލައިފި އެވެ.

ޕްރޮސެކިއުޓަ ޖެނެރަލްގެ އޮފީހުން ބުނި ގޮތުގައި އަބްދުﷲ މައުމޫނުގެ މައްޗަށް މިދިޔަ ހަފުތާ ބުރާސްފަތި ދުވަހު ދައުވާކޮށް ކްރިމިނަލް ކޯޓަށް ވަނީ ހުށަހަޅައިފަ އެވެ.

އަބްދުﷲ މައުމޫނަށް މި ދައުވާތައް އުފުލި އިރު އޭނާ މިހާރު ދިރިއުޅެނީ ރާއްޖޭން ބޭރުގަ އެވެ. އޭނާ ހައްޔަރުގައި ބަހައްޓައިގެން ޝަރީއަތަށް ހާޒިރުކޮށްދިނުމުގެ އަމުރެއް ކޯޓުގައި އެދުމަށް ވެސް ޕީޖީން ނިންމާފައިވެ އެވެ. އަދި އެ އަމުރުގެ ދަށުން އިންޓަޕޯލް މެދުވެރިކޮށް ރާއްޖެ އަނބުރާ ގެނައުމުގެ މަސައްކަތް ކުރާނެ ކަމަށް އެ އޮފީހުން ބުންޏެވެ.

އޭނަގެ މައްޗަށް އުފުލީ ރިޝްވަތު ހިފުމުގެ ކުށުގެ ހަތް ދައުވާ އެވެ. އެއިން ކޮންމެ ދައުވާއެއްގެ އަސާސީ އަދަބަކީ ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ މުއްދަތަކަށް ޖަލަށް ލުމެވެ. ހަތް ދައުވާއަށް ޖުމުލަ އެއީ، ގާތްގަނޑަކަށް 22 އަހަރާއި ތިން މަހުގެ މުއްދަތެކެވެ.

ހަތް ދައުވާ އުފުލާފައިވަނީ، މޯލްޑިވްސް ގޭސްއަށް ލިކުއިޑް ޕެޓްރޯލިއަމް ގަތުމަށް ތްރީ.ޑީ.އެޗް އިންޓަނޭޝަނަލަށް ހަވާލުކުރުމަށް ފަހު އެ ކުންފުނިން އެކި ދުވަސް މަތިން އަބްދުﷲ މައުމޫނަށާއި އޭނާގެ މަސްލަހަތު އޮންނަ ކުންފުނިތަކަށް އަދި އާއިލާ މީހުނަށް ފައިސާ ޖަމާކޮށްފައިވާ ހަތް މުއާމަލާތަކަށެވެ.

ފުރަތަމަ ދައުވާގައި ބުނަނީ ފުރަތަމަ މުއާމަލާތް ހިނގީ އޭޕްރީލް 7، 2016 ގައި ކަމަށެވެ. އެ ދުވަހު އަބްދުﷲ މައުމޫންގެ ބީއެމްއެލް އެކައުންޓަކަށް 29،941.50 ޑޮލަރު ޖަމާކޮށްފައިވާ ކަމަށް ޕީޖީން ތުހުމަތުކޮށްފައިވެ އެވެ.

ޕީޖީން ބުނާ ގޮތުގައި ދެވަނަ މުއާމަލާތް ހިނގީ ޖޫން 7، 2016 ގަ އެވެ. އަބްދުﷲ މައުމޫންގެ ބޭންކް އޮފް ސިލޯނުގެ އެކައުންޓަކަށް 49،921.50 އެމެރިކާ ޑޮލަރު ޖަމާކޮށްފައިވާ ކަމަށާއި، އޭނާއާ ގުޅުން ހުންނަ މޮން އާކް ޕްރައިވެޓް ލިމިޓެޑް ކުންފުނީގެ ބީއެމްއެލް އެކައުންޓަކަށް 12،201.50 ޑޮލަރު ޖަމާކޮށްފައިވާ ކަމަށެވެ.

ދެން ތިންވަނަ ދައުވާކުރި މުއާމަލާތް ހިނގި ކަމަށް ބުނެފައިވަނީ އޮގަސްޓް 1، 2016 ގަ އެވެ. އަބްދުﷲ މައުމޫނާ ގުޅުން އޮންނަ މޮން އާކް ކުންފުނީގެ ބީއެމްއެލް އެކައުންޓަކަށް 49،949.50 އެމެރިކާ ޑޮލަރު ޖަމާކޮށްފައިވާ ކަމަށް އެ ދައުވާގައި ތުހުމަތުކޮށްފައިވެ އެވެ.

ހަތަރުވަނަ މުއާމަލާތް ހިނގި ކަމަށް ބުނެފައިވަނީ އޭޕްރީލް 9، 2017 ގަ އެވެ. އަބްދުﷲ މައުމޫނާ ގުޅުން ހުރި އެހެން ކުންފުންޏެއް ކަމަށްވާ، އައި ޑިވެލޮޕާސް ޕްރައިވެޓް ލިމިޓެޑް އިސްލާމިކް ބޭންކް އެކައުންޓަކަށް 24،930 ޖަމާކޮށްފައިވާ ކަމަށް ދައުވާގައި ބުނެފައިވެ އެވެ.

ޕީޖީން ބުނާ ފަސްވަނަ މުއާމަލާތަކީ، މެއި 15، 2017، ގައި ހިނގި މުއާމަލާތެކެވެ. އަބްދުﷲ މައުމޫނުގެ އިސްލާމިކް ބޭންކްގެ އެކައުންޓަކަށް 46،555 ޑޮލަރު ޖަމާކުރަން މަސައްކަތްކޮށްފައިވާ ކަމަށް ތުހުމަތުކޮށްފައިވެ އެވެ.

ހަވަނަ ދައުވާގައި ބުނާ މުއާމަލާތް ހިނގީ އޮގަސްޓް 23، 2017 ގަ އެވެ. އަބްދުﷲ މައުމޫނުގެ އިސްލާމިކް ބޭންކްގެ އެކައުންޓަކަށް 49،955 ޑޮލަރު ޖަމާކޮށްފައިވާ ކަމަށް ދައުވާގައި ބުނެފައިވެ އެވެ.

ހަތް ދައުވާގައި ބުނާ މުއަމާލާތް ހިނގީ އޮކްޓޯބަރު 8، 2017 ގަ އެވެ. އަބްދުﷲ މައުމޫނުގެ އެއްބަފާ ބޭބެ އަހުމަދު ހަމީދުގެ ބީއެމްއެލް އެކައުންޓަކަށް 34،950 ޑޮލަރު ޖަމާކޮށްފައިވާ ކަމަށް ދައުވާގައި ބުނެފައިވެ އެވެ.

މި މުއާމަލާތްތަކާ ގުޅިގެން ރިޝްވަތުގެ ގޮތުގައި އަބްުދުﷲ މައުމޫނާއި އޭނާއާ ގުޅުން ހުރި އެކައުންޓުތަކަށް 298،403.5 އެމެރިކާ ޑޮލަރު ޖަމާކޮށްފައިވާ ކަމަށް ޕީޖީން ބުނެފައިވެ އެވެ.