about 24 hours 1
ލީވާން އަލީ ނާސިރު
ކެނދިކުޅުދޫ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު އީސާ ރޭ އެމްޑީޕީގެ ހަރުގެ ޖަލްސާގައި ވާހަކަ ދައްކަނީ. -- ފޮޓޯ: އެމްޑީޕީ
about 24 hours 1
ނ. ކެނދިކުޅުދޫގެ މަގު ހެދުމުގެ ނަމުގައި ދައުލަތުގެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކޮށް ބޮޑެތި ހިޔާނާތްތައް ހިންގަމުންދާ ކަމަށް ރައްޔިތުންގެ މަޖިލީޙުގެ އެ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު އީސާ ތުހުމަތު ކުރައްވައިފި އެވެ.
އެމްޑީޕީން ރޭ ބޭއްވި ހަރުގެ ޖަލްސާގައި އީސަ ވިދާޅުވީ އާރުޑީސީން ކެނދިކުޅުދޫގައި ބޭނުންކުރުމަށް ކުއްޔަށް ހިފާފައިވާ ޕިކަޕަކީ އެއްވެސް ވަރަކަށް ބޭނުންކުރެވޭ ހާލަތެއްގައި އޮތް އުޅަނދެއް ނޫން ކަމަށެވެ. ނަމަވެސް އެ ޕިކަޕަށް މަހަކު 75000ރ. ދެމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
"މުއިއްޒު ވެރިކަމަށް ވަޑައިގެންނެވިއިރުވެސް އޭގެ [ޕިކަޕްގެ] ހަތަރު ފުރޮޅާއި ބޮލާ ހުރީ ވަކިން ގެއެއްގެ ގުދަނެއްގައި. އަދިވެސް އޮތީ އެހެން. ދުވާލަކު 2،500ރ. އަށް އާރުޑީސީއަށް ކުއްޔަށް ދީފައި، މަހަކު 75،000ރ. އެ ޕިކަޕަށް ޕޭ ކުރަމުން އެބަދޭ،" އީސަ ވިދާޅުވިއެވެ.
އީސަ ފާހަގަކުރެއްވި ގޮތުގައި، މަގު ހެދުމުގެ ނަމުގައި ކެނދިކުޅުދޫން ފަސްދޮޅަހަކަށް މީހުން ވަޒީފާއަށް ނަގައި، އެއްވެސް މަސައްކަތެއް ނުކުރުވައި މުސާރަ ދެމުންދާތާ ދެ އަހަރު ވެއްޖެ ކަމަށެވެ. އަދި ރަށުގައި އޮންނަ ޕީއެންސީގެ ސްޓެއަރިން ކޮމިޓީގެ ކޮންމެ މެންބަރަކަށް ސަރުކާރުގެ ކުންފުނިތަކުން މަހަކު 10،000 ރުފިޔާގެ މުސާރައެއް ދެމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ސަރުކާރުގެ ހިންގުމަށް ފާޑުވިދާޅުވަމުން އީސަ ވިދާޅުވީ މި ސަރުކާރުގެ ސިޔާސީ ވަޒީފާތަކުގައި ތިބި 60 ޕަސެންޓަށް ވުރެ ގިނަ މީހުންނަކީ އެއްވެސް ގާބިލްކަމެއް ނެތް، ހަމައެކަނި "ސަނާ ކިޔާތީ" ވަޒީފާ ދީފައި ތިބި ބައެއް ކަމަށެވެ.
"ލަދު ހަޔާތުގެ ކަންފުޅެއް ވެސް ހުރި ނަމަ މިހާރު އިސްތިއުފާ ދީފައި ވެރިކަމުން ފައިބައިގެން ދާން އެބަ ޖެހޭ. ރަނގަޅު ރައްޔިތުންގެ މަޖިލީހެއް އޮތް ނަމަ މިއަދު މިމީހާ އަޒުލުކޮށްފައި މި ވެރިކަން ބަދަލުކޮށްފީސް،" އީސަ ވިދާޅުވިއެވެ.
ނަމަވެސް މަޖިލީހުގެ ޕީއެންސީ މެންބަރުންނަކީ ސަރުކާރުން ބުނާހާ ގޮތެއް ހަދާ "ރޮނގާލިން" ކަމަށް އޭނާ ސިފަކުރެއްވިއެވެ.
އީސަގެ ވާހަކަ ނިންމާލަމުން ރައްޔިތުންނަށް އިލްތިމާސް ކުރެއްވީ، މާޒީގައި ހެދުނު ގޯސްތައް ތަކުރާރު ނުކުރުމަށާއި، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި މި "ޖައްބާރު" ވެރިކަމަށް ނޫނެކޭ ބުނެ ރައްޔިތުންގެ ބާރު ދެއްކުމަށެވެ.
Comment