Advertisement

އެފްއޭއެމް މައްސަލައިގައި އަމީން ކޮންސްޓްރަކްޝަންގެ މައްޗަށް ކުށް ސާބިތުނުވި މައްސަލަ އިސްތިއުނާފު ކުރަނީ

6 ޖަނަވަރީ 2026 - 15:45 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ހުޅުމާލޭގައި ހުންނަ އަމީން އެވެނިއުގެ ޓަވަރެއް: އެ ކުންފުންޏަށް މަނީ ލޯންޑާ ކުރުމަށް އެހީތެރިވުމުގެ ކުށް ސާބިތުވެފައެއް ނުވޭ -- ފޮޓޯ: އަދަދު ފައިލް


އެފްއޭއެމް މައްސަލައިގައި އަމީން ކޮންސްޓްރަކްޝަންގެ މައްޗަށް ކުށް ސާބިތުނުވި މައްސަލަ އިސްތިއުނާފު ކުރަނީ

6 ޖަނަވަރީ 2026 - 15:45 0

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ފައިސާއަށް ހިޔާނަތްތެރިވި މައްސަލައިގައި އަމީން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް އުފުލި މަނީ ލޯންޑާ ކުރުމަށް އެހީތެރިވުމުގެ ކުށުގެ ދައުވާ ސާބިތު ނުވާ ކަމަށް މިއަދު ކަނޑައެޅުމުން އެ މައްސަލަ އިސްތިއުނާފު ކުރަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އިން ނިންމައިފި އެވެ.

އަމީން ކޮންސްޓްރަކްޝަން ހިމެނޭ މުއާމަލާތާ ގުޅިގެން އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ މައްޗަށް ކުރި މަނީ ލޯންޑްރިންގެ ދައުވާ ވަނީ ސާބިތުވާ ކަމަށް ހުކުމްކޮށްފަ އެވެ. އެ މައްސަލައިގައި އޭނާގެ މައްޗަށް އިއްވާފައިވަނީ ޖުމްލަ 23 އަހަރުގެ ޖަލު ހުކުމެކެވެ.

ޕީޖީން ބުނީ އަމީން ކޮންސްޓްރަކްޝަން ހިމެނޭ މުއާމަލާތުގައި ބައްސާމްގެ މައްޗަށް ކުށް ސާބިތުވެފައިވާއިރު، އެ މުއާމަލާތާ ގުޅިގެން އަމީންގެ މައްޗަށް ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ ޝަރުއީ އަދި ގާނޫނީ އުސޫލުތަކާ ހިލާފަށް ކަމަށެވެ.

މިކަމުގައި އެންމެ ފަހު ނިންމުމެއް ނިންމެން އޮތީ މައްސަލައިގެ ޝަރީއަތް ނިމުނު ގޮތުގެ ފުރިހަމަ ރިޕޯޓެއް ލިބުމުން ކަމަށްވާތީ، އެ ރިޕޯޓު ލިބުމުން އިސްތިއުނާފް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް ޕީޖީން ވަނީ ބުނެފަ އެވެ.

އަމީންގެ މައްޗަށް ޕީޖީން ދައުވާކުރީ އެފްއޭއެމަށް ފީފާއިން ދިން 1.9 މިލިއަން ޑޮލަރުގެ ތެރެއިން 100،000 ޑޮލަރު ނެގޭ ގޮތަށް އެފްއޭއެމްގެ ޗެކެއް އަމީން އެވެނިއުގެ އެޕާޓުމެންޓެއް ގަންނަން ފައިސާ ދިނުމުން، އެއީ އެފްއޭއެމްގެ ފައިސާކަން އެނގިހުރެ އެ ފައިސާ ބަލައިގަނެގެންނެވެ.

މީގެއިތުރުން އެ ފައިސާއަކީ ޑޮލަރު ގަތުމުގެ މުއާމަލާތެއް ކަމަށް ބުނެ ބޭންކް އޮފް ސިލޯނަށް އަމީން އެވެނިއުއިން ސިޓީއެއް ފޮނުވައި، އޭޕްރިލް 14، 2021، ގައި އަމީން އެވެނިއުގެ އެކައުންޓަށް އެ ޑޮލަރުތައް ޖަމާކޮށް، އެ ފައިސާއަށްވާ ދިވެހި ރުފިޔާ އެފްއޭއެމަށް ދެއްކުމުގެ ބަދަލުގައި އެ ފައިސާ އެފްއޭއެމަށް ދީފައިވާކަން ދެއްކުމަށް އަމީން ކޮންސްޓްރަކްޝަންގެ ނަމުގައި ކޭޝް ވައުޗަރުތަކެއް ތައްޔާރުކޮށް މަނީ ލޯންޑާ ކުރުމަށް ބައްސާމަށް އެ ކުންފުނިން އެހީތެރިވި ކަމަށް ޕީޖީން ތުހުމަތު ކުރެ އެވެ.

އެފްއޭއެމްގެ ފައިސާއަށް ހިޔާނަތްތެރިވި ދައުވާތަކެއް ބައްސާމްގެ މައްޗަށް މިހާތަނަށް ތިން ހުކުމެއް ވަނީ ކޮށްފަ އެވެ. އެއީ ފަސް އަހަރުގެ ހުކުމަކާއި ހަތަރު އަހަރުގެ ހުކުމަކާއި 23 އަހަރުގެ ހުކުމެކެވެ.