Advertisement

ސަރުކާރާއި މަޖިލިސް މަސްހުނިކޮށްލުން: ސަގާފަތަކަށް އަދި އިމްތިހާނަކަށް!

23 އޭޕްރީލް 2024 - 09:01 2

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ދިވެހި ރައްޔިތުން ނިންމަނީ ސަރުކާރު އަދި މަޖިލިސް އެއް ސިޔާސީ ޕާޓީއެއްގައި ބޭއްވުމަށް ކަން އަންގައިދޭ އާޓްވޯކެއް - ގްރެފިކްސް: ރައްޔާން މުހައްމަދު / އަދަދު


ސަރުކާރާއި މަޖިލިސް މަސްހުނިކޮށްލުން: ސަގާފަތަކަށް އަދި އިމްތިހާނަކަށް!

23 އޭޕްރީލް 2024 - 09:01 2

މަޖިލިސް އިންތިހާބުތަކުގައި މި ފެންނަނީ ހަމަ އެއް ޕެޓާނެކެވެ. އެކަން ސަގާފަތަކަށް ހަދައިފި އެވެ. ރިޔާސީ އިންތިހާބު ކާމިޔާބުކުރާ ސިޔާސީ ޖަމާއަތަށް، އޭގެ މަސްތަކެއް ފަހުން ބާއްވާ މަޖިލިސް އިންތިހާބުގައި މެޖޯރިޓީ ދިނުމެވެ. މީގެ ކުރިން 2014، އިން ފެށިގެން 2024، އަށް ތަކުރާރުވި ސިޔާސީ ހަގީގަތަކީ މިއީ އެވެ.

ފެހި ގާނޫނުއަސާސީ އެކުލަވާލުމަށް ފަހު، ފުރަތަމަ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އެމަނިކުފާނަށް މަޖިލީހުގެ މެޖޯރިޓީއެއް ނުލިބެ އެވެ. ސަތާރަވަނަ މަޖިލީހުގައި 77 މެންބަރުން ތިބޭ އިރު އެމަނިކުފާނު ލީޑްކުރައްވަމުން ގެންދެވި އެމްޑީޕީއަށް ލިބުނީ 26 ގޮނޑި އެވެ. މަޖިލީހަށް ލިބިދީފައިވާ ބާރުތަކުގެ ތެރެއިން ސަރުކާރަށް އުނދަގޫވާނެ އެތައް ކަމެއް އޭރުގެ ވާދަވެރިން ކުރަމުން ދިޔަ އެވެ.

"ވެރިކަން އަބަދުވެސް ހިފަހައްޓާފައި މި އޮންނަނީ ރައްޔިތުންގެ މަޖިލީހުން، އަންނަ ކޮންމެ ވެރިޔަކަށް ވެސް ރައްޔިތުންގެ މަޖިލީހުގެ ބާރު ދެމެހެއްޓުން ކޮންމެހެން އެބަ ބޭނުންވޭ ވެރިކަން ދަމަހައްޓަން ބޭނުން ވަންޏާ،" އެމަނިކުފާނުގެ ވެރިކަމުގައި ކުރެއްވި ތަޖުރިބާތަކުގެ ވާހަކަ ހިއްސާކުރައްވަމުން ކުރީގެ ރައީސް މުހައްމަދު ނަޝީދު "އަދަދު" ނޫހަށް މީގެ ކުރިން ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައިވެ އެވެ.

އޭގެ ފަހުން މަޖިލިސް އިންތިހާބު ބޭއްވި ތިން ފަހަރު ވެސް ފެނިގެން ދިޔައީ ސަރުކާރު ހިންގާ ޕާޓީއަށް ބޮޑު އަގުލަބިއްޔަތެއް ރައްޔިތުން ދިން ތަނެވެ. ދެހާސް ސާދައިގައި އޭރު ވެރިކަން ކުރާ ޕީޕީއެމަށް މަޖިލީހުގެ 35 ގޮނޑި ހޯދި އިރު ހުވާ ކުރުމުގެ ރަސްމިއްޔާތުގެ ކުރިން އިތުރު އެތައް މެންބަރުންނެއް އެ ޕާޓީއަށް ސޮއިކުރެވޭނެ ގޮތް ހަމަޖެއްސި އެވެ. ފަހުން 2019، ގައި ސަރުކާރު ކޯލިޝަންގެ މައި ޕާޓީ ކަމަށްވާ އެމްޑީޕީއަށް 87 ގޮނޑީގެ ތެރެއިން 65 ގޮނޑި ލިބުނެވެ.

އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އަނެއްކާ ވެސް ތަކުރާރުވީ އެ ސިޔާސީ ހަގީގަތެވެ. މިހާރު ސަރުކާރު ހިންގާ ކޯލިޝަންގައި ޕީއެންސީއަށް 66 ގޮނޑި ލިބުނު އިރު ސަރުކާރުން ތާއީދު ދީގެން އިންތިހާބުގައި ވާދަކޮށް ކާމިޔާބުކުރި އެހެން ޕާޓީތަކާއި އަމިއްލަ ކެންޑިޑޭޓުން ހިމެނޭ ގޮތަށް ސަރުކާރަށް 70 އަށް ވުރެ ގިނަ ގޮނޑި ހޯދިފައިވެ އެވެ. ސަރުކާރާ ދެކޮޅަށް ފެންނަނީ ވާދަވެރި އެމްޑީޕީއަށް ލިބުނު 12 ގޮނޑި އެކަންޏެވެ. ސަރުކާރަށް އިހުނަށް ވުރެ، ފުޅާ މެޖޯރިޓީއެކެވެ.

ދިވެހިންގެ މި ސަގާފަތުގެ ފަހަތުގައި އެއްވެސް ހިކުމަތެއް އެބަ އޮތް ހެއްޔެވެ؟

ވެރިކަމުގެ ނުފޫޒު، އަދި ސިޔާސީ ހަމަޖެހުމަށް އެދުން

ފެންނަން އޮތް އެއް ހަގީގަތަކީ އޭރެއްގައި އޮންނަ ސަރުކާރުގެ ބައެއް "އަމަލީ" ސިޔާސަތުތަކުގެ ސަބަބުން ސަރުކާރަށް މަގުބޫލުކަން ކުޑަވަމުން ދިޔަ ނަމަވެސް މަޖިލީހުގެ ގޮނޑިތައް ސަރުކާރަށް ހޯދޭ ކަމެވެ.

މީގެ އެއް މިސާލަކީ މިދިޔަ ސަރުކާރުގެ ފަހުކޮޅު ބޭއްވި ދެ ބައި-އިލެކްޝަނެވެ. އޭރު ވެސް ސަރުކާރުގެ މަސައްކަތުގެ ދުވެއްޔާ މެދު އާންމުންގެ ފާޑުކިޔުންތައް އިންތިހާއަށް އޮތް ނަމަވެސް ބައި-އިލެކްޝަންގެ ކެމްޕެއިން ތެރެއިން ސަރުކާރުގެ ގިނަ އަދަދެއްގެ މަޝްރޫއުތައް ދާއިރާ ހިމެނޭ ރަށްރަށުގައި ހިންގަން ފެށުމާއި އިތުރު ވަޒީފާތައް އުފެއްދުމާއި ސަރުކާރަކުން ހަމަޖައްސައިދޭނެ އެތައް ކަމެއް ކުރި އެވެ.

ނަތީޖާއަކީ އެ ދާއިރާއަށް އޭރު ސަރުކާރު ހިންގާ އެމްޑީޕީއަށް ގޮނޑި ލިބުމެވެ. އޭގެ މާ ގިނަ ދުވަސްތަކެއް ނުވެ ބޭއްވި ރިޔާސީ އިންތިހާބުގައި އެ ޕާޓީއަށް އެ ސަރަހައްދުތަކުން ވެސް އެދެވޭ ނަތީޖާއެއް ނުހޯދެ އެވެ.

ސިޔާސީ މަސްރަހުގެ ކަންކަން ދިރާސާކުރައްވާ، ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވީ ވެރިކަމުގެ ނުފޫޒު އިންތިހާބުތަކަށް އަސަރުކުރާ ކަން މާޒީން ފެންނަން އެބަ އޮތް ކަމަށެވެ. މުޅި ރައްޔިތުން ބައިވެރިވެގެން ނަތީޖާ ނެރޭ ގޮތަށް އޮންނަ ރިޔާސީ އިންތިހާބު އަދި އާބާދީގެ ނިސްބަތް މަދުކޮށް ބާއްވާ ވަކިވަކި ދާއިރާތަކުގެ އިންތިހާބަށް ނުފޫޒު ފޯރުވޭ ކަން ފެންނަން އެބަ އޮތް ކަމަށް އުމަރު ދެކެ އެވެ.

"ޕާޓީ ސިސްޓަމަށް ފަހު ސަރުކާރުތަކުން މި ކަން ކަލްޗާއަކަށް ހެދީ، ސަރުކާރު ކުންފުނިތަކުގެ ބްރާންޗްތައް ރަށްރަށުގައި ހަދައިގެން، އެއިން ވަޒީފާ ހަމަޖައްސައިދިނުން، ރަށަށް ނުވެ ހުރި އަސާސީ ބައެއް ކަންކަން، މަޝްރޫއުތައް އިއުލާންކުރުން، ރައްޔިތުންނަށް ފެންނަން ފެށީ، އެހެނޭ ދެން ތިމަންނަމެންގެ ބޭނުންތައް ފުއްދޭނީ، ކުރިއެރުންތައް ހޯދޭނީ،" އުމަރު ވިދާޅުވި އެވެ.

ފެހި ގާނޫނު އަސާސީއަށް ފަހު ރައްޔިތުން ފުރަތަމަ ތަޖުރިބާކުރީ ސިޔާސީ ގޮތުން ހަލަބޮލި ދުވަސްތަކެކެވެ. ނަޝީދު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ހަލަބޮލިކަން އިންތިހާއަށް އޮތެވެ. މަގުމަތީގެ ހަރަކާތްތައް ގިނަ އެވެ. ވާދަވެރި ޕާޓީގެ ސަޕޯޓަރުންނާއި ސަރުކާރާ މެދު ހިތްހަމަނުޖެހޭ މީހުން މަސައްކަތް ކުރަމުން ދިޔައީ ހިތްހަމަނުޖެހޭ ކަންކަމުގައި މަގުމަތީގައި އިހުތިޖާޖުކޮށްގެން ކަންކަން ހާސިލްކުރުމަށެވެ.

ޕޮލިޓިކަލް އެނަލިސްޓް، ކުރީގެ ފޮރިން މިނިސްޓަރު ޑރ. އަހުމަދު ޝަހީދު ދެކެވަޑައިގަންނަވާ ގޮތުގައި ސިޔާސީ މަންޒަރަށް އައި އެއް ބަދަލަކީ ސިޔާސީ ޕާޓީތައް ލީޑްކުރައްވަން ތިއްބެވި ބޭފުޅުންގެ އުކުޅުތައް ބަދަލުވުމެވެ. އަދި އެއިން ބައެއް ކަންކަމަށް ރައްޔިތުން ވެސް ހޭނި، މަގުމަތި ހަލަބޮލިކޮށް ބޭއްވުމުގެ ބަދަލުގައި ފަސް އަހަރުގެ މުއްދަތުގައި ހަމަޖެހިގެން ދިރިއުޅުމުގެ ބޭނުންވާ ކަމަށް ޝަހީދު ދެކެ އެވެ.

"ސިޔާސީ މަސައްކަތުގެ ކާސްޓު ބަދަލުވެފައި މި އޮތީ، އޭގެ އެއް ނިޝާނެއް އެއީ، އަންނި [އެމްޑީޕީ މިވީހާ ދުވަހު ލީޑުކުރެއްވި ޕޮލީޓިޝަން] އެ ޕާޓީން މިހާރު ބާކީވެ، މިހާރު ދެން އާ ޕާޓީއެއް ހަދައިގެން ކުރިއަށްދެވޭތޯ އެ އުޅުއްވަނީ، ކުރިން ނެގި ރާޅުގަނޑު މި އޮތީ ހިނދިފައި. ދެން ބަލަންވީ އެ ރާޅުގަނޑުންނާއި ހިނދުނު ވަގުތުކޮޅުން އާންމު މީހާއަށް ހެޔޮ ގޮތެއް ވެއްޖެތޯ،" ޝަހީދު ވިދާޅުވި އެވެ.

ޝަހީދުގެ ވާހަކައަށް އެއްބަސްވަމުން އުމަރު ވެސް ވިދާޅުވީ، ރައްޔިތު މީހާ އޭނާގެ އަސާސްތައް މިހާރު ހަމަޖައްސަނީ މަޖިލިސް އިންތިހާބަށް ކަމަށެވެ. ސަރުކާރަށް މަޖިލިސް ހޯދައިދިނުމުން އޭގެ ބަދަލުގައި ސަރުކާރުން ވަޒީފާ ހަމަޖައްސައިދިނުމާއި ދާއިރާގައި ހިންގަން ބުނި އުމްރާނީ ތަރައްގީގެ ބައެއް ކަންކަން ހަމަޖައްސައިދިނުމަށް އާންމުން ބޭނުންވެ އެވެ. ފަސް އަހަރުގެ މުއްދަތަށް ހަމަޖެހިލައިގެން ތިބުމަށެވެ.

ސަރުކާރުގައި ހިތްހަމަނުޖެހޭ ކަންކަން ގިނަވާނަމަ ފަސް އަހަރު ފަހުން ރިޔާސީ އިންތިހާބުގައި ދެން އެއާ މެދު އާންމު މީހާ އަނެއްކާ ވެސް ގޮތެއް ނިންމަނީ އެވެ. ރިޔާސީ އިންތިހާބުގައި ވެސް ފެންނަނީ އޭރެއްގައި އޮންނަ ސަރުކާރު ބަދަލުކުރަން ވޯޓުދޭ ރައްޔިތުން ގިނަވަމުން އަންނަ މަންޒަރެވެ.

ސަރުކާރު ހިންގާ ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ވެސް ގަބޫލުކުރައްވަނީ ސިޔާސީ ބާރުވެރިކަމުގެ ދަހިވެތިކަމުގައި ސިޔާސީ ވެރީން މަސައްކަތްކުރުމާއި އޭގެ ކޯޅުންތަކުގެ އަސަރު ދިވެހިންނަށް ކުރާ މަންޒަރު ތަކުރާރުކޮށް ފެނިފައިވާތީ އެ ތަޖުރިބާގައި އުޅެން ދިވެހީން މިއަދު ބޭނުން ނުވާ ކަމަށެވެ. އަދި ރައީސް މުއިއްޒާއެކު މި ފަސް އަހަރު ހަމަޖެހުމުގެ ދިރިއުޅުމެއްގައި ހޭދަކުރަން ތިބި ކަމަށެވެ.

"ރައްޔިތުން ބޭނުންވަނީ ގައުމަށް ހަމަޖެހުން، ރައްކާތެރިކަން، އަދި ތަރައްގީ، އެއާއެކީ ރައްޔިތުން އަބަދު ސިޔާސީ ވެރިންގެ ކޯޅުމާއި ޖަދަލު ކުރުމުގެ ތެރޭގައި ހަނާވާން ބޭނުން ނުވާކަން ވެސް އިއްޔެގެ ނަތީޖާއިން ބުނެދިނީ، އަދި މިދިޔަ ފަސް މަސް ދުވަހުގެ ތެރޭގައި ފެނުނު ރައީސް ޑރ. މުއިއްޒުގެ ސިޔާސަތު ވެސް ރައްޔިތުން ބަލައިގަނޭ، އެހެންވެ ލިބުނު ކާމިޔާބީއެއް،" އަބްދުއްރަހީމް ވިދާޅުވި އެވެ.

ސަރުކާރަށް މަޖިލިސް: ބަރުލަމާނީ ނިޒާމުގެ ސިފައެއް

އަނެއްކާ ވެސް ސަރުކާރަށް މަޖިލިސް ލިބުމުން ދައުލަތުގެ ދެ ބާރެއް މި ވަނީ މަސްހުނިވެފަ އެވެ. މާޒީގެ ސިޔާސީ ތަޖުރިބާއަކީ އެއް ސިޔާސީ ޖަމާއަތަކަށް ވެރިކަމުގެ ބާރާއި މަޖިލީހުގެ ބާރު ލިބުމުން ދައުލަތުގެ އެހެން މުއައްސަސާތަކުގެ ވެރިންނަށް ވެސް އެ ބަޔަކު ބޭނުންވާ ބަޔަކު ހަމަޖެއްސުމެވެ.

އާ މަޖިލިސް އެކުލަވާލައިގެން މިދިޔަ ދެ ފަހަރު ވެސް ފެނުނީ އެ މަންޒަރެވެ.

ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ވެރިކަން ހިންގުމަކީ، ބަރުލަމާނީ ނިޒާމުގެ ސިފައެކެވެ. ސަރުކާރުން ހިންގުމުގެ އިސް ދައުރު އޮންނަ ވަޒީރުންނާއި އެ ވަޒީރުންގެ ނައިބުންނާއި ސްޓޭޓުން ހޮވަނީ ވެސް މަޖިލީހުގެ މެޖޯރިޓީ ލިބޭ ޕާޓީއަށް ނިސްބަތްވާ މަޖިލިސް މެންބަރުުންގެ ތެރެއިންނެވެ.

ސަރުކާރުތަކުން ހުށަހެޅި މެނިފެސްޓޯގެ ބޮޑު ބައެއް ތަންފީޒު ކުރެވެން އޮންނަނީ ވެސް އޭރު ވުޖޫދުގައި ހުރި ބައެއް ގާނޫނުތައް ބަދަލުކޮށްގެން އަދި ގާނޫނީ އާ އޮނިގަނޑުތަކެއް ވުޖޫދުކޮށްގެނެވެ. މަޖިލިސް އިންތިހާބަށް އައުމުން ސަރުކާރަށް މަޖިލީހުގެ މެޖޯރިޓީ ބޭނުންވެގެން އުޅޭ މަންޒަރު ވަރަށް ބޮޑަށް އެބަ ފެނެ އެވެ.

ކޮންމެ ފަހަރަކު ވެސް ޕްރޮޖެކްޓްތައް ހިންގޭނީ މެޖޯރިޓީ ލިބިގެން ކަމަށް ކޮންމެ ފަހަރަކު ވެސް އޭރެއްގައި އޮންނަ ސަރުކާރަކުން ބުނެ އެވެ. ދެން ފެންނަނީ އެ ސަރުކާރަށް މަޖިލީހުގެ މެޖޯރިޓީ ދޭ ތަނެވެ.

ޑިމޮކްރެޓްސް ޕާޓީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ނިމުނު އިންތިހާބުން ނާކާމިޔާބީއާ ކުރިމަތިލި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވީ ރިޔާސީ ނިޒާމުގެ ގިނަ ސިފަތަކެއް އެކުލެވިފައިވާ ގާނޫނު އަސާސީ ބަރުލަމާނީ ނިޒާމަކަށް ހިންގުމަށް ސަރުކާރުތަކުން މަސައްކަތް ކުރާ ކަން ފެންނަ ކަމަށެވެ. އަބަދުވެސް ކުރަން ޖެހުނު ތަޖުރިބާއަކީ އެއީ ކަމަށް އާޒިމް ދެކެ އެވެ.

"މި ނިޒާމު ކަމުނުދާ ކަން ގަބޫލުކުރާ ވިސްނުމެއް އެބަ އުޅޭ، ނިޒާމުގައި އުޅެއޭ އެބަ މައްސަލައެއް، ބަރުލަމާނީ ނިޒާމެއްގައި މަސައްކަތް ކުރާ ގޮތަކަށް މަސައްކަތް ކުރަން އުޅޭ ތަން ކޮންމެ ސަރުކާރެއްގައި ވެސް މި ފެންނަނީ، ރައްޔިތުން ކައިރީ ނިޒާމުގެ ވާހަކަ އަހަން ޖެހޭ އެބަ،" އާޒިމް ވިދާޅުވި އެވެ.

ދިވެހި ދައުލަތް ޒަމާންތަކެއް ވަން ދެން ހިނގަމުން އައީ ހުދުމުހުތާރު ނިޒާމެއްގެ ސިފަތަކެއް ހިމެނޭ ގޮތަށެވެ. އަސާސީ ބޭނުންތަކާއި ހިދުމަތްތަކަކީ ސަރުކާރުގައި އެދިގެން ލިބޭ ކަމަކަށް އޮތީ ހަދައިފަ އެވެ. އެއިރު އޮތީ ސަރުކާރުން ކަނޑައަޅާ، އަދި ދައްކާ ގޮތްތަކެއް ތެރޭގައި އެކަނި މުޅި ދިރިއުޅުން ބައްޓަންކުރަން ޖެހިފަ އެވެ. އަނެއްކާ ވެސް ފަސް އަހަރު ސަރުކާރަށް އެ ފުރުސަތު ދީފައި ތިބެން ދިވެހިން ނިންމަނީ އެވެ.

ރަސްރަސްކަލުންގެ ޒަމާނުން ފެށިގެން، ރައީސުލްޖުމްހޫރިއްޔާގެ އަތްޕުޅުގައި ދައުލަތުގެ ހުރިހާ ބާރެއް އޮތް ޒަމާނުގައި ވެސް މަޖިލީހުގެ މެންބަރުންނަށް އޮތް ދައުރަކީ ވެސް ރައްޔިތުންގެ ބޭނުންތަކުގެ ވާހަކަ ސަރުކާރާ ހަމައަށް ގެންދަން ހުންނަ މެދުވެރިއެއްގެ ދައުރެކެވެ. އެ ކަން ވާނީ ސަރުކާރުގެ މެންބަރުންނަށް ކަމަށް ދެކިގެން، އާންމު ދިރިއުޅުމުގެ ކަންކަން ހަމަޖެއްސުމަކީ މިހާރު ފެންނަ މަންޒަރެވެ.

ގާނޫނު އަސާސީ ޑްރާފްޓްކުރި ކޮމިޓީގެ މުގައްރިރުކަން ކުރެއްވި، އެމްޑީޕީ އުފެއްދުމުގެ އެއް ބާނީ އަދި އެ ޕާޓީގެ ފުރަތަމަ ރައީސް އިބްރާހިމް އިސްމާއީލް (އިބްރާ) ގެ ނުކުތާއަކީ އެއީ އެވެ.

"އަޅުގަނޑު މަޖިލީހަށް ދިޔައިރު އޭރުގެ މަޖިލީހަކީ އެހާ ފަންކްޝަނަލް މަޖިލީހެއް ނޫން. މާ ގިނަ ވާހަކަތަކެއް ދައްކާ މަޖިލީހެއް ނޫން. މާ ގިނަ އިލްމީ ބަހުސްތަކެއް ކުރާނީ އަދި ވާހަކަ ދެއްކިގެންތާ. މީހުންނަށް އޭރުގައި ވިސްނިފައި އޮންނަނީ މަޖިލިސް މެންބަރަކީ ތިމަންނާމެން ސަރުކާރުގައި އެދެން ހުރި ކަންކަން ސަރުކާރުގައި ދަންނަވާ އަރުޒީއެއް ގޮތަށް،" އިބްރާ އެ ކަމުގައި ދެކޭ ގޮތް ކިޔައިދެއްވި އެވެ.

އިބްރާ ގަބޫލުކުރައްވާ ގޮތުގައި ދިވެހި މުޖުތަމައުން މި ފެންނަ ވިސްނުމަކީ ރިޔާސީ ނިޒާމު އަދި ބަރުލަމާނީ ނިޒާމުގެ ސިފަތަކަށް ވެސް ނުފެތޭ ވިސްނުމެކެވެ. އޭނާ ވިދާޅުވަނީ އެއީ ހުދުމުހުތާރު ނިޒާމެއްގައި ދިވެހި މުޖުތަމައު އޮތް ދުވަހުން ފެށިގެން ވެސް ވިސްނުން އޮތް، ޑިމޮކްރެޓިކް ފަލްސަފާއާ ދުރު ވިސްނުމެކެވެ. އަދި ދިވެހިން މި ތިބީ އޭގެ ބައެއް ވިސްނުންތަކަށް މާ ބޮޑަށް ހޭނިފައި ކަމަށް އޭނާ ވިދާޅުވި އެވެ.

"ރައްޔިތުންގެ މަޖިލީހުގެ މެންބަރަކީ ސަރުކާރުގައި ދަންނަވައިގެން އަހަރުމެންގެ ރަށުގައި ބަނދަރު ހެދުމުގެ ކަންތައް، ރަށުގައި އެ ޕްރޮޖެކްޓް ހިންގަން، ޒާތީ މިވެނި ކަންކަން ހަމަޖައްސަން މެދުވެރިއަކަށް ހުންނަ މީހާއޭ، އެއީއޭ މަޖިލީހުގެ ފަންކްޝަންއަކީ. މީހުންގެ ވިސްނުމަކަށް ބަދަލެއް ނާދޭ، މީހުން އަދިވެސް މި ކަން ދެކެނީ އެ ގޮތަށް،" އޭނާ ވިދާޅުވި އެވެ.

އިމްތިހާންކުރަން ރައްޔިތުން ދޭ ފުރުސަތެއް

ސަރުކާރުން އެކުލަވާލާ ބަޖެޓަށް ބޭނުން އުނިއިތުރެއް ގެނައުމުގެ ބާރެއް ރައްޔިތުންގެ މަޖިލީހަށް ލިބެ އެވެ. އަދި ސަރުކާރުގެ ވަޒީރުންނާއި މަގާމުތަކަށް އައްޔަންކުރާ މީހުންނަށް ރުހުން ދިނުމާއި ނުދިނުމުގެ ބާރު ވެސް މަޖިލީހަށް އޮވެ އެވެ.

ސަރުކާރެއްގެ ލެޖިސްލެޓިވް އެެޖެންޑާއެއް އޮންނަ އިރު އެ ބިލުތައް ފާސްކުރަން ވެސް މަޖިލީހުގެ މެޖޯރިޓީ ބޭނުންވާނެ ކަން އަދި އުމްރާނީ ތަރައްގީގެ ޕްރޮޖެކްޓްތަކަށް ދައުލަތުގެ ބަޖެޓު ސަރުކާރުން ބޭނުންވާ ގޮތަށް ފާސްވާން ކޮންމެ ސަރުކާރަކުން ވެސް ރައްޔިތުންގެ ކައިރިން އާދޭސް ކުރެ އެވެ.

އެހެންކަމުން ސަރުކާރަށް އިންސާފުގެ ފުރުސަތެއް ރައްޔިތުން މި ދެނީ މަޖިލީސް އިންތިހާބުގައި ސަރުކާރަށް ފުރިހަމަ މެޖޯރިޓީއެއް ދީގެނެވެ. އަނެއް ކަމަކީ ކުރިން ރައްޔިތުން ދިން ފުރުސަތުގެ ބޭނުން ނުހިފާނަމަ ސަރުކާރު ބަދަލުކޮށް ކުރިން ފުރުސަތު ބަންދުކުރި ޕާޓީއަށް މަޖިލީހުން ވެސް ފުރުސަތު ނުދިނުމެވެ.

އުމަރު ނަސީރު ދެކެވަޑައިގަންނަވާ ގޮތުގައި ސިޔާސީ މަސްރަހު މި ވަގުތަށް ތަރުތީބު ވެފައި ވަނީ އެފަދަ ގޮތަކަށެވެ.

"ރައްޔިތުން އެމްޑީޕީއަށް ވެރިކަން ދިން، މަޖިލިސް ދިން، މާ ބޮޑު ނަތީޖާތަކެއް ނާދޭ، ދެން ފުރުސަތު މި ދިނީ އަނެއްކާ ވެސް ޕީއެންސީއަށް، އަނެއްކާ ވެސް ދައުލަތުން އެ ހަމަޖައްސައިދޭ ކަންކަމުގެ ބަދަލުގައި މަޖިލިސް މެޖޯރިޓީ، އިމްތިހާނެކޭ މިއީ ދެން، މި ކަން ނުވިއްޔާ ރިޔާސީ އިންތިހާބުގައި ނޫނެކޭ ބުނާނަމޭ،" އުމަރަށް ސިޔާސީ މަސްރަހު ފެންނަ ގޮތް ކިޔައިދެއްވި އެވެ.

މި ސަރުކާރުގެ އެންމެ ނުފޫޒުގަދަ ބޭފުޅެއްގެ ގޮތުގައި ހުންނެވި އަބްދުއްރަހީމަށް ވެސް ސިޔާސީ މަސްރަހު ފެންނަނީ ގޮތަށެވެ. ފޮނަދޫ ދާއިރާގެ މެންބަރުކަން ދެ ދައުރަކު ކުރައްވާފައިވާ އަދި ވިހިވަނަ މަޖިލީހަށް ވެސް އިންތިހާބުވެފައިވާ އަބްދުއްރަހީމް ވިދާޅުވީ އެމްޑީޕީއަށް ފުރުސަތު ނުދިނީ އެ ވިސްނުމުގައި ކަމަށެވެ.

"މި ކިޔަނީ ވެސް އަޅުގަނޑަށް ހިސާބު ޖަހަން އެބަ އެނގެއޭ، އަޅުގަނޑަށް އެނގޭ، ދިވެހި ރައްޔިތުން ބޭނުންވާ ކަންކަން، ސަރުކާރަކުން، ނޫނީ ވެރިއަކު ކޮށްދިނީމައި، އެ ރައްޔިތުން ބަލައިގަންނާނެ ކަން، އެ ކަން މި ފަސް މަސް ދުވަހު ވެފައި، ކުރިން ރައްޔިތުން ޓެސްޓް ކުރަން ދިން ފުރުސަތުގައި ނުކުރުމުން އެ ކަން އެމްޑީޕީއަށް ނުވެ އެ ދިޔައީ،" ލިބުނު ކާމިޔާބީއަށް ފަހު މީޑިއާގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބު އަދި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ސިޔާސީ ޕާޓީއަކަށް ކާމިޔާބު ވެގެން ދިޔުމަކީ މި ވަގުތު އޮތް ސިޔާސީ ސަގާފަތެވެ. އަދި މިއީ އޭރުގައި އޮންނަ ސަރުކާރަކަށް ރައްޔިތުން އަރުވާ އިމްތިހާނެކެވެ. އެމްޑީޕީއަށް އެ ޕާޓީގެ ފަހަރު ދިނުމަށް ފަހު، މި ފަހަރު ފުރުސަތު މި އޮތީ ޕީއެންސީއަށެވެ. ދެން އިތުރު ބަހަނާއެއް ނެތެވެ. ރައްޔިތުން ބޭނުންވާ ހިދުމަތްތައް އަވަހަށް ފޯރުކޮށްދޭންވީ އެވެ.