Advertisement

އިންތިހާބަށް ނުފޫޒު ފޯރާ ކަންކަން ކޮށްފައިވާތީ ޓްރާންސްޕޭރެންސީން ކަންބޮޑުވުން ފާޅުކޮށްފި

22 އޭޕްރީލް 2024 - 09:02 1

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

މިއަދު ކުރިއަށްދިޔަ މަޖިލިސް އިންތިހާބުގެ ވޯޓު ގުނުމުގެ ތެރެއިން -- ފޮޓޯ: މިރާން ނާޝިމް


އިންތިހާބަށް ނުފޫޒު ފޯރާ ކަންކަން ކޮށްފައިވާތީ ޓްރާންސްޕޭރެންސީން ކަންބޮޑުވުން ފާޅުކޮށްފި

22 އޭޕްރީލް 2024 - 09:02 1

ވިހި ވަނަ ރައްޔިތުންގެ މަޖިލީހަށް މެންބަރުން ހޮވަން އިއްޔެ ކުރިއަށް ގެންދިޔަ އިންތިހާބަށް ނުފޫޒު ފޯރާފަދަ ކަންތައްތަކެއް ސަރުކާރުން ކޮށްފައިވާކަމަށް ބުނެ އެކަމާމެދު ކަންބޮޑުވުން ފާޅުކޮށް ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ރޭ ބަޔާނެއް ނެރެފި އެވެ.

އެ ބަޔާނުގައި ބުނެފައި ބުނީ އިންތިހާބުގެ އިދާރީ އިންތިޒާމުތައް ޖުމުލަކޮށް ރަނގަޅުކަމަށެވެ. ނަމަވެސް ފާއިތުވި ދުވަސްތަކުން ފެށިގެން ވޯޓަށް ނުފޫޒު ފޯރާނެ ފަދަ އެތައް ކަމެއް ކޮށްފައިވާކަން އެ ޖަމިއްޔާއަށް ފާހަގަވެފައިވާ ކަމަށް ވެސް ބުންޏެވެ.

އެސްއޯއީތަކާއި ދައުލަތުގެ ވުޒާރާތަކުން މިދިޔަ 48 ގަޑިއިރު ތެރޭގައި އިއުލާނު ކުރި ބޮޑެތި މަޝްރޫއުތަށް ޓްރާންސްޕޭރެންސީގެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.

"ފާއިތުވި 48 ގަޑިއިރު ތެރޭގައި ދައުލަތް ހިއްސާވާ ކުންފުނިތަކާއި ސަރުކާރު ވުޒާރާތަކުގެ ރަސްމީ ސޯޝަލްމީޑިއާ އެކައުންޓުތަކުން 680 މިލިއަން ރުފިޔާގެ ހަ ތަރައްގީގެ މަޝްރޫއުއެއް ހަވާލުކޮށްފައިވާކަން އިއުލާނު ކުރުން،" އެ ބަޔާނުގައި ބުނެފައިވެ އެވެ.

މަޖިލިސް އިންތިހާބުގެ ވޯޓުލުމަށް ހަތަރު ދުވަހަށްވެފައި އޮއްވައި ރަށްތަށުގެ އިދާރީ ސަރަހައްދަކަށް އިސްލާހު ގެނައުމާއި ތަފާތު ފަޅުތަކާއި ފަޅު ރަށްތަކެއް ތިން ކައުންސިލެއްގެ އިހުތިސާސްގެ ތެރެއަށް ބަދަލު ކުރުމަށް ސަރުކާރުން އިއުލާނު ކުރުމަކީ ޓްރާންސްޕޭރެންސީގެ ބަޔާނުގައި ބުނި ގޮތުގައި ކަންބޮޑުވުމެކެވެ.

ވޯޓަށް ނުފޫޒު ފޯރާނެ ފަދަ ކަންތައްތަކެއް ސަރުކާރު ހިއްސާވާ ކުންފުނިތަކާއި ސަރުކާރުގެ އެކި ވުޒާރާތަކުން ކޮށްފައިވާކަމަށް ޓްރާންސްޕޭރެންސީގެ ބަޔާނުގައި ބުނެފައިވާއިރު، ސަރުކާރުން ވަނީ ފާއިތުވި ހަތަރު ދުވަސް ތެރޭގައި އެމްޓީސީސީއާ އެތައް މަޝްރޫއުއެއް ހަވާލުކޮށްފަ އެވެ.

އެމްޓީސީސީއާ ހަވާލުކުރި މަޝްރޫއުތައް

  • ށ. ކޮމަންޑޫ އެއާޕޯޓު ތަރައްގީކުރުން
  • ތ. ގުރައިދޫ އެއާޕޯޓު ތަރައްގީކުރުން
  • ތ. ވިލުފުށީ އެއާޕޯޓު ތަރައްގީކުރުން
  • ށ. މިލަންދޫ އެއާޕޯޓު ތަރައްގީކުރުން
  • ށ. ބިލެތްފަހި އެއާޕޯޓު ތަރައްގީކުރުން
  • މ. ދިއްގަރުގައި 75 ހައުސިން ޔުނިޓު އިމާރާތްކުރުން
  • ކ. ގިރާވަރުފަޅާއި ގުޅީފަޅުގެ ބިން ހިއްކުން
  • ތ. ކިނބިދޫ ބިން ހިއްކުން
  • ހއ. ދިއްދޫ އެއާޕޯޓު ތަރައްގީކުރުން
  • ހއ. ހޯރަފުށީ މަގު ހެދުން

އޭގެއިތުރުން ވޯޓުލުމަށް އެންމެ 17 ގަޑިއިރަށްވެފައި އޮއްވައި ރ. އަލިފުށްޓާއި ނ. މަނަދޫ އަދި މ. މުލީގައި ހޮސްޕިޓަލް އަޅަން އެމްޓީސީސީއާ ވަނީ ހަވާލުކޮށްފަ އެވެ.

މުއްޔާއި މަނަދޫގައި އަޅަން އެމްޓީސީސީއާ ހަވާލު ކުރީ 185 މިލިއަން ރުފިޔާ ހަރަދުކޮށްގެން ދެ އަހަރު ތެރޭގައި 50 އެނދުގެ ހޮސްޕިޓަލް އެޅުމަށެވެ. 128 މިލިއަން ރުފިޔާ ހަރަދުކޮށްގެން އަލިފުށީގައި އަޅަން ހަވާލު ކުރީ 30 އެނދުގެ ހޮސްޕިޓަލެކެވެ.

ފާއިތުވި ދުވަސްތަކުގައި ހިންގި ކަންކަމުގެ އިތުރަށް މިއަދުގެ ވޯޓުލުން ކުރިއަށް ގޮސްގޮސް އޮއްވައި ސަރުކާރުން ވަނީ އއ. ރަސްދޫގެ އުތުރުން އޮންނަ ފަޅުގެ ބައެއް އެ އަތޮޅު ތޮއްޑޫ އަދި ރަސްދޫއަށް ދީފަ އެވެ.

ތޮއްޑޫއާއި ރަސްދޫ އިހުތިސާސްގެ ތެރެއަށް ފަޅެއްގެ ބައެއް ވައްދާފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން މިއަދު ހެނދުނު 11:28 ގަ އެވެ.

"މިއަދުގެ ވޯޓުލުން ކުރިއަށްދިޔަ އިރުވެސް، ވޯޓުލާ ދުވަހު ވެސް ދެ ކައުންސިލެއްގެ އިހުތިސާސް ބަދަލު ކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ގަރާރެއް ގެޒެޓު ކުރުން،" ޓްރާންސްޕޭރެންސީގެ ބަޔާނުގައި ކަންބޮޑުވާ ކަންތައްތަކުގެ ލިސްޓުގެ ތެރޭގައި ހިމަނައިފައިވެ އެވެ.

ވޯޓުލުން ފެށެން 20 ގަޑިއިރަށްވެފައި ވަނިކޮށް ކުރީ ސަރުކާރުތަކުގެ ގެދޮރުވެރިކަމުގެ މަޝްރޫއުތަކުން ގެދޮރުވެރިކަމުން "މަހުރޫމް" ކުރެވިފައިވާ ފަރާތްތަކަށް ގެދޮރުވެރިކަމާއި ހައުސިން ލޯނުތައް ހޯދައިދޭނެ ކަމަށް އިއުލާނު ކުރުމާ މެދު ވެސް ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.

ވަކީން ހާއްސަކޮށް 2010 ވަނަ އަހަރު ކުރިއަށް ގެންދިޔަ ޓާޓާ ހައުސިން ފްލެޓު ނުލިބުނު ފަރާތްތަކަށް ގެދޮރުވެރިކަން ހޯދައިދޭނެ ކަމަށް ބަޔާންކޮށް ހައުސިން މިނިސްޓަރީން ރޭ ނެރުނު ނޫސްބަޔާނަށް ޓްރާންސްޕޭރެންސީން އަލި އަޅުވާލައިފައިވެ އެވެ.

މަޖިލިސް އިންތިހާބު އޮބްޒާވް ކުރުމަށް ރާއްޖޭގެ އިތުރުން ކޮޅުނބުގައި ޓްރާންޕޭރެންސީގެ އޮބްޒާވަރުން ހަރަކާތްތެރިވި އެވެ.