1 އޮކްޓޯބަރު 2025 - 09:59 2
މުހައްމަދު ޝަހްޒާން
ކޮލަމާފުށީ ދާއިރާގެ ޕީއެންސީ މެންބަރު، އިބްރާހިމް ދީދީ މަޖިލީހުގައި ވާހަކަދައްކަވަނީ -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
1 އޮކްޓޯބަރު 2025 - 09:59 2
ކޮލަމާފުށީ ދާއިރާގެ ޕީއެންސީ މެންބަރު، އިބްރާހިމް ދީދީގެ ހިއްސާ އޮންނަ ޑީ އެންޑް ވީ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑަށް މިދިޔަ އަހަރު އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ ވޯޓުލުމަށް ފަސް ދުވަހަށްވެފައި ވަނިކޮށް ފެނަކަ ކޯޕަރޭޝަނުން 9.8 މިލިއަން ރުފިޔާ ޖަމާވިކަން ނޭނގޭ ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.
ކޮލަމާފުށީ ދާއިރާގެ މެންބަރު އިބްރާހިމް ދީދީ އާއި އޭނާގެ އަންހެނުން އިހުސާނާ ޝަރީފްގެ ހިއްސާ އޮންނަ ޑީ އެންޑް ވީ އިންވެސްޓްމަންޓަށް ދެ ޓްރާންސެކްޝަނެއް މެދުވެރިކޮށް 9،804،240ރ. ފެނަކައިން ޖަމާކުރީ އޭޕްރިލް 16، 2024، ގަ އެވެ. މަޖިލިސް އިންތިހާބު ބޭއްވީ އޭޕްރިލް 21، 2024، ގަ އެވެ.
ނަމަވެސް އެކަމާ ގުޅޭގޮތުން 'ދައުރު' ނޫހުން އިބްރާހިމް ދީދީއާ ސުވާލު ކުރުމުން އޭނާ ވިދާޅުވެފައި ވަނީ ވިޔަފާރީގައި ބައިވެރިވެ ނޫޅޭތާ ވަރަށް ގިނަ ދުވަސްވެފައިވާ ކަމަށާއި އެ ފައިސާ ޖަމާވިކަން އެނގިވަޑައިނުގަންނަވާ ކަމަށެވެ.
"ފެނަކައިން ސާފުކޮށްލަންވީ ނޫންތޯ ކިހިނެއް ލިބުނު ފައިސާއެއްކަން. އަޅުގަނޑާ ގުޅޭ ގޮތުން ވެސް ތިޔަބޭފުޅުން [ނޫސްވެރިން] ދައްކަން ނުޖެހޭ ވާހަކަ ދެއްކެވިފައި މި އޮތީ. އަޅުގަނޑަށް ވެސް ޝޮކެއް ލިބުނީ، އަޅުގަނޑަށް އެނގޭ ކަމެއް ނޫން،" އޭނާ ވިދާޅުވެފައިވެ އެވެ.
އިބްރާހިމް ދީދީ އެހެން ވިދާޅުވި ނަމަވެސް އޭނާގެ ހިއްސާ އޮންނަ ޑީ އެންޑް ވީ އިންވެސްޓްމަންޓަށް ފެނަކައިން ޖަމާކުރި 9.8 މިލިއަން ރުފިޔާގެ ތެރެއިން 750،000ރ. ކެންގޯ ޕްރައިވެޓް ލިމިޓެޑު ކިޔާ ކުންފުންޏަކަށް އެ ދުވަހާއި ޖެހިގެން އައި އޭޕްރިލް 17، 2024، ގައި އެ ކުންފުނިން ޖަމާކޮށްފައިވާކަން ވަނީ ހާމަވެފަ އެވެ.
އެކަން ހާމަވީ މަރުކަޒީ ބޭންކުގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓު (އެފްއައިޔޫ) އިން ތައްޔާރުކުރި ރިޕޯޓެއް ލީކުވުމުންނެވެ. އެ ރިޕޯޓުގައި ވާގޮތުން ޑީ އެންޑް ވީ އިންވެސްޓްމަންޓުން އެ ފައިސާ ކެންގޯއަށް ފޮނުވާފައި ވަނީ 150،000ރ. ގެ މަގުން ފަސް ޓްރާންސެކްޝަނެއް ހަދައިގެންނެވެ.
އެ ފައިސާ ކެންގޯއަށް ލިބުމާއެކު އެކި އަދަދުތަކުން ތަފާތު އެކައުންޓުތަކަށް ވަނީ ފޮނުވާފަ އެވެ. އޭގެ ތެރޭގައި މިހާރުގެ މަޖިލިސް މެންބަރުންގެ ގާތްތިމާގެ އާއިލީ މީހުން ވެސް ހިމެނެ އެވެ. ދީދީގެ ކުންފުންޏަކީ ފެނަކައިގެ އޮޑިޓު ރިޕޯޓުގައި ފާހަގަކޮށްފައިވާ އުސޫލުތަކާ ހިލާފު އެއްބަސްވުންތަކެއް ހަދާފައި އޮތް ކުންފުންޏެކެވެ.
މަޖިލިސް އިންތިހާބަށް ކުޑަތަންވެފައި ވަނިކޮށް 9.8 މިލިއަން ރުފިޔާ ޑީ އެންޑް ވީ އިންވެސްޓްމަންޓަށް ލިބުނު ގޮތާ ބެހޭގޮތުން އިތުރަށް 'ދައުރު' ނޫހުގެ ނޫސްވެރިން ސުވާލު ކުރުމުން އިބްރާހިމް ދީދީ ވިދާޅުވެފައި ވަނީ އެ ކުންފުނީގައި އޭނާގެ ހިއްސާ އޮތަސް އެ ވިޔަފާރިން އެއްވެސް ފައިސާއެއް ނުނަގާ ކަމަށެވެ.
އޭނާ ވިދާޅުވެފައި ވަނީ އެ ކުންފުނީގެ ވިޔަފާރި ހިންގަމުން ދަނީ "ގާތް ބަޔަކު" ކަމަށެވެ. ނަމަވެސް އޭގެ ތަފުސީލެއް އޭނާ ދެއްވައިފައެއް ނުވެ އެވެ.
Comment