Advertisement

ފިޔާޒުއަށް ރައީސް ބިރުދެއްކެވި މައްސަލައިގައި އިންސާފުވެރި ތަހުގީގެއް ހިންގަން ޓްރާންސްޕޭރެންސީން ގޮވާލައިފި

16 މާރިޗު 2025 - 15:34 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ރިޔާސީ ކެމްޕޭނުގެ ދުވަސްވަރު އޮތް ޖަލްސާއެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވާހަކަދައްކަވަނީ: އެމަނިކުފާނު ވަނީ ފޯނުން ގުޅުއްވައި ފިޔާޒުއަށް ބިރުދައްކަވާފައި -- ފޮޓޯ: އަދަދު ފައިލް


ފިޔާޒުއަށް ރައީސް ބިރުދެއްކެވި މައްސަލައިގައި އިންސާފުވެރި ތަހުގީގެއް ހިންގަން ޓްރާންސްޕޭރެންސީން ގޮވާލައިފި

16 މާރިޗު 2025 - 15:34 0

އަދަދު ނޫހުގެ ސީއީއޯ، ހުސެއިން ފިޔާޒު މޫސާއަށް ރައީސުލްޖުމްހޫރިއްޔާ ފޯނުން ގުޅުއްވައި ބިރުދެއްކެވި މައްސަލަ އިންސާފުވެރިކަމާއެކު ތަހުގީގު ކުރުމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ގޮވާލައިފި އެވެ.

އެ ޖަމިއްޔާއިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ނޫސްވެރިކަން ކުރުމަށް މިނިވަން މާހައުލެއް ފަހިވެފައި އޮތުމަކީ ޑިމޮކްރެޓިކް މުޖުތަމައުއެއް ދުޅަހެޔޮކޮށް އޮތުމަށް ވަރަށް މުހިންމު ކަމެއް ކަމަށެވެ.

"އެމްޖޭއޭއިން ކަންބޮޑުވުން ފާޅުކޮށް ގޮވާލާފައިވާ ކަންކަން އަޅުގަނޑުމެން ވެސް ތަކުރާރު ކުރަން. ނޫސްވެރިންނަށް ބިރު ދައްކާ ކަމަށް ކުރެވޭ ތުހުމަތުގެ މައްސަލައިގައި މިނިވަން ތަހުގީގެއް ހިންގަން ޖެހޭ،" ޓްރާސްޕޭރެންސީގެ ބަޔާނުގައި ބުންޏެވެ.

މި ނޫހުގެ ސީއީއޯ، ފިޔާޒުއަށް ރައީސް މުއިއްޒު ފޯނުން ގުޅުއްވައި ބިރު ދެއްކެވީ މިދިޔަ ހުކުރު ދުވަހުގެ ރޭ އިރާކޮޅު 7:04 ގަ އެވެ. ފިޔާޒުއަށް ގުޅުއްވައި ރައީސް އިންޒާރު ދެއްވީ އެމްޑީޕީގެ އެއްވުމެއްގައި އެ ޕާޓީގެ މެންބަރަކު ރައީސްގެ އާއިލާ ބޭފުޅަކާ ބެހޭ ގޮތުން ދެއްކި ވާހަކައާ ގުޅިގެން ކޯފާ އިސްކުރައްވަ އެވެ.

މިނެޓެއްހާ އިރަށް ދިގުދެމިގެންދިޔަ އެ ފޯނު ކޯލުގައި ފިޔާޒުއަށް ރައީސް އިންޒާރު ދެއްވީ އަދަދު ނޫހާއި ފިޔާޒު އާމެދު އެޅުއްވެން އޮތް އެންމެ ހަރުކަށި ފިޔަވަޅެއް އަޅުއްވާނެ ކަމަށް ވިދާޅުވެ އެވެ.

އަދަދު ނޫހުގެ ނޫސްވެެރިންނަށާއި ފިޔާޒުއަށް ހަރުކަށި ފިޔަވަޅު އަޅުއްވާނެ ކަމަށް ވިދާޅުވެ ރައީސް ތިން ފަހަރު ފިޔާޒުއަށް އިންޒާރު ދެއްވި އެވެ.

"ތިންވަނަ ފަހަރަށް މި ބުނަނީ، އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އަޅާނަން،" ފޯނު ބޭއްވެވުމުގެ ކުރިން ރައީސް ވިދާޅުވި އެވެ.

ރައީސްގެ އެ އަމަލު ކުށްވެރި ކުރައްވައި މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަނުން އިއްޔެ ނެރުނު ބަޔާނުގައި ބުނީ ގައުމުގެ އެންމެ އިސްވެރިޔާގެ ފަރާތުން ނޫސްވެރިންނަށް އިންޒާރު ލިބުމަކީ އެ ޖަމިއްޔާއިން ބަލައިގަންނާނެ ކަމެއް ނޫން ކަމަށެވެ. އަދި އެ އިންޒާރުގެ ސަބަބުން ފިޔާޒު އާއި މި ނޫހުގެ ނޫސްވެރިން ވެސް ބިރުވެރިކަމެއްގެ ތެރެއަށް ވެއްޓި، ނޫސްވެެރިންނަށް ގާނޫނުއަސާސީން ލިބިދީފައިވާ ނޫސްވެރިކަމުގެ ހައްގަށް ވަރަށް ބޮޑަށް ހުރަސް އެޅިގެންދާނެ ކަމަށް އެ ބަޔާނުގައި ބުންޏެވެ.

އޭގެއިތުރުން އެ މައްސަލަ ވީހާވެސް އަވަހަކަށް އިންސާފުވެރިކަމާއެކު ތަހުގީގު ކޮށްދިނުމަށް އެމްޖޭއޭއިން ވަނީ ފުލުހުންނަށް ގޮވާލައިފަ އެވެ.

ރައީސްގެ އާއިލާ ބޭފުޅަކާ ބެހޭގޮތުން އެމްޑީޕީގެ އެއްވުމެއްގައި ދެއްކެވި ވާހަކައަކާ ގުޅިގެން އަދަދު ނޫހަށް ފިޔަވަޅު އަޅުއްވާނެ ކަަމަށް ވިދާޅުވެ ރައީސް އިންޒާރު ދެއްވިއިރު، ރައީސްގެ އާއިލާ ބޭފުޅަކާ ބެހޭގޮތުން އެމްޑީޕީގެ އެއްވުމުގައި ދެއްކި ވާހަކަ މި ނޫހުގައި ރިޕޯޓު ވެސް ކޮށްފައެއް ނުވެ އެވެ.

މިކަމާ ގުޅިގެން އެންމެ ފުރަތަމަ ވެސް މި ނޫހުގައި ހަބަރެއް ޝާއިއު ކުރީ އެކަން ކުށްވެރިކޮށް ސަރުކާރުގެ އިސް ބޭފުޅުން ދެއްކެވި ވާހަކައިންނެވެ.