6 ޖޫން 2024 - 09:15 0
އަހުމަދު އާއިދު
އާޓް ވޯކް: ރައްޔާން މުހައްމަދު / އަދަދު
6 ޖޫން 2024 - 09:15 0
"އެ ރަށުގެ ދެކުނު ފަރާތާއި ހުޅަނގު ފަރާތުގެ ގޮނޑުދޮށަކީ ވެލާ، ކަހަނބު ބިސްއަޅާ، ވިހަ އާލާވާ ކަމަށް ޒަމާނުންސުރެ ފާހަގަކޮށްލެވޭ ސަރަހައްދެކެވެ. ރަށުގެ ވަށައިގެންވާ މޫދުވިނަ ސަރަހައްދުން ހަ ބާވަތެއްގެ މޫދު ވިނަ އާއި 91 ބާވަތެއްގެ ފަރުމަސް ފެނިފައިވާ ކަމަށް ރެކޯޑުކުރެވިފައިވެ އެވެ. މި ހިތްގައިމު ރަށުގައި މީރު ފެން ކުޅިއެއް ވެސް އޮވެ އެވެ."
މިއީ ލ. ގާދޫ އާ ގުޅޭގޮތުން ދިވެހި ނޫސްތަކުން ކިޔުނު ގިނަ ހަބަރުތަކުގައި އެ ރަށުގެ ހާއްސަކަން އިންސާނީ ސިކުނޑިއަށް ކުލަކޮށްދިނުމަށް އެކި ނޫސްވެރިން ގެންގުޅެފައިވާ އެކު ޖުމްލަ ތައާރަފެކެވެ.
މި ހިތްގައިމު ރަށް ހިމާޔަތް ކުރުމަށް ނިމިދިޔަ ސަރުކާރުން ޑިސެމްބަރު 21، 2021 ގައި ނިންމުމުން މި ވާހަކަތައް ތިލަވި އެވެ. އެ ރަށުގެ ހާއްސަކަމާއި ރީތިކަމުގެ ވާހަކަތައް ފަލަ ސުރުހީތަކުން ޖާގަ ހޯދި އެވެ. ނަމަވެސް، އޭގެ ދެ އަހަރު ފަހުން ދިވެހިން ގާދޫ މަތިން މާބޮޑު ހަނދާނެއް ނެތެވެ.
"ގާދޫއަކީ ޓްރާންޝިޕްމަންޓް ބަނދަރަކަށް، ބަންކަރިން ފެސިލިޓީ ހިމެނޭ ތަނަކަށް" ހައްދަވައިދެއްވާނެ ކަމަށް ނިމިދިޔަ ރިޔާސީ ކެމްޕޭނުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންނެވި އެވެ. އަދި, އެ ރަށާއި ފޮނަދޫ އާ ދޭތެރޭ އޮތް ޖާގައިގައި "ހިއްކައިގެން ރިސޯޓެއް ގާއިމުކޮށްދޭނެ" ކަމަށް ވެސް ވިދާޅުވި އެވެ.
މި ވައުދުތަކާ އެކު ވެސް ގިނަ ބައެއްގެ ސަމާލުކަމަށް ގާދޫ ނާދެ އެވެ. އެ ރަށް ހާއްސަވި ސިފަތަކާއި ކަންކަމެއް ހިޔާލަށް ނުގެނެވެ އެވެ.
ގިނަ ބައެއްގެ ސަމާލުކަމަށް މި މަޝްރޫއު އައީ، ރައީސް މުއިއްޒު ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާ، ހުވާ ކުރެއްވުމުގެ ދެ ދުވަސް ކުރިން ނެރުއްވި ފުރަތަމަ 100 ދުވަހުގެ މަގު ޗާޓުގައި ގާދޫގައި ބަންކަރިންގެ ހިދުމަތާއެކު ޓްރާންޝިޕްމެންޓު ބަނދަރެއް ތަރައްގީކުރުމުގެ މަސައްކަތް ފަށްޓަވާނެ ވާހަކަ ހިމެނުއްވުމުންނެވެ.
ފުރަތަމަ 100 ދުވަހުގެ ތެރޭ ސަރުކާރަށް އެކަން ނުކުރެވުނެވެ. ނަމަވެސް އެޕްރީލް 11، ގައި ސަރުކާރުން ވަނީ ސަރުކާރުގެ ޕޯޓް ކުންފުނި، އެމްޕީއެލް މެދުވެރިކޮށް، ލ. ގާދޫގައި އިންޓަގްރޭޓެޑް މެރިޓައިމް ހަބެއް ގާއިމުކުރުމަށް ޗައިނާ ސީއޭއެމްސީ އިންޖިނިއަރިން ކޮމްޕެނީ ލިމިޓެޑް (ސީއޭއެމްސީއީ) އާ ހަވާލުކޮށްފަ އެވެ.
މި ކުންފުނީގެ ތައާރަފަކާއި ދުނިޔޭގެ ބޮޑެތި ބޭންކުތަކުގެ ބްލެކްލިސްޓުން ޖާގަހޯދި ގޮތުގެ ވާހަކަވެސް މީގެ ކުރީ ރިޕޯޓެއްގައި ގެނެސްދީފައިވާނެ އެވެ.
ގާދޫއަށް އެނބުރިލާނަމެވެ. 'ވެލާ އަރާ' ގާދޫގެ ގޮތުގައި މަޝްހޫރުވެފައިވާ މި ރަށުގެ ވެށި ހަލާކު ނުކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ވިޔަފާރި ބަނދަރެއް އެޅޭނެ ހެއްޔެވެ؟ ގާނޫނުން ބުނަނީ ކީކޭ ހެއްޔެވެ؟ ގާދޫ ހިމާޔަތް ކޮށްފައިވަނީ ކޮން އުސޫލަކުން ހެއްޔެވެ؟ ޖަވާބުތައް ސާދާ ކޮށްލާނަމެވެ.
މި ރިޕޯޓަށް އެއްކުރި މައުލޫމާތުގެ ތެރެއިން، ލ. އަތޮޅުން 2023 ގެ ޑިސެމްބަރުގައި ހިމާޔަތްކުރި ހަ ސަރަހައްދު ހިމާޔަތް ކުރުމަށް ތިމާވެށްޓާ ބެހޭ ވުޒާރާއިން ނެރުނު ރަސްމީ ލިޔުން ވާނީ ހޯދާފަ އެވެ. އެ ލިޔުމުގައި ގާދޫ ހިމާޔަތްކުރުމުގެ ތަފުސީލާއި، އެ ރަށުގައި ކުރެވޭ އަދި ކުރުން މަނާ ކަންކަން ވަރަށް ސާފުކޮށް ހިމަނާފައިވެ އެވެ.
ގާދޫ ހިމާޔަތްކޮށްފައިވަނީ، ގުދުރަތީ އަދި ތަބީއީގޮތުގައި ރައްކާތެރިކޮށް ބަލަހައްޓާ ތަންތަނުގެ ހަވަނަ ގިންތީގެ ދަށުންނެވެ. އެއީ ސްޕީޝީސް/ހެބިޓެޓް މެނޭޖްމަންޓު އޭރިއާ ގެ ގޮތުގައި ހިމާޔަތްކުރާ ސަރަހައްދުތަކެވެ.
މި ސަރަހައްދުގައި ކުރުން މަނާ އެތައް ކަމެއް ލިޔުމުގައި ހިމަނާފައިވެ އެވެ. އޭގެ ތެރޭގައި މުޅި ސަރަހައްދުގައި ކުރުން މަނާ ކަންކަމާއި އެއްގަމާއި މޫދު ސަރަހައްދުގައި ކުރުން މަނާ ކަންކަން ވަކިން ބަޔާންކޮށްފައިވެ އެވެ.
ގާދޫ ހިމާޔަތްކުރި ލިޔުމުގައި އެރަށުގެ ހިމާތްކޮށްފައިވާ ސަރަހައްދުގައި ކުރުން މަނާކޮށްފައިވާ ކަންކަން -
މި ކަންކަމުގެ އިތުރުން، ހާއްސަ ހުއްދައެއްގެ ދަށުން ކުރެވޭނެ ކަންކަންވެސް މި ލިޔުމުގައި ފާހަގަކޮށްފައިވެ އެވެ. އޭގެ ތެރޭގައި އެ ސަރަހައްދަށް އާންމުންނާއި ފަތުރުވެރިން ޒިޔާރަތް ކުރުމާއި ރެސްޓޮރޭޝަން އަދި ރިހެބިލިޓޭޝަންގެ މަސައްކަތްތަކާއި މޫދުގައި ފީނުން ހިމެނެ އެވެ. ނަމަވެސް, ހާއްސަ ހުއްދައެއްގެ ދަށުންވެސް ގާދޫގައި މެރިޓައިމް ހަބެއް ގާއިމު ކުރެވޭނެ ޖާގައެއް އެ ލިޔުމުން ފެންނާކަށް ނެތެވެ.
ގާދޫ ހިމާޔަތް ކުރި ސަރުކާރުގެ ތިމާވެއްޓާ ބެހޭ ވަޒީރު އާމިނަތު ޝައުނާ މި ރިޕޯޓަށް މައުލޫމާތު ދެއްވަމުން އެންމެ ފުރަތަމަވެސް ފާހަގަކުރެއްވީ، އެ ރަށް ހިމާޔަތް ކުރަން ނިންމި މައިގަނޑު ސަބަބެވެ. އެ ރަށަށް އަރާ ބިސް އަޅާ އެތައް ސަތޭކަ ވެލެއެއް ހިމާޔަތް ކުރުމެވެ.
ޝައުނާ އިންނެވި ވަޒީރުންގެ މަޖިލީހުން ނިންމި ނިންމުމަށް ބާރުދޭ ގާނޫނަކީ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނެވެ. މި ސަރަހައްދުތައް ހިމާޔަތް ކުރާނެ ގޮތް ތަފުސީލު ކޮށްފައިވަނީ ގުދުރަތީ ނުވަތަ ތަބީއީ ގޮތުގައި ރައްކާތެރިކޮށް ދަމަހައްޓާ ތަންތަނާ ބެހޭ ގަވާއިދުގަ އެވެ.
މައި ގާނޫނާއި ގަވާއިދުންވެސް ރައީސް މުއިއްޒުގެ ސަރުކާރުން ހައްދުންމަތީގައި އަޅަން ނިންމާފައިވާ ވިޔަފާރި ބަނދަރަށް ހުރަސް އަޅަ އެވެ.
ތިމާވެށި ރައްކާތެރިކޮށް ބެލެހެއްޓުމާ ބެހޭ ގާނޫނުގެ ހަވަނަ މާއްދާގައި ބުނެފައިވާ ގޮތުން، ހިނގަމުންދާ މަޝްރޫއެއްގެ ސަބަބުން ތިމާވެށްޓަށް ނޭދެވޭ އަސަރު ފޯރާކަމަށް ފެނިއްޖެ ނަމަ އެ މަޝްރޫއު ހުއްޓުވުމުގެ އިހުތިޔާރު ވުޒާރާއަށް ލިބެ އެވެ. ނަމަވެސް, މި ސަރުކާރުގެ ވިސްނުން އެ މާއްދާއާ ވަރަށް ދުރެވެ.
ކުދި ޖަޒީރާތަކުގެ ކޮންފަރެންސާ ގުޅިގެން މެއި 23، ގައި ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެންވަރަމަންޓު މިނިސްޓަރު ތޯރިގު ވަނީ މި މަޝްރޫއު ހުއްޓާލުމުގެ ވިސްނުމެއް ނެތްކަން ސާފުކޮށް ފާހަގަކުރައްވާފަ އެވެ. ބަދަލުގައި ވިދާޅުވީ، މަޝްރޫއު ހިންގާނީ ގާދޫގެ ހިމާޔަތް ކޮށްފައިވާ ސަރަހައްދަށް ނާރާނެ ގޮތަކަށް ކަމަށެވެ. ތަފުސީލެއް ނުދެއްވަ އެވެ.
ގާނޫނުގެ ހަތަރު ވަނަ މާއްދާގެ ހ. ގައި ބުނެފައިވާ ގޮތުން، ގުދުރަތީ ނުވަތަ ތަބީއީ ގޮތުގައި ދެމެހެއްޓޭ ތަންތަނާއި ތަކެތި ބަލަހައްޓާ ހިމާޔަތް ކުރާނީ އެކަމަށް ހެދޭ ގަވާއިދުތަކުގެ ދަށުންނެވެ.
އީޕީއޭއިން މިފަދަ ތަންތަން ކަނޑައެޅުމާ ގުޅޭ ގަވާއިދެއް އެކުލަވާލާ ގެޒެޓުކޮށްފައިވަނީ އޮގަސްޓު، 2018 ގަ އެވެ.
ގާދޫގެ ހިމާޔަތްކޮށްފައިވާ ސަރަހައްދުތައް -
މި ގަވާއިދުގެ ހަ ވަނަ މާއްދާގައި މިފަދަ ތަންތަން ގިންތިކޮށްފައިވާއިރު، ގާދޫ ހިމާޔަތް ކުރި ހަވަނަ ގިންތީގެ ދަށުގައި ހިމެނޭ ސަރަހައްދުތަކުގައި "ތިމާވެށްޓާ ރަހުމަތްތެރި ގޮތެއްގައި އިގުތިސާދީ ތަފާތު ހަރަކާތްތައް ހިންގޭނެ" ކަމަށް ބުނެފައިވެ އެވެ.
ގާދޫގައި ހިންގަން ސަރުކާރުން އިއުލާނުކުރި ބޮޑު މަޝްރޫއުގެ ސަބަބުން އެ ރަށުގެ ގޮނޑުދޮށާއި ފަރަށް އަދި މޫދު ވިނައިގެ ސަރަހަށްދަށް ގެއްލުންވާނެ ކަމީ ސަބަބުވެރި ވިސްނުމަކުން ވިސްނާ ކޮންމެ މީހަކަށް ދެނެގަނެވޭނެ ކަންކަމެވެ. މިއީ ތިމާވެށްޓާ ބީރަށްޓެހި އިގުތިސާދީ ހަރަކާތަކަށް ވާނީ މި ސަބަބަށްޓަކަ އެވެ.
ސަރުކާރުގެ ވަންހަނާ ސިޔާސަތުގެ ދަށުން މި މަޝްރޫއުގެ ވެސް ގިނަ މައުލޫމާތުތައް ހާމަކޮށްފައެއް ނުވެ އެވެ. ނަމަވެސް, އެޕްރީލް 11 ގައި ލ. ފުނަދޫ ރައްޔިތުންގެ ކުރިމަތީ އެމްޕީއެލް އިން ދިން ޕްރެސެންޓޭޝަނުގައި ގާދޫ 'ކޮންޒާވް' ކުރާ ވާހަކަ ހިމަނާފައިވެ އެވެ.
މިއާއެކު ބަލައިލަންޖެހެނީ ގަވާއިދުގެ 13 ވަނަ މާއްދާ އަށެވެ.
އެ މާއްދާގެ ހ. ގައި ބުނެފައިވާ ގޮތުން މިފަދައިން ހިމާޔަތް ކުރާ ސަރަހައްދެއް ބަލަހައްޓަން ނުވަތަ 'ކޮންޒާވް' ކުރަން ހަވާލުކުރާ ތަނެއް "ބަލަހައްޓަންވާނީ ހަމައެކަނި އެތަނެއް ރައްކައުތެރިކޮށް ދެމެހެއްޓުމުގެ މަގުސަދު ހާސިލުކުރުމަށްޓަކަ އެވެ. އަދި އެ މަގުސަދާ ހިލާފުވާ ނުވަތަ ތައާރުޒުވާ އެއްވެސް އަމަލެއް އެތަނުގައި ހިންގައިގެން ނުވާނެ،" މިފަދައިންނެވެ.
ހަމަ ގައިމުވެސް، ސަބަބުވެރި އިންސާނަކަށް ގާދޫގައި ވިޔަފާރި ބަނދަރެއް އެޅުން، އެއީ އެ ރަށް ރައްކާތެރި ކުރުމަށް ކުރެވޭ ކަމެއްގެ ގޮތުގައި ނުވިސްނޭނެ އެވެ.
ރާއްޖޭގައި މިފަދަ ކޮންމެ މަޝްރޫއު އަކުންވެސް ތިމާވެށްޓާ ކުރާ އަސަރު ދެނެގަތުމަށް އެންވާރަމަންޓް އިމްޕެކްޓް އެސެސްމަންޓު (އީއައިއޭ) ހަދަންޖެހެ އެވެ.
ނަމަވެސް, މި ރިޕޯޓަށް ހޯދި މައުލޫމާތުން ކަށަވަރުވާ ގޮތުގައި ގާދޫގައި އަޅާ މެރިޓައިމް ހަބުގެ މަޝްރޫއުގެ އީއައިއޭ ހަދަން އަދިވެސް އީޕީއޭއަށް ހުށަހަޅާފައެއް ނުވެ އެވެ. އީއައިއޭ ފާސްކޮށްފައިވާނަމަ މި މަޝްރޫއުގެ ތަފުސީލުތައް ލިބޭނެ އެވެ. ގާދޫ ހިމާޔަތް ކުރާނެ ކަމަށް އެ ބުނާ ވާހަކައިގެ ހަގީގަތްވެސް އެނގޭނެ އެވެ.
ނަމަވެސް, މިހާރު އޮތީ އެޕްރީލް 11، ގައި އެމްޕީއެލުން ދިން ޕްރެސެންޓޭޝަނުގައި ފާހަގަކުރި ތިލަ މައުލޫމާތު ތަކެވެ. އެ ރޭގެ ހަފުލާގައި ގާދޫ މަޝްރޫއުގެ ތަފުސީލުތައް ދެއްވީ އެމްޕީއެލްގެ ރިސާޗް އެންޑް ޑިވެލޮޕްމަންޓް ކޮންސަލްޓަންޓް އަނިލް އާދަމް އެވެ.
"ވަރަށް ގިނަ ބޭފުޅުން ސޯޝަލް މީޑިއާގައި [ވިދާޅުވާތަން] އަޅުގަނޑަށް އެބަފެނޭ، ގާދޫއަށް ހަދަން މިއުޅެނީ ކިހިނެތްހޭ، އެއީ ހަމަ ރަނގަޅު ކޮންސާނެއް،" އަނިލް ވިދާޅުވި އެވެ.
އޭނާ އިތުރު ތަފުސީލެއްގެ ގޮތުގައި ވިދާޅުވީ ގާދޫގެ 80 އިންސައްތައިގައި އަތް ނުލާނެ ކަމަށެވެ. އަދި، އެ ރަށުގެ އަތް ނުލާ ސަރަހައްދު ހިމާޔަތް ކުރާނީ އިގުތިސާދީ ނިޒާމެއްގެ ދަށުން ކަމަށާއި އެތަނުގައި އިކޯ ޓޫރިޒަމް ހިންގާނެ ކަމަށްވެސް ވިދާޅުވި އެވެ.
ނަމަވެސް، ހަމަ އެ ޕްރެޒެންޓޭޝަނުގައި އަނިލް ވަނީ އިކޯ ޓޫރިޒަމް ރިސޯޓެއް ގާއިމުކުރަނީ ގާދޫ އާއި ފުނަދޫ ފަޅު ތެރޭގެ ސަރަހައްދު ހިއްކައިގެން ކަމަށް ވިދާޅުވެފަ އެވެ. އެ ރިސޯޓު ހެދުމަށްޓަކާ އެ ފަޅުގެ ސަރަހައްދުގައި ހުރި މުރަކަތަކެއް އެތަނުން ނަގާ ރިލޮކޭޓް ކުރުމަށް ރާވައިފާ ކަމަށްވެސް ވިދާޅުވި އެވެ.
ހަމަ ގައިމުވެސް ކުރިން ފާހަގަކުރި ގާދޫގެ ހިމާޔަތް ކޮށްފައިވާ ސަރަހައްދުތަކުގެ ތެރޭގައި ހިމެނޭ ފަޅުގެ ސަރަހައްދު ހިއްކުމަކީ ގާނޫނާ ކަނޑައެޅިގެން ހިލާފު ކަމެކެވެ. ސަރުކާރުން އެންމެ ފަހުން ބުނެފައިވާ ގޮތުގައި ގާދޫ އަދިވެސް އޮތީ ހިމާޔަތް ކޮށްފަ އެވެ.
"ބަންކަރިން ފެސިލިޓީއެއް އޭގައި ވިދާޅުވެފައި އޮތް ކަމުގައި ވިޔަސް ގާދޫގެ ހިމާޔަތްކޮށްފައި އޮތް އިހުތިސޯސްގެ ތެރެއަށް އެ ޕްރޮޖެކްޓެއް ނުވަންނާނެ، އެ ތަނާ ޖެހިގެން އޮންނަ ހިސާބުގައި އެ މަސައްކަތް ކުރިއަށް ދާނީ، ގާދޫ އޮންނާނީ ހަމަ ޕްރޮޓެކްޓެޑް އޭރިއާއެއްގެ ގޮތުގައި،" މެއި 23، ގައި އެންވާރަމަންޓް މިނިސްޓަރު ތޯރިގު އިބްރާހިމް ވިދާޅުވި އެވެ.
ރާއްޖޭގެ ގާނޫނުތައް އޮތް ގޮތުން ހިމާޔަތް ކުރެވޭ ރަށެއް އެ ލިސްޓުން އުނިކުރެވޭނެ ގާނޫނީ ހުއްޖަތެއް ނެތެވެ.
މި މަޝްރޫއު އިއުލާނުކުރުމާއެކު އެންމެ ފުރަތަމަ ކަންބޮޑުވުން ފާޅުކުރީ ތިމާވެށި ރައްކާތެރިކުރުމަށް ވަކާލާތުކުރާ ޖަމިއްޔާއެއް ކަމަށްވާ އީކޯކެއާ މޯލްޑިވްސްއިންނެވެ.
އެ ޖަމިއްޔާގެ ކަންބޮޑުވުން އޭރުވެސް އޮތުމާއެކު، މި ރިޕޯޓަށް މައުލޫމާތު އެއްކުރުމުގެ ތެރެއިން އީކޯކެއާގެ އެޑްވޮކަސީ ޑިރެކްޓަރު، މައީދު ޒާހިރު އާ ހިޔާލު ބަދަލުކުރީމެވެ. އޭނާ އެންމެ ފުރަތަމަވެސް ފާހަގަކުރީ މަޝްރޫއާ ގުޅިގެން ޖަމިއްޔާއިން އަދިވެސް ކަންބޮޑުވާ ކަމެވެ.
"މި މަޝްރޫއުގެ ސަބަބުން ގާދޫގެ ވެލާ އަރާ ގޮނޑުދޮށްތަކަށް އިޔާދަނުކުރެވޭފަދަ ގެއްލުންތަކެއް ކުރިމަތިވާނެތީ ވަރަށް ބޮޑަށް ކަންބޮޑުވޭ، މިފަދަ ތަފާތު ގުދުރަތީ ސަރަހައްދެއް ހިމާޔަތް ކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް،" މައީދު ބުންޏެވެ.
އޭނާ މި ފަހުންވެސް ހުރީ ގާދޫ މަޝްރޫއާ ގުޅޭ މައުލޫމާތު ހޯދުމަށް ހައްދުންމަތީގަ އެވެ.
ކުރީގެ ތިމާވެށީގެ ވަޒީރު އައިމިނަތު ޝައުނާވެސް ފާހަގަކުރެއްވީ ދާދި އެއް ކަންބޮޑުވުންތަކެކެވެ. އެގޮތުން މަޝްރޫއުގެ ފުޅާމިން ނޭނގުމަކީ އޭނާގެ އެންމެ ބޮޑު އެއް ކަންބޮޑުވުމެވެ. ޝައުނާ ދެކިލައްވާ ގޮތުގައި ހިމާޔަތް ކުރެވިފައިވާ މިފަދަ ސަރަހައްދެއްގައި ތަރައްގީގެ މަޝްރޫއެއް ހިންގަން ޕްލޭން ކުރަން ވާނީވެސް ތިމާވެށްޓަށް ކުރާނެ އަސަރުތަކުގެ ފުރިހަމަ ދިރާސާއެއް ހެދުމަށްފަހު އެވެ.
"ގާދޫ ހިމާޔަތް ކޮށްފައިވާ ސަބަބުން އެންމެނަށްވެސް އެނގޭ، ރާއްޖޭގައި ހިމާޔަތް ކޮށްފައިވާ ވެލާގެ ބާވަތްތައް ބިސް އެޅުމަށް ހާއްސަކޮށް ހިމާޔަތްކޮށްފައިވާ ގާދޫ އަދި އެ އަތޮޅުން ހިމާޔަތް ކޮށްފައިވާ ހުރިހާ ސަރަހަށްދެއްވެސް ފުރިހަމައަށް ހިމާޔަތް ކުރެވެން ޖެހޭނެ."
އެމްޕީއެލްގެ އަނިލް ދެއްވި މައުލޫމާތަށް އިޝާރަތް ކުރައްވާ ޝައުނާވެސް ވަނީ ގާދޫގެ ފަޅުގައި ރަށެއް ހިއްކާ ރިސޯޓެއް ތަަރައްގީކުރާއިރު، އެ ސަރަހައްދު ހިމާޔަތް ކޮށްފައި އޮތް އޮތުން ދަމަހައްޓާ ވެށްޓަށް ގެއްލުން ނުވާނެ ގޮތެއް ނުވިސްނޭ ކަމަށެވެ.
ސުވާލަކީ ހިމާޔަތް ކޮށްފައިވާ ސަރަހައްދަކުން އެހެން ސަރަހަށްދަކަށް މަޝްރޫއު ބަދަލުކޮށްފިނަމަ ލިބޭ ގެއްލުން ބޮޑުވަނީތޯ އުފެދޭ ސުވާލެވެ. ސަރުކާރުން ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު ތިމާވެށީގެ ގާނޫނު މުގުރާލާފަ ނޫނީ ލ. ގާދޫގައި މެރިޓައިމް ހަބެއް އެޅޭނެ އެއްވެސް ގޮތެއް ނެތެވެ.
Comment