Advertisement

މިފްކޯ ސްޓާފުންނަށް ބިރު ދެއްކި މައްސަލަ ބަލާ ނުނިމޭ، ކަރަންޓު ކަނޑަން އިންޒާރު ދިން މައްސަލަ ހުށަހަޅާފައެއް ނެތް

20 އޭޕްރީލް 2024 - 14:32 1

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

އިލެކްޝަންސް ކޮމިޝަންގެ މެންްބަރު ހަސަން ޒަކަރިއްޔާ މީގެ ކުރިން ބޭއްވި އިވެންޓެއްގައި - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު


މިފްކޯ ސްޓާފުންނަށް ބިރު ދެއްކި މައްސަލަ ބަލާ ނުނިމޭ، ކަރަންޓު ކަނޑަން އިންޒާރު ދިން މައްސަލަ ހުށަހަޅާފައެއް ނެތް

20 އޭޕްރީލް 2024 - 14:32 1

މިފްކޯއިން ޅ. ފެލިވަރުގައި ހިންގާ މަސް ފެކްޓްރީގައި މަސައްކަތް ކުރާ މުވައްޒަފުންގެ ތެރެއިން އިދިކޮޅު ފަރާތްތަކަށް ތާއީދުކުރާ މީހުނަށް ވަޒީފާގެ ބިރު ދައްކަން ގޮވާލި މައްސަލައިގެ ތަހުގީގު ނުނިމޭ ކަމަށާއި ހއ. ދިއްދޫގައި އިދިކޮޅު ފަރާތްތަކަށް ތާއީދުކުރާ މީހުންނަށް ކަރަންޓު ހިދުމަތް ނުދޭން އިންޒާރުދީ ވާހަކަ ދެއްކި މައްސަލަ ހުށަހަޅާފައި ނެތް ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ.

ފެލިވަރު މުވައްޒަފުންނަށް ބިރު ދައްކަން، ޅ. އަތޮޅު ހިންނަވަރުގައި ބޭއްވި ޖަލްސާގައި ޕީއެންސީގެ ޕޯޑިއަމްގައި ވާހަކަ ދައްކަމުން އެ ޕާޓީގެ މެންބަރު އަހުމަދު އަބްދުއްރަހުމާން (ހަންޓާ އަހުމަދު) ގޮވާލީ އޭޕްރީލް 12، ގަ އެވެ. އެ ހަފުތާގައި އިލެކްޝަންސް ކޮމިޝަނަށް އާންމު ފަރުދަކު އެ މައްސަލަ ހުށަހެޅި އެވެ.

އެފަދަ މައްސަލަތަކުގައި ކޮމިޝަނުން އަމަލު ކުރާ ގޮތަކީ, މައްސަލަ ބެލުމަށްފަހު ސާބިތުވާ ނަމަ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައި, ދައުވާ ކުރުމެވެ. އިލެކްޝަންސްގެ މެންބަރު ހަސަން ޒަކަރިއްޔާ "އަދަދު" ނޫހާ ވާހަކަ ދައްކަވަމުން ވިދާޅުވީ މައްސަލައިގެ ތަހުގީގު އަދި ފުރިހަމަނުވާ ކަމަށެވެ. ދައުވާ ކުރަން ފޮނުވުމާއި އެެހެން ފިޔަވަޅެއް އަޅަން ކޮމިޝަނުން ނިންމޭނީ ތަހުގީގު ފުރިހަމަ ވުމުން ކަމަށް އޭނާ ވިދާޅުވި އެވެ.

ހއ. ދިއްދޫގައި އޭޕްރީލް 14، ގައި ބޭއްވި ޕީއެންސީ ކެންޑިޑޭޓުގެ ކެމްޕެއިން އިވެންޓެއްގައި އެ ރަށު ފެނަކަ ބްރާންޗުގެ އެސިސްޓެންޓް މެނޭޖަރު އަބްދުﷲ ރަޝީދު ވަނީ އެ ރަށުގައި އުޅޭ އެމްޑީޕީއަށް ތާއީދު ކުރާ މީހުންގެ ގޭބިސީތަކަށް ކަރަންޓުގެ ހިދުމަތް ކަނޑާލަން ވެސް ގޮވާލައިފަ އެވެ. އެ މައްސަލާގައި ގިނަ ބަޔެއްގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވި އެވެ.

ހަސަން ޒަކަރިއްޔާ ވިދާޅުވީ އެފަދަ މައްސަލަ އީސީއަށް ބެލޭނީ މީހަކު ހުށަހެޅުމުން ކަމަށެވެ. އަދި އެ މައްސަލަ އެ ކޮމިޝަނަށް ހުށަހެޅިފައި ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ނިޒާމު ތަރުތީބުކޮށްފަ އޮތް ގޮތުން މައްސަލައެއް ބެލެން އަންނަނީ ޝަކުވާއެއް ގޮތުގައި އެ މައްސަލައެއް ކޮމިޝަނަށް ހުށަހެޅުމުން،" އޭނާ ވިދާޅުވި އެވެ.

މި ދެ މައްސަލާގައި ވެސް ސަރުކާރު ހިންގާ ޕީއެންސީން ބުނެފައިވަނީ އެއީ އެ ޕާޓީގެ ސިޔާސަތު ނޫން ކަމަށާއި ވަކި ފަރުދެއްގެ ވިސްނުން ކަމަށެވެ. އަދި ފިޔަވަޅެއްގެ ގޮތުން މިފްކޯގެ މުވައްޒަފުންނަށް ބިރު ދައްކަން ގޮވާލި މެންބަރަށް ނަސޭހަތް ދީފައިވާ ކަމަށް ވެސް އެ ޕާޓީން ބުނެފައިވެ އެވެ. ކަރަންޓުގެ ހިދުމަތް ކަނޑާލަން އިންޒާރު ދިން މައްސަލާގައި ފިޔަވަޅެއް އެޅި ކަމެއް ވެސް ނޭނގެ އެވެ.