Advertisement

"ނުކަތާ ވަރަށް" ޕްރޮޖެކްޓުތައް ގިނަވެގެން އުޅުނު އެމްޓީސީސީއަށް ފަހު ވަގުތު ޕްރޮޖެކްޓު ފުންޏެއް

20 އޭޕްރީލް 2024 - 15:58 0

އަމަން ހަލީމް

އަމަން ހަލީމް

އެމްޓީސީސީއާ ހަވާލުކުރި ބައެއް މަޝްރޫއުތަކުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން: ގިނަ މަޝްރޫއުތަކުގައި ސޮއިކުރި ބުރާސްފަތި ދުވަހާއި ހުކުރު ދުވަހު -- ފޮޓޯ: އެމްޓީސީސީ


"ނުކަތާ ވަރަށް" ޕްރޮޖެކްޓުތައް ގިނަވެގެން އުޅުނު އެމްޓީސީސީއަށް ފަހު ވަގުތު ޕްރޮޖެކްޓު ފުންޏެއް

20 އޭޕްރީލް 2024 - 15:58 0

އެމްޓީސީސީގައި ޕްރޮޖެކްޓުތައް ފުނި ޖެހި، އެ ކުންފުންޏަށް ނުކަތާ ވަރަށް ޕްރޮޖެކްޓުތައް ހަވާލުކޮށްފައިވާ ކަމަށް ބުނުމަށް ފަހު، އިންތިހާބާ ކައިރިކޮށް ސަރުކާރުން ގިނަ އަދަދެއްގެ ޕްރޮޖެކްޓުތަކެއް ހިންގަން އެ ކުންފުންޏާ ސޮއިކޮށްފި އެވެ.

ސަރުކާރުގެ އުމްރާނީ ތަރައްގީގެ ޕްރޮޖެކްޓުތައް ހިންގާ މައި ކުންފުނި އެމްޓީސީސީއަށް ނުހިންގޭ ވަރަށް ޕްރޮޖެކްޓުތައް ހަވާލުކޮށްފައިވާ ކަމަށް ސަރުކާރުން ބުނީ މިދިޔަ ޖެނުއަރީ 14 ގައި ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ އޮފީހުގެ އަންޑަސެކްޓްރީ އޮން ޕަބްލިކް ޕޮލިސީ އަބްދުﷲ ނާޒިމް އިބްރާހިމެވެ.

އެ ދުވަހު ނާޒިމް ވަނީ އެމްޓީސީސީއާ މާ ގިނަ ޕްރޮޖެކްޓުތައް ހަވާލުކޮށްފައި އޮތުމުން އެ ކުންފުންޏާ ހަވާލުކޮށްފައިވާ ގިނަ ޕްރޮޖެކްޓުތަކުގެ މަސައްކަތް ހުއްޓިފައިވާ ކަމަށެވެ. މިކަމަށް ހައްލެއްގެ ގޮތުން އެމްޓީސީސީން ކުރާ މަސައްކަތް ކުރަން އިތުރު ކުންފުންޏެއް އުފައްދަން ކެބިނެޓުން ނިންމާފައިވާ ކަމަށް އޭނާ އިއުލާންކުރެއްވި އެވެ.

"އެނގިވަޑައިގަންނަވާނޭ ފަދައިން އެމްޓީސީސީގައި މިހާރު ހުރީ ވަރަށް ގިނަ މަސައްކަތްތައް ފުނިޖެހިފައި. އެބޭފުޅުންނަށް ކުރެވޭ ވަރަށް ވުރެ މަސައްކަތްތައް ގިނަވެ، މަސައްކަތްތައް ބޮޑުވެފައި ވާތީވެ އެކަމަށް ހައްލެއް ހޯދުމުގެ ގޮތުން ކުރެވުނު މަޝްވަރާއެއް،" ކެބިނެޓުގެ ނިންމުން ސާފުކޮށްދެއްވަމުން ނާޒިމް ވިދާޅުވި އެވެ.

މިހެން ބުނި ސަރުކާރުން ވަނީ، ވޭތުވި ދެ ތިން ދުވަހުގެ ތެރޭގައި އެމްޓީސީސީއާ ގިނަ ޕްރޮޖެކްޓުތަކެއްގެ މަސައްކަތް ހަވާލުކޮށްފަ އެވެ.

އެމްޓީސީސީއާ ހަވާލުކުރި މަޝްރޫއުތައް

  • ށ. ކޮމަންޑޫ އެއާޕޯޓު ތަރައްގީކުރުން
  • ތ. ގުރައިދޫ އެއާޕޯޓު ތަރައްގީކުރުން
  • ތ. ވިލުފުށީ އެއާޕޯޓު ތަރައްގީކުރުން
  • ށ. މިލަންދޫ އެއާޕޯޓު ތަރައްގީކުރުން
  • ށ. ބިލެތްފަހި އެއާޕޯޓު ތަރައްގީކުރުން
  • މ. ދިއްގަރުގައި 75 ހައުސިން ޔުނިޓު އިމާރާތްކުރުން
  • ކ. ގިރާވަރުފަޅާއި ގުޅީފަޅުގެ ބިން ހިއްކުން
  • ތ. ކިނބިދޫ ބިން ހިއްކުން
  • ހއ. ދިއްދޫ އެއާޕޯޓު ތަރައްގީކުރުން
  • ހއ. ހޯރަފުށީ މަގު ހެދުން
  • ނ. މަނަދޫގައި 50 އެނދުގެ ހޮސްޕިޓަލެއް އެޅުން
  • މ. މުލީގައި 50 އެނދުގެ ހޮސްޕިޓަލެއް އެޅުން
  • ރ. އަލިފުށީގައި 30 އެނދުގެ ހޮސްޕިޓަލެއް އެޅުން

އެމްޓީސީސީއާ ހަވާލުކުރި މަޝްރޫއުތަކުގެ ތެރޭގައި ފަސް ރަށެއްގައި އެއާޕޯޓު އެޅުމާއި ތިން ރަށެއްގައި ހޮސްޕިޓަލު އެޅުމާއި ހަތަރު ރަށެއްގައި ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ އިތުރުން ހަތަރު ސަރަހައްދެއްގައި ހައިސްޕީޑް ފެރީ ހިދުމަތް ފެށުމާއި ފްލެޓު އެޅުމާއި މަގު ހެދުމުގެ މަޝްރޫއެއް ހިމެނެ އެވެ. ގިނައީ މިދިޔަ ބުރާސްފަތި ދުވަހު ސޮއިކުރި މަޝްރޫއުތަކެވެ.

އެމްޓީސީސީން ކުރާ މަސައްކަތް ކުރަން އިތުރު ކުންފުންޏެއް އުފައްދަން ސަރުކާރުން ނިންމިކަން އިއުލާންކުރުމުގެ އިތުރަށް މިއަދާ ހަަމައަަށް އެކަމާ ގުޅޭ އިތުރު މަސައްކަތްތަކެއް ކުރި ކަމެއް ނުވަތަ އެ ކުންފުނި އުފެއްދުމުގެ ކަންކަން ކުރިއަށް ގޮސްފައިވާ ހިސާބެއް ސަރުކާރުން ނުބުނެ އެވެ.