Advertisement

އާރުޓީއެލް ދަތުރުކުރާ ރޫޓުތަކަށް ގިނަ ބަދަލުތަކެއް ގެންނަން ސަރުކާރުން ނިންމައިފި

15 އޭޕްރީލް 2024 - 15:32 3

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

އާރުޓީއެލްގެ ފެރީތަކެއް ހުޅުމާލޭ ފަޅުތެރޭގައި. މިއީ ރާއްޖޭގެ ހުރިހާ އަތޮޅެއް ހައި ސްޕީޑް ފެރީން ގުޅާލުމަށް ކުރިއަށްގެންދާ މަޝްރޫއުއެއް --- ފޮޓޯ: އަދަދު ފައިލް


އާރުޓީއެލް ދަތުރުކުރާ ރޫޓުތަކަށް ގިނަ ބަދަލުތަކެއް ގެންނަން ސަރުކާރުން ނިންމައިފި

15 އޭޕްރީލް 2024 - 15:32 3

ރާއްޖޭގެ ހުރިހާ އަތޮޅެއް ހައި ސްޕީޑް ފެރީ ނެޓްވޯކަކުން ގުޅާލުމުގެ ގޮތުން މިދިޔަ ސަރުކާރުން ފަށާފައިވާ "ރާއްޖެ ޓްރާންސްޕޯޓް ލިންކް" (އާރުޓީއެލް) ގެ ދަށުން ހިދުމަތް ފޯރުކޮށްދެމުންދާ އަތޮޅުތަކުގައި ލޯންޗުތައް ދަތުރުކުރާ ރޫޓުތަކަށް ގިނަ ބަދަލުތަކެއް ކުރިއަށް އޮތް ދޮޅުމަހުގެ ތެރޭގައި ގެންނަން ނިންމާފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ހާމަކުރައްވައިފި އެވެ.

އާރުޓީއެލްގެ ހިދުމަތް ދޭން ސަރުކާރުން ހަވާލުކުރީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ އެވެ. މިއަދު ވަނީ ނ.، ރ.، ބ.، ގައި އާރުޓީއެލް ފެށުމަށް އެމްޓީސީސީ އާއެކު ސޮއިކޮށްފަ އެވެ. މިއަހަރުގެ ތެރޭގައި އެ ހިދުމަތް އެ އަތޮޅުތަކުގައި ފަށާނެ އެވެ.

ފެރީގެ ނިޒާމު ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްގެންދިޔުމަށް ގެންނަން ޖެހޭ ބައެއް ބަދަލުތަކެއް މިވީ ދުވަސްތަކުގެ ތެރޭގައި ފާހަގަކުރެވިފައިވާ ކަމަށް އަމީން ވިދާޅުވި އެވެ. އާރުޓީއެލްގެ މަސައްކަތް ކޮށްފައިވަނީ "އެންމެ ފުރިހަމަ ގޮތެެއްގައި އިންތިޒާމު ކޮށްގެން ނޫން" ކަމަށް އޭނާ ވިދާޅުވި އެވެ.

އެގޮތުން, ލޯންޗުތައް ދަތުރުކުރަން ރާސްތާ ކަނޑައަޅާފައިވަނީ އާންމުން އެންމެ އެދޭ ގޮތަކަށް ނޫން ކަމަށް އަމީން ވިދާޅުވި އެވެ.

"މިހާރު މި ގެންދަނީ ފެށިފައި ހުރި އަތޮޅުތަކުގެ ބޭފުޅުން ބޭނުންވާ ގޮތަށް އެ ރޫޓުތައް ބަދަލުކުރުމުގެ މަސައްކަތް. އިރާދުކުރެއްވިއްޔާ ކުރިއަށް އޮތް ދޮޅު މަސް ދުވަހުގެ ތެރޭގައި ވަރަށް ގިނަ ބަދަލުތަކެއް އެ ރޫޓުތަކަށް ވެސް އައިސްގެންދާނޭ," އަމީން ވިދާޅުވި އެވެ.

ލޯންޗުތައް ދަތުރުކުރާ ރާސްތާ ބަދަލުކުރުމަށް ހަރަދުތަކެއް ހިނގާނެ ކަމަށާއި އިތުރު ލޯންޗުތައް ހޯދައި އެ މަސައްކަތް ފުރިހަމަކުރަން އިތުރު ވަގުތާއި ފައިސާ ވެސް ބޭނުންވާނެ ކަމަށް އަމީން ވިދާޅުވި އެވެ.

ރަށްރަށުގައި އެމްޓީސީސީން އަޅާފައިވާ ފެރީ ޓާމިނަލްތައް ވެސް ކައުންސިލުތަކާ ހަވާލުކުރުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށް އަމީން ވިދާޅުވި އެވެ.

އާރުޓީއެލް ނެޓްވޯކް ގާއިމުކުރުމަށް ސޮއިކުރި އެއްބަސްވުމުގެ ދަށުން 65 ލޯންޗާއި 149 ޓާމިނަލް އަޅާނެ އެވެ. އޭގެ ތެރެއިން ބައެއް ލޯންޗުތައް ހިދުމަތަށް ވަނީ ނެރެފަ އެވެ.

އާރްޓިއެލް ފެރީގެ ހިދުމަތް މިހާރު ފަށާފައި ވަނީ އެންމެ ރާއްޖޭގެ އެންމެ އުތުރުން ހއ. އަދި ހދ. އަތޮޅާއި ށ. އަތޮޅާއި ޅ. އަތޮޅުގެ އިތުރުން ދެކުނުން ގއ. އަތޮޅާއި، ގދ. އަތޮޅުގެ އިތުރުން ފުވައްމުލައް އަދި އައްޑު ސިޓީގަ އެވެ.

މ. އަތޮޅުން މާލެއަށް ދަތުރުކުރަން އެމްޓީސީސީއަށް

މިއަދު ވަނީ މ. އަތޮޅާއި މާލެއާ ދެމެދު ސްޕީޑް ފެރީ ބޭއްވުމަށް ވެސް އެމްޓީސީސީއާ ހާވަލުކޮށްފަ އެވެ. ހަފްތާއަކު ދެ ދުވަހު ބާއްވާ މި ދަތުރުތަކަށް 450ރ. ނަގާނެ އެވެ.

އެ އަތޮޅުގައި މިހާތަނަށް އާރުޓީއެލްގެ ހިދުމަތް ފަށާފައި ނުވާއިރު އެ އަތޮޅުގައި އެއާޕޯޓެއް ނެތެވެ. މުލި އެއާޕޯޓު ނިމުމާ އެކު ހިދުމަތްތައް ރިވިއު ކުރާނެ ކަމަށް އެމްޓީސީސީން ބުނެފައިވެ އެވެ.

އާރުޓީއެލްގެ ހިދުމަތް ފަަރުމާކޮށްފައިވަނީ ހުރިހާ ފިޔަވައްސެއް ނިމޭއިރު އަތޮޅުތައް ވެސް ގުޅި މާލެއަށް ވެސް ދަތުރުކުރެވޭނެ ގޮތަށެވެ.

މިއަދު އެންމެ އަތޮޅަކުން މާލެއަށް ވަކި ދަތުރުތައް ބާއްވަން ސޮއިކުރި ސަބަބެއް ސަރުކާރުން ހާމަ ނުކުރެ އެވެ. މިއީ އާރުޓީއެލްއާ ގުޅިފައިވާ ހިދުމަތެއް ކަމެއް ވެސް ސާފެއް ނޫނެވެ.