Advertisement

ދިވެހި ބަހޭތޯ އެވެ؟

15 އޭޕްރީލް 2024 - 11:37 3

ފަތުހުﷲ އަހުމަދު ރަޝީދު

ފަތުހުﷲ އަހުމަދު ރަޝީދު


ދިވެހި ބަހޭތޯ އެވެ؟

15 އޭޕްރީލް 2024 - 11:37 3

ދިވެހިބަހޭ ބުނުމުން ލޮލަށް ނިދިނައިސް، ފަޔަށް ހިނިއަރައިގެން އުޅޭ މީހުން އުޅޭ ހެއްޔެވެ؟ ދިވެހިބަހަކީ އުސޫލެއް ހަމައެއް ނެތް ބަހެކޭ ބުނާ ދިވެހީން އެބަ ތިބި ހެއްޔެވެ؟ ޤަބޫލުކުރަން ދަތި ނަމަވެސް، މި ޙަޤީޤަތް މިއަދު ޤަބޫލުކުރާން އެބަޖެހެއެވެ. މަންސަތަކާއި މަންޒަރުތަކުން، މިންތިއެއް ފަންތިއެއް ގިންތިއެއް ނެތި އެ ކުލަތައް ފާޅުވަމުން އެބަދެއެވެ. ކުލަތައް ފެވި، ފެތުރިގެން އެބަދެއެވެ. އެއް ނަޒަރަކުން ބަލާއިރު، މިއީ އުފާކުރާން ޖެހޭ ކަމެކެވެ. ފޮރުވައިގެން ބާއްވާ ދަގުޔަށްވުމަށްވުރެ، ފާޅުކުރުމުން އަޅަންވީ ފިޔަވަޅާއި ކުރާންވީ ކަންކަން ފާރަވެރީންނަށް ފެންނާނެތީއެވެ. ހާމަވާނެތީއެވެ. ކަންބޮޑުވާ ކަންބޮޑުވުން އިތުރުވާނެތީއެވެ. ހާލަތާއި މައްސަލަތައް މޭރުންވާނެތީއެވެ. މައްސަލައަކީ ނޭނގުމެއް ވެސް ނޫނެވެ. ހާމަ ނުވުމެއް ވެސް ނޫނެވެ. އިއްޔެ ވެސް، މިއަދު ވެސް ކަންވާ ގޮތް އެނގެއެވެ. މާދަން ވެސް ފެނެއެވެ. ނިމުތު ވެސް ލަފާކުރެވެއެވެ. ހާމަވެއެވެ. މައްސަލައަކީ އިސްކަން ނުދެވުމެވެ. އިސްކަންދިނުމުގެ ޤާނޫނަށް އިސްކަން ނުދެވުމެވެ. ލިޔުނު ފަރާތްތަކާއި ފާސްކުރި އަތްތަކެވެ. މަޝްވަރާކުރި ދޫތަކެވެ. މުއްސަސާތަކެވެ. ނޫސްވެރީންނާއި ހަބަރުވެރީންނެވެ. ޖަމާއަތްތަކެވެ. ވެރީންނާއި އިސްވާރުންނެވެ. އެދުރުންނާއި މުރައްބީންނެވެ. ފަރުދުންނެވެ. އަދިވެސް މަސައްކަތް ކުރެވެނީ އޮބި އަޅާށެވެ. ޠަބީއަތާ ދުރަށްދާށެވެ. ބަދަލުތަކަށް ފުރުސަތު ހަނިކުރާށެވެ. މިއީ ގޯހެކެވެ. ވަރަށް ބޮޑު ގޯހެކެވެ. ހެދިފޯދި ފައްކާވާނީ ވެށިތަކާއި ސިކުނޑިތައް ފައްކާކޮށް ފުރުސަތު ދީގެންނެވެ. ޙައްޤު މިންވަރު ކަށަވަރުކޮށްގެންނެވެ. ދިވެހިބަހަށް ވެސް އޮތީ އެ ހުކުމެވެ. މަދުވަނީ ހުކުމުކުރާނެ ދޫތަކެވެ.

ތަބިއީ ގޮތުން ބަހަށް ބަދަލު އަންނާނީ ޖީލުން ޖީލަށް ކުރާ ދަތުރުގައެވެ. ވާރުތަވެ ވާސިލުވުމުގެ މަރުހަލާއިންނެވެ. މި ދަތުރުގައި އަންނަ ކޮންމެ ބަދަލަކީ ހިތްފަހި ބަދަލަކަށް ނުވެދާނެއެވެ. އެދެވޭ ބަދަލަކަށް ނުވެ ހިނގައިދާނެއެވެ. ނަމަވެސް، ތިބީންނާއި އަހުލުވެރީން ގޮތެއް ނިންމައިފިނަމަ، ނުވަތަ ވަކި ގޮތަކަށް މިސްރާބުދީލައިލާ ހޭރިކޮށްފި ނަމަ ދެން އެ ޖެހުނީ ރުހޭށެވެ. އެއީ ތަބިއީ ބަދަލަށްކުރާ ދަތުރެއްކަން ވިސްނާށެވެ. އެ ދަތުރުން ހާސިލުވި ކަންކަން އަޅައި މިނައި ކިރާށެވެ. ގޯހެއް އުޅޭނަމަ ހޭލައި ހޭލައްވާށެވެ. ހެވެއްނަމަ އާއްމުކޮށް ހިއްސާކުރާށެވެ. ކުރިއަރައިފައިވާ ބަސްބަސް ކުރިއަރައި ގޮސްފައިވަނީ މިދެންނެވި ތަރަހައިގެ މަތީންނެވެ. އެފަދަ ފަހިކަމާއި ފުރުސަތައް ފަހިކަންދީގެންނެވެ. ދުނިޔޭގެ ރަސް ބަސްބަހަށް ވިސްނާށެވެ. މަހުން މަހަށް، އަހަރުން އަހަރަށް އަދާހަމަވެ، އަދާހަމަކުރާ ގޮތް ބަލާށެވެ. ބަސްކޮށާރެވެ. ގަވާއިދެވެ. އުސޫލުތަކާއި ހަމަތަކެވެ. ތަހުލީލުވެރީންނާއި ދިރާސާވެރީންގެ ހިޔާލުފާޅުކުރާ ގޮތާއި ކަން އޮތް ގޮތެވެ. އޮބިއަޅާއި ފިއްތާން ނޫޅެ ހާމަކޮށް ދެއްކި މަގުތަކެވެ. ޖީލުތަކަށް ފަހި، ޖީލުތަކުން ގަޔާވެ ބޭނުންކުރާ މަންޒަރުތައް ތިޔާގިވީ އެހެންވީމައެވެ. ދިވެހިބަހަށް ޖެހިފައިވާ އެސްފީނާއަކީމިއެވެ. އަރައި ނުގަނެވިގެން މި އުޅެނީ އެކަމުންނެވެ.

އިއްޔެއަކީ ފައިބާ ބާރެވެ. އަރާބާރަކީ އަދެވެ. އެއީ ޒުވާންކަމުގެ އާރެވެ. ބާރެވެ. މާދަމާއަކީ އަންނާން ތިބީންގެ މިލްކެކެވެ. މި ހަގީގަތް ހިތުން ރުހުމުން ޤަބޫލުކުރާން ޖެހެއެވެ. އެ ވިސްނުމަށް އިޖާބަދޭން ޖެހެއެވެ. ގަބޫލުކުރިޔަސް ނުކުރިޔަސް، އާރޯކަމަކީ ޒުވާންކަމެވެ. ޒުވާން ހިޔާލާއި ޒުވާން ފިކުރެވެ. ބަހަށް ވެސް އޮތީ އެ މަގާމެވެ. އެ މަގެވެ. ޒުވާނުންގެ ބަސްމަގާއި ބަހުރުވައެވެ. ލަފުޒާއި ލަހުޖާއެވެ. އެކަމަށް ނޫނެކޭ ބުނާން ފަށައިފިނަމަ މުގުރައިލެވެނީ އަރާބާރެވެ. ދެން އޮތީ ފަހިކަމެއް، ފަސޭހަކަމެއް ނެތޭ ބުނެ ދެއްކޭ ވާހަކަތަކެވެ. އެކަން ކުރީ ކޮން ބަޔެއް ހެއްޔެވެ؟ އެ މަގު ދެއްކީ ކާކު ހެއްޔެވެ؟ އެ މަގަށް ކަންކަން ސީދާވީ ކިހިނެއް ހެއްޔެވެ؟ އެއީ އިއްޔެގެ ކަމެއް ހެއްޔެވެ؟ އަދުގެ ކަމެއް ހެއްޔެވެ؟

އާއެކެވެ. އެއީ އިއްޔެގެ ކަންކަމެވެ. ދައުވަތު ދިނީ އިއްޔެއެވެ. އެކަމަށް މަގުކޮށީއެވެ. ހޭނުވީއެވެ. ފެންދިނީއެވެ. ކޯދުއަރާނީ އިންދި އޮށަކުންނެވެ. ފަރިވާނީ މަލަހުން ހެދި ފޯދި ނިރުޖެހި އޮފިތަކުން ނުކުތް މަލެވެ. އަޅާނީ އެ މަލުގެ މޭވާއެވެ. ހަރުމީހުން ބުނަނީ ތެދެކެވެ. ހިތިކަދޫ ވެލެއްގެ ބުޑަށް ފެންކަމުގައި މާމުއި އެޅިނަމަވެސް އޭގައި އަޅާ މޭވާ ފޮނިވާނެ ގޮތެއް ނޯންނާނެއެވެ. އެހެންކަމަށްވާނަމަ، ޒުވާނުންގެ ބަސްމަގާއި ބަހުރުވަ ދިރާސާކޮށް، އެ މަގަށް ކަންކަން ފަހިކުރާން ޖެހެއެވެ. ކަންފަތަށް ފަހި، ދުލަށް ލުއި ބަސްކޮށާރާއި އިބާރާތްތައް ރަސްމީ ކުރާން ޖެހެއެވެ. އެ އުސްލޫބު ނެތްނަމަ އުފަންކުރާން ޖެހެއެވެ. އެކަން ވެސް ކުރާންވީ ޒުވާން ފިކުރާއި ހިޔާލުންނެވެ. ނޫނީ ޅަދުވަހު އުނގުން އިވޭ އަޑުތަކާއި އުނގަނައިދެވޭ ބަސް ބަދަލުކުރާންވީއެވެ. ދިވެހިބަހަށް އިސްކަންދެމޭ ނުބުނެ ޢަމަލުން ދައްކަންވީއެވެ. މިކަން ކުރާންވީ މިއަދުއެވެ. މާދަމާއަށް ޓަކައެވެ.

ދަނޑިމާރު އަޅައި އޮބި އެޅުމަކީ ފޫހިކަމަށް ކޮށޭ މަގެކެވެ. އެއީ ދޫކޮށް ދިޔުމަށް ދެވޭ ދައުވަތެކެވެ. ބީރައްޓެހިވުމަށް ގަދަކަމުން ކުރެވޭ އަހުދެކެވެ. އެއީ ފައިދާއެއް މަންފާއެއް ނެތް ޚިޔާލެކެވެ. ފޯރާ މީހުން ނުރުހޭނެ ބޯދާ ހިޔާލެކެވެ. އެއްބަހެވެ. ބަހުގެ އާޖުފާޖު ނޭނގި ހުރިހާ ކަމަކަށް ގޯހޭ ނުބުނެ "އޯކޭ" ވީމާ ގޮވަން ޖެހޭނީ ހޯހޯއެވެ. އުނގަންނައިދޭ ގަވާއިދާއި އެކަށައަޅާ ގަވާއިދު އޮންނަނީ އެހެންވީމައެވެ. ނަމަވެސް، އިސްކުރާންވީ ވެހީންގެ ބަހަވީ ސުންނަތެވެ. ޤަވާއިދެވެ. އިސްތިއުމާލެވެ. ފަޅަންވީ ލަފުޒާއި ފުނަތަކެވެ. އަޑުވަޅުތަކާއި ކަލިމަތަކެވެ. ދިރާސާކޮށް ބަލާށެވެ. ދެނެގަނެ ދަސްކުރާށެވެ. ކުރިފަޅައި ހެދި ފޯދެންވީ އެ އުސޫލުތަކެވެ. އެކަށައަޅަންވީ އެ ހަމަތަކެވެ. އުސޫލުތަކެވެ. ކިޔަވައިދޭ ގަވާއިދު އުފަންވާންވީ މި ތަރުތީބުންނެވެ. މި ސިޔަރަތުގެ މަތީންނެވެ. އެއީ ބަހަވީ މަންހަޖެވެ. ނެތް ކަމެއް، ނެތް އުސޫލެއް ގެންނާންވެއްޖެ ނަމަ އާނބަސް ބުނަންވީއެވެ. އޮތް ކަމެއް ބަދަލު ވެއްޖެ ނަމަ ޖާގަ ދޭންވީއެވެ. މަރުހަބާ ކިޔާންވީއެވެ. ދިވެހި ފޭރާމުން ޖަރީކުރާންވީއެވެ. އުފަލަކީ އެ ވިސްނުމަށް އިސްކަން ދެވި ލަފުޒުތަކާއި އިބާރާތްތަކަށް މަދުން ނަމަވެސް، ފުރުސަތު ދެވިފައިވާތީއެވެ. ފަތްތޫރަތަކުންނާއި ބަސްތޫރަތަކާއި ބަސްވާރުންގެ ޚިޔާލުން އިސްވާރުންގެ ވިސްނުމާއި ފިކުރުން އެ ވާހަކަ ދެކެވޭތީއެވެ. "ސަޅި"، "އޮބިވެ"، އޮބިއަޅައިގެން ނަމަވެސް "ހިލަކަމުން" ބަލައިގަތްކަމެވެ. މި ވަޒަންހަމަ ވެގެން ނޫނީ ބޭނުންވާ ރާސްތާ ފަހިވާކަށް ނެތެވެ.

ބޭނުމެއް ނެތް ހަރަކާތްތަކާއި މާނައެއް ނެތް ހޭދަތަކާއި މަންފާއެއް ނެތް ވަގުތުން ނަގާ ފޮޓޯގެ ތަސްވީރަށް ބަދަލު ގެނެސް، ހަގީގީ މާނައިގައި ކަންކުރާ މިންވަރު އިތުރުކުރާން ވެއްޖެއެވެ. ދިވެހީންގެ އިހުގެ އުޅުމާއި ހެދުމާއި ސަގާފަތަކީ މުހިއްމު އަސާސްތަކެވެ. ތަރިކަތަކެކެވެ. ދިރުވާ ނަގަހައްޓަން ޖެހޭ ބަހާތަކެކެވެ. ނަމަވެސް، އަހަރަކު އެންމެ ދުވަހަކު ނޫނެވެ. ނޫނީ ދެތިން ދުވަހަކު ނޫނެވެ. ވަކި މުނާސަބަތަކަށް ނޫނެވެ. ދާއިމަށެވެ. އެކަން ކަމަށް ކުރެވޭ ލޯބި އިތުރުވާނީ ވެސް އެކަން ކަމަށް ލެވޭ ބާރުގައި ހިތްވަރެއް ބުންވަރެއް ފަންވަރެއް ވެސް ހުރެގެންނެވެ. ހަމައެކަނި ދަޅައަށް ކަންކުރުމުގެ އުސޫލާއި ވައްޓަފާޅިއަށް ނޫނެކޭ ބުނެގެންނެވެ. ކަންކުރާން ތިބި ފަރާތްތަކަށް އަތްހުޅުވާލެވިގެންނެވެ. ދެއަތް ފުޅާކޮށްލެވިގެންނެވެ.

ހިދުމަތުގެ އަތްތަކާއި ދީލަތިކަމުގެ އަތްތައް ފުޅާކޮށްލެވިގެންނެވެ. ޖާގަ ތަނަވަސް މާލަމުތަކާއި ފަންނިއްޔާތަށް ފަހި ޖަގަހަތައް ހޯދައިދެވިގެންނެވެ. މުވާސަލާތަށް ބަހާއި އަކުރު މިހާރަށްވުރެ ފަހިވުމަށް ހިތްވަރުދީގެންނެވެ. މަގުތައް ފަހިކޮށްދީގެންނެވެ. އަތްބަނދެ، ކަނުބަނދެވިފައި ތިބެ ކާށި ހޮވާން ހަވާލުނުކުރާ ސިޔާސަތެއް ހޯދައިގެންނެވެ. ތަސްވީރަށްވުރެ އޮއްޓަރަށް އިސްކަންދީގެންނެވެ. ދެއްކުމަށްވުރެ ބިނާކުރުމަށް މަސައްކަތްކޮށްގެންނެވެ. ބަހަވީ އަދަބީ ދުވަސްތަކާއި ޤައުމީ މުނާސަބާތަކަށް ޤައުމީ ފެންވަރުގެ އިސްކަމެއް ދެވި ޒަމާނަށް އަދާހަމަ ހަރަކާތްތަކާއި ވިސްނުންތައް އުފަންކޮށް، އެކަންކަމަށް މަގުތައް ކޮށައި އަލިކޮށްގެންނެވެ.

އިލްމު ހޯދުމަކީ ބުރަކަމެކެވެ. އެތައް މަގެއް ހުރަސްކުރާން ޖެހޭ ކަމެކެވެ. އަޑިގުޑަންތައް ގިރާކުރާން ޖެހޭ ކަމެކެވެ. އެތައް ހޭދައެއްކޮށް އެތައް ގުރުބާނެއް ވާން ޖެހޭ ކަމެކެވެ. އިލްމު ހޯދަނީ މާދަމާ އަށެވެ. ފަންނީ ކުރިއެރުމަށެވެ. މާލީ މަންފާއަށެވެ. ނަމަވެސް، އޮތީ ހިތާމަވެރި ވާހަކަތަކެކެވެ. ދިވެހިބަހާއި ބަހަވިއްޔާތުން މަތީ ތައުލީމު ހާސިލުކުރުމުން މި ދެންނެވި މަންފާތަކެއް ލިބޭކަށް ނެތެވެ. މަގާމުގެ ކުރިއެރުމެއް ނުލިބެއެވެ. މާލީ އިތުރުވުމެއް ނެތެވެ. ކުށަކީ ބަސްދެކެ ލޯބިވުމެވެ. ދިވެހިބަހުގެ ދާއިރާއިން މަތީ ތައުލީމު ހާސިލުކުރުމެވެ. މައްދިވެހިބަހުގެ ހަމަތަކާއި އުސޫލުތައް ދަސްކޮށް ދަސްވެނިވުމެވެ. މިއީ އިންސާފެއް ތޯއެވެ؟ ބަހަށް އިސްކަންދިނުމަކީ މިއީ ހެއްޔެވެ؟ ބަހާއި ޢަމަލާ ދިމާވާ ކަމެއް ހެއްޔެވެ؟ ޤައުމިއްޔަތުގެ ބަހާތައް މަގުމަތި ވިޔަ ދިނުމުން ސަލާމަތްކުރާން ބޭނުންނަމަ މިއަދުން މިއަދަށް ވެސް މި ކަން ބަދަލުކުރާން ޖެހެއެވެ. ބާރުވެރިންނާއި ޒިންމާތައް މަތިވެފައިވާ ފަރާތްތަކުން މިކަންކަން ބަލައި އިސްލާހީ ފިޔަވަޅުތައް އަޅާން ޖެހޭކަމެކެވެ. ބަހަށް އިސްކަންދީ ދިވެހިބަހުން ވާހަކަދައްކާ ޖީލެއް އުފަންވާނީ އޭރުންނެވެ. ބަހުގެ ހިދުމަތަށް ނުކުންނަ ޢިލްމުވެރިން އުފެދޭނީ އޭރުންނެވެ. އޮފީސް މާހައުލުގައި ކުށެއްނެތި ދިވެހިބަހުން ލިޔާނެ އަތްތައް އިތުރުވާނީ އޭރުންނެވެ. މިކަން ހަމަމަގަށް އެޅުވޭނީ މަތީފަޑިން ޤައުމިއްޔަތުގެ ބަހާތަކަށް އިސްކަންދިނުމުގެ ވިސްނުމަށް އިސްކޮށްގެންނެވެ. ސިޔާސަތުތަކުން ބަހަށް ޖާގަ ދީގެންނެވެ.

އަދީބުންނަކީ މާޒީއެއް ހެއްޔެވެ؟ އަދީބެއް މުތަރުޖިމެއް، މުރުޝިދެއް މުރައްބީއެއް އަދު ނެތީ ހެއްޔެވެ؟ އަދަބީ ގުލްޝަންތަކުގައި މާތައް ފަރިވެ ފަރިނުވަނީ ހެއްޔެވެ؟ އެ ގުލްޝަނުގައި ފޮޅުނު މާ ތަކަށް ނަންދީދީ ހުސްވީތޯއެވެ؟ ރިހިދުލެއް، އޯކިޑެއް، ޝަބާބެއް، ޤައުމުގެ ހިމާރެއް އަދުގެ ޖީލުގައި ނެތީ ހެއްޔެވެ؟ އުޖާލާވި ރަންތަރިއެއް، ފަތިހުގެ ތަރިއެއް ދިވެހި އުޑުގައި ފިޔަ ނުޖަހަނީ ހެއްޔެވެ؟ ނޫނެކެވެ. އެބަތިއްބެވެ. އިއްޔެއަށްވުރެ އިލްމީ ސިކުނޑިތަކާއި މަސައްކަތްތެރި އަތްތައް ގިނަ ވެއްޖެއެވެ. ލިޔެވޭ ލިޔުންތަކާއި ކުރެވޭ މަސައްކަތްތައް އިތުރު ވެއްޖެއެވެ. ޅެމާއި ރައިވަރާއި ބަންޖާއި ކަލާއި ރައިވަރު ދިރި، ދިރުވާ އާލާކޮށް ޅަ ދޫތަކަށް ފަރިތަ ވެސް ކުރުވައިފިއެވެ. ޅެންވެރިކަމުގެ އަލިން މުޅި ރާއްޖެ އުޖާލާ ވެއްޖެއެވެ. ކޮންމެ އަހަރަކު އެތައް ހާސް ދަރީންނެއް ވާހަކައާއި މަޒުމޫނު ލިޔެ، އިމްތިހާނުތަކުން ތަރިތަރީން ފާސް ހޯދައިފިއެވެ. ސަނަދާއި މަތީ ސަނަދު ހާސިލުކޮށް، ޝަރަފުވެރި ވަނަތަކާއި މަތީ ޝަރަފުވެރި ފައްޓާތަކާއެކު ދަސްވެނިވެއްޖެއެވެ. އެ ޒުވާނުން ޚިދުމަތުގެ މައިދާންތަކުގައި އެބަ ތިއްބެވެ. ނަމަވެސް، އިއްޔެ ދިން ޝަރަފާއި ފަޚުރެއް އަދުގެ ޖީލަކަށް ނުދެވެއެވެ. ދެވޭނެ ގޮތެއް އެފަދަ މަންސައެއް ނެތެވެ. އޮތީ ޒިންމާއެކޭ ބުނެ ބަނޑަށް ހިންދައިލުމެވެ. ޒުވާން އަދީބުން އުފަންވާނީ އެ ޝަރަފާއި ލަގަބު ދެވޭނެ ގޮތްފޮތް ހޯދިގެންނެވެ. އެކަމަށް މަގުކޮށިގެން ނޫނީ ބަހުގެ ހއްގުގައި ވަކާލާތު ކުރާނެ މީހުން އިތުރެއް ނުވާނެއެވެ.

މާދަމާގެ ޖީލު ކުރާނެ ޝަކުވާތައް ހިތަށް އަރައި، ލޮލު ފިޔަ ނުޖެހިގެން އުޅޭ މަދު މީސްކޮޅެއް ތިބިކަމަށް ޓަކައި އުފާކުރުން ޙައްޤެވެ. ބަހާއި ބަހުގެ އަދަބުގެ ޝަރަފަށް ޓަކައި ރެޔާއި ދުވާލު ގުރުބާންވާ ޅެންވެރީންނާއި އެންމެހާ ޚިދުމަތްތެރީންގެ މަސައްކަތަކަށް ތައުރީފު ޙައްޤެވެ. މައްދިވެހިބަހުން، ރިވެތި ބަސްމަގުން، ފަށުވި އިބާރާތްތަކުން އުއްތުންކޮށް، ބުގިސްކޮށް ލިޔުންތައް ލިޔެ އާއްމުކުރާ ނޫސްވެރީންނާއި ލިޔުންތެރީންނާއި މި ދާއިރާއަށް ނުކުންނަ ޒުވާނުންނަށް ހިތްވަރުގެ ބަސްތައް ތަކުރާރުކުރަމެވެ. ތުއްތުކުދީންނާއި ޒުވާނުންނަށް ފޮތް ތައްޔާރުކޮށް ލިޔެ ފޮތްހަރުތަކަށް ދިރުންދޭ މުސައްނިފުންނަށް ސާބިތުކަން ދެއްވުން އެދި ދަންނަވަމެވެ.

ބަހުގެ ހިމާޔަތުގައި ރެޔާއި ދުވާލު ޤުރުބާންވާ މުރައްބީންނާއި އެދުރުންނާއި ދާރިސުންނާއި ބަހުގެ ވުޒާރާއާއި ވިދާރާގެ އިސްވާރުންގެ ނަންތައް ރަން އަކުރުން ފަވާލަމެވެ. ބަސްދެކެ ލޯބިވާ، ބަހަށް ހޭހަން ކުރުމަށް ޝައުގުވެރިވާ ކޮންމެ މީހަކަށް އެ ފުރުސަތު ފަހިކޮށްދިނުމަކީ ތިބީންގެ ޒިންމާއެކެވެ. އެކަމަށް ޅަ ޖީލު ހޭލެއްވުމަކީ އަދު ތިބީންގެ މަސްއޫލިއްޔަތެކެވެ. ބަހުގެ މޫރިތިކަމާއި ކީރިތިކަމާއި ތޫނުކަން އެންމެ ރިވެތި ސޫރައިގައި މާދަމާއަށް ގެންގޮސްދިނުމަކީ ބަހަވީންގެ ވާޖިބެކެވެ. ވެހީންނަށް މިކަން ވާނީ ހިމުންވެގެންނެވެ. މެހި ގުޅި ލާމެހިގެންނެވެ. ބަހާއި ބަހުގެ ހައްގުގައި ތެދުވާނެ ދަރީން އުފެދޭނީ އޭރުންނެވެ. ދިވެހިބަހޭ ބުނުމުން ޝަރަފުވެރި ހިނިތުންވުމާއި ފަހުރުވެރިކަމާ އެކު ތިޔައީ ފުރައަމެންގެ މާދަރީބަހޭ ބުނެލާނެ ދޫތައް އިތުރުވާނެ ގޮތްތަކާއި މަގުތައް ފަހިވުމަކީ ކުރެވޭ ދުއާއެވެ. އެ ދުވަސް ދެއްކެވުމަކީ ހިތުގެ އުއްމީދެވެ