Advertisement

މަގޫދޫ އެއާޕޯޓުގެ މަސައްކަތް ހުއްޓާނުލައި ކުރިއަށް ގެންދާނަން: ރައީސް

14 އޭޕްރީލް 2024 - 15:49 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

މަޖިލިސް އިންތިހާބުގެ ކެމްޕޭނު ޖަލްސާއެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވާހަކަދައްކަވަނީ -- ފޮޓޯ: ޕީއެންސީ


މަގޫދޫ އެއާޕޯޓުގެ މަސައްކަތް ހުއްޓާނުލައި ކުރިއަށް ގެންދާނަން: ރައީސް

14 އޭޕްރީލް 2024 - 15:49 0

ކުރީ ސަރުކާރުން ފ. މަގޫދޫގައި އަޅަން ނިންމި އެއާޕޯޓުގެ މަސައްކަތް ހުއްޓައިނުލައި ކުރިއަށް ގެންދާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވައިފި އެވެ.

ރައީސް އެހެން ވިދާޅުވީ މަގޫދޫ ކައުންސިލާއި އެ ރަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ މެންބަރުންނާ ބައްދަލު ކުރައްވައި މިއަދު ދެއްކެވި ވާހަކައިގަ އެވެ.

އެ ބައްދަލުވުމުގައި މަގޫދޫ ކައުންސިލު މެންބަރުން ވަނީ އެ ރަށުގައި އަޅަން މިދިޔަ ސަރުކާރުން ނިންމި އެއާޕޯޓުގެ މަސައްކަތް ހުއްޓާލައިފައި އޮއްވައި، އެ ރަށުން ފުރައިގެން 10 ވަރަކަށް މިނެޓުން ދެވޭހައި ދުރުމިނުގައި އޮތް ނިލަންދޫގައި އެއާޕޯޓެއް އަޅަން މި ސަރުކާރުން ނިންމުމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އޭގެ އިތުރުން އެ މެންބަރުން ވަނީ މަގޫދޫ ސްކޫލުގެ މަލްޓިޕާޕަސް ހޯލާއި ސައިންސް ލެބުގެ މަސައްކަތް ވީހައިވެސް އަހަވަކަށް ފަށައިދިނުމަށް ރައީސްގެ ކިބައިން އެދިވަޑައިގެންފަ އެވެ. އަދި އެ ރަށު ބޯޅަދަނޑު ރަނގަޅު ފެންވަރަކަށް ހެދުމުގެ އިތުރުން މަގޫދޫ ކައުންސިލު އިދާރާ ހިންގުމަށް އައު އިމާރާތެއް އިމާރާތް ކުރުމުގެ މުހިންމުކަން ވެސް އެ ބައްދަލުވުމުގައި މަގޫދޫ ކައުންސިލު މެންބަރުން ވަނީ ފާހަގަކޮށްފަ އެވެ.

މަގޫދޫ ކައުންސިލުގެ ވާހަކަތައް އަޑުއެއްސެވުމަށް ފަހު ރައީސް ވަނީ މި ސަރުކާރުގެ ފިކުރަކީ ތަރައްގީގެ ފިކުރު ކަމަށް ވިދާޅުވެ މަގޫދޫގެ އެއާޕޯޓާއި ތަރައްގީގެ އެހެން މަޝްރޫއުތައް ވެސް ހުއްޓައިނުލައި ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ. އަދި އިތުރު ތަރައްގީގެ އެހެން މަޝްރޫއުތައް މަގޫދޫގައި ކުރިއަށް ގެންދަވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

މަގޫދޫ އެއާޕޯޓުގެ މަސައްކަތް ހުއްޓައިނުލައި ކުރިއަށް ގެންދާނެކަމުގެ ޔަގީންކަން ރައީސް ދެއްވިއިރު، އެ ރަށް ކައިރީގައި އޮތް ނިލަންދޫގައި އެއާޕޯޓު އަޅަން މި ސަރުކާރުން ނިންމާފައި ވަނީ ނިލަންދޫ ދާއިރާއަށް ޕީއެންސީގެ ޓީކެޓުގައި ވާދަކުރާ ފާތިމަތު ސައުދާއަށް ނަހަމަ މަންފާއެއް ހޯދައިދެއްވުމަށް ކަމަށް އިދިކޮޅުން ވަނީ ތުހުމަތުކޮށްފަ އެވެ. ސައުދާ އަކީ ރައީސް މުއިއްޒުގެ އާއިލާ މީހެކެވެ.

މަގޫދޫގައި މިދިޔަ ސަރުކާރުން އަޅަން ނިންމި އެއާޕޯޓުގެ ގިނަ މަސައްކަތްތަކެއް ނިމިފައި އޮއްވައި އެ މަސައްކަތްތައް ހުއްޓައިލުމަށްފަހު ނިލަންދޫގައި އެއާޕޯޓެއް އަޅަން ނިންމި މައްސަލަ ވަނީ ކުއްލި މައްސަލައެއްގެ ގޮތުގައި މަޖިލީހަށް ވެސް ހުށަހަޅައިފަ އެވެ.

ނަމަވެސް މަގޫދޫގައި އެއާޕޯޓު އެޅުމުގެ މަސައްކަތް ހުއްޓާލައިފައި ނުވާ ކަމަށް ސަރުކާރާއި އެ މަސައްކަތް ކުރުމަށް ހަވާލުވި އެމްޓީސީސީން ވެސް ވަނީ މީގެ ކުރިން ބުނެފަ އެވެ.

އެ ވާހަކަތައް އެހެން ހުއްޓަސް އެރަށުގައި އެއާޕޯޓު އެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތާ އެތައް ދުވަހެއްވުމުން އެރަށު ރައްޔިތުން ވަނީ މީގެ ކުރިން ބޮޑު މުޒާހަރާއެއް އެރަށުގައި ކުރިއަށް ގެންގޮސްފަ އެވެ.

މަގޫދޫ އެއާޕޯޓުގެ މަސައްކަތްތައް ކުރިއަށް ނުދާ މައްސަލަ ހޫނުވެފައި އޮއްވައި ސަރުކާރުން ވަނީ ނިލަންދޫގައި އެއާޕޯޓު އެޅުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް މިދިޔަ މާޗު 27، 2024 ގައި އެމްޓީސީސީއާ ހަވާލުކޮށްފަ އެވެ.