Advertisement

ސަފީރުންނަށް ރުހުން ދިނުން ލަސްވާތީ ރައީސްގެ ނުރުހުން މަޖިލީހަށް

11 އޭޕްރީލް 2024 - 12:40 1

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

ޕީއެންސީގެ ކެމްޕޭން އިވެންޓެއްގައި ރައީސް ވާހަކަ ދައްކަވަނީ. ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ސިޔާސަތުތަކަށް ތާއީދުކުރާ ކެންޑިޑޭޓުން ހޮވަން ޖެހޭ ކަމަށް ވިދާޅުވި --- ފޮޓޯ: ފައިލް


ސަފީރުންނަށް ރުހުން ދިނުން ލަސްވާތީ ރައީސްގެ ނުރުހުން މަޖިލީހަށް

11 އޭޕްރީލް 2024 - 12:40 1

ބޭރު ގައުމުތަކަށް ސަރުކާރުން އައްޔަނު ކުރުމަށް ފޮނުވާފައިވާ ސަފީރުން އައްޔަނު ކުރުން ރައްޔިތުންގެ މަޖިލީހުން ލަސްކުރަމުންދާ ކަމަށް ވިދާޅުވެ ރައީސް ޑރ. މުހައްމަދު މުއިއްޒު ނުރުހުން ފާޅުކުރައްވައިފި އެވެ.

ލ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުގެ ތެރެއިން މާވަށުގައި ވާހަކަ ދައްކަވަމުން ރައީސް ވަނީ އެމަނިކުފާނުގެ ވައުދުތައް ފުއްދުމަށް ރައްޔިތުންގެ މަޖިލީހަކީ މުހިންމު ތަނެއް ކަމަށް ވިދާޅުވެފަ އެވެ. މިވަގުތު އޮތް މަޖިލީހުން ސަރުކާރަށް އެއްބާރުލުން ނުދޭ ކަމަށް ވިދާޅުވާ ވާހަކަ ރައީސް މިއަދު ވެސް ތަކުރާރު ކުރެއްވި އެވެ.

"މިހާރު މަޖިލީހުގެ ކޮމިޓީގައި މިއޮތީ އަޅުގަނޑުމެން ބޭރަށް ފޮނުވާ ސަފީރުންނަށް ދޭން ޖެހޭ ރުހުން ހޯދުމަށް. މިއީ އަސްލުގައި ވަރަށް ކުޑަ ކަމެއް. އެކަމަކު އެ ކޮމިޓީ ނުބާއްވަ ދެއްވައޭ. ނުބޭއްވި. ހަމަ ދިގުލައިގެން އެ ދަނީ. ސަފީރުން އެ ތިބީ ނުފޮނުވިފައި," އެމަނިކުފާނު ވިދާޅުވި އެވެ.

ރައްޔިތުންގެ ކަންކަން މަޑުޖެހޭ ގޮތަކަށް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓު ދޭއިރު ފުރުސަތު ނުދެއްވުމަށް ރައީސް އެދިވަޑައިގެންނެވި އެވެ.

ސަފީރުން އައްޔަނު ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ރައީސް މުއިއްޒު ފޮނުއްވީ ފެބްރުއަރީ 6, އަދި މާޗު 13, ގަ އެވެ. ފުރަތަމަ ތިން ނަން ފޮނުއްވިއިރު ދެވަނަ ބުރުގައި ފޮނުއްވީ ދެ ނަމެވެ. އެ ހުރިހާ މައްސަލައެއް ވެސް އޮތީ ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީގަ އެވެ.

އެ ނަންތަކަކީ;

  • މަސްއޫދު އިމާދު - ސްރީލަންކާ
  • ޑރ. މަރިޔަމް ޝަބީން - މެލޭޝިއާ
  • ގީލާ އަލީ - ބެލްޖިއަމް އަދި ޔޫރަޕިއަން ޔޫނިއަން
  • މުހައްމަދު ލުވޭޒް - ސިންގަޕޫރު
  • ޑރ. ސަލްމާ ރަޝީދު - ޖެނީވާގައި ހުންނަ އދ. ގެ އޮފީސްތަކަށް ކަނޑައަޅާ ދާއިމީ މަންދޫބު

މީގެ ތެރެއިން ބައެއް ބޭފުޅުންނާ އެ ކޮމިޓީން އިންޓަވިއުކޮށް ނިންމާފައިވާއިރު ސަފީރުން އައްޔަނު ކުރުމާ މެދު މަޖިލިސް ތަޅުމުން އަދި ގޮތެއް ނިންމާފައި ނުވެ އެވެ.