Advertisement

މަޖިލިސް ކެމްޕެއިނުގައި ރައީސް ކުރެއްވި ދަތުރުތަކަށް ދައުލަތުން 100 މިލިއަން ރުފިޔާ ހޭދަކޮށްފި: އީސަ

10 އޭޕްރީލް 2024 - 19:57 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

އެމްޑީޕީގެ މަޖިލިސް ކެމްޕޭނުގެ ތަރުޖަމާނު، އަހުމަދު އީސާ -- ފޮޓޯ: އެމްޑީޕީ


މަޖިލިސް ކެމްޕެއިނުގައި ރައީސް ކުރެއްވި ދަތުރުތަކަށް ދައުލަތުން 100 މިލިއަން ރުފިޔާ ހޭދަކޮށްފި: އީސަ

10 އޭޕްރީލް 2024 - 19:57 0

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ ކެމްޕެއިނު ދަތުރުތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ދައުލަތުން 100 މިލިއަނެއްހާ ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް އެމްޑީޕީގެ ތަރުޖަމާނު، އަހުމަދު އީސާ ރޭ ވިދާޅުވެއްޖެ އެވެ.

އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އީސާ ވިދާޅުވީ މީޑިއާ އާއި އެކިއެކި ވަސީލަތްތަކުން އެއްކޮށްފައިވާ މައުލޫމާތުން އެނގޭ ގޮތުގައި ދައުލަތުގެ ހަރަދުގައި ރައީސް މުއިއްޒު ވަނީ މަޖިލިސް އިންތިހާބުގެ ކެމްޕެއިނަށް މަދުވެގެން 100 މިލިއަން ރުފިޔާ ހޭދަ ކޮށްފައި ކަމަށެވެ.

މަގާމުގެ ނުފޫޒު ބޭނުން ކުރައްވައިގެން ބޭނުން ކުރައްވާފައި ވަނީ ރައްޔިތުންގެ ޓެކްސް ފައިސާ ކަމަށާއި އެކަން އިލެކްޝަންސް ކޮމިޝަނާއި އޭސީސީ އަދި މަޖިލީހުން ވެސް ބަލަން ޖެހޭ ކަމަށް އީސާ ވިދާޅުވި އެވެ.

ރައީސް މުއިއްޒު ދައުލަތުގެ ހަރަދުގައި ކުރެއްވި އެއްވެސް ދަތުރަކަށް ޕީއެންސީން ފައިސާ ދައްކާފައި ނުވާ ކަމަށާއި އެ ފައިސާ ދައްކަވާފައިވާނަމަ އެކަން ހާމަ ކުރެއްވުމަށް އީސަ ވަނީ ގޮވާލާފަ އެވެ.

އެގޮތުން މަޖިލިސް އީދު ޗުއްޓީއަށްފަހު އައުމުން ކޮމިޓީތަކަށް ހުށަހަޅައިގެން މައްސަލަ ބަލާނެކަން ފާހަގަކުރައްވާ އީސަ ވިދާޅުވީ މުއައްސަސާތަކުން މައްސަލަ ބަލަމުންދާތޯ ވެސް ބަލަމުންދާނެ ކަމަށެވެ.

"ރައީސްގެ އަމިއްލަ ދަތުރުފުޅުތަކުގައި ވެސް އަދި ޕާޓީ ދަތުރުތަކުގައި ވެސް ރައީސްގެ ސަލާމަތީ ކަންކަމަށް ސަލާމަތީ ބާރުތަކުން ކަންތައްތަކެއް ކުރޭ. އެކަން ކަމަކީ ޕާޓީ ދަތުރުތަކެއްވާނަމަ އެއީ މުއައްސަސާތަކުން ކަނޑައަޅާފައިވާ އުސޫލުގެ ތެރެއިން ރައީސް ނިސްބަތްވާ ޕާޓީން ހަރަދުކުރަން ޖެހޭ ކަންތައްތަކެއް،" އީސާ ވިދާޅުވި އެވެ.

ދައުލަތުގެ ފައިސާއިން ރައީސް މުއިއްޒު ކެމްޕޭނު ކުރުމަކީ ކަނޑައެޅިގެން މަނާ ކަމެއް ކަމަށާއި އެހެންވެ ކަމާ ގުޅުންހުރި އިދާރާތަކުގެ އިތުރުން މަޖިލިސް ކޮމިޓީތަކަށް ވެސް މައްސަލަ ހުށަހަޅާނެ ކަމަށް އީސަ ވިދާޅުވި އެވެ.

އީސާ ވިދާޅުވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ސޯލިހު ކުރެއްވި ކެމްޕެއިން ދަތުރުފުޅުތަކުގައި ދައުލަތަށް ދައްކަން ޖެހޭ ފައިސާތައް އެ އޮންނަން ޖެހޭ އުސޫލުތަކުގެ ތެރެއިން ދައްކާފައިވާނެ ކަމަށެވެ.