Advertisement

ޒަވީ އަށް ވުރެ ބާސެލޯނާގައި އަހަރެންގެ މަސައްކަތް ރަނގަޅުވާނެ: އެންރީކޭ

10 އޭޕްރީލް 2024 - 12:06 0


ޒަވީ އަށް ވުރެ ބާސެލޯނާގައި އަހަރެންގެ މަސައްކަތް ރަނގަޅުވާނެ: އެންރީކޭ

10 އޭޕްރީލް 2024 - 12:06 0

ޕެރިސް (އޭޕްރީލް 10) - ބާސެލޯނާގެ މިހާރުގެ ކޯޗު ޒަވީ ހެނާންޑޭޒް އަށް ވުރެ، އޭނާ، އެ ޓީމުގެ ކޯޗަކަށް ހުރިއިރު، ކުރި މަސައްކަތް މާ ރަނގަޅުވާނެ ކަމަށް ޕީއެސްޖީގެ ކޯޗު ލުއިސް އެންރީކޭ ބުނެފި އެވެ.

ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލް ފުރަތަމަ ލެގުގައި މިރޭ ބާސެލޯނާއާ ދެކޮޅަށް އަމިއްލަ ދަނޑުގައި ޕީއެސްޖީ ކުޅޭ މެޗުގެ ކުރިން، އެ ޓީމުގެ ކޯޗު، އެންރީކޭއާ ސުވާލުތައް އަމާޒުވީ ދެ ކޯޗުންނާ ބެހޭގޮތުންނެވެ.

އެ ގޮތުން، އެންރީކޭ ވަނީ ބާސެލޯނާގައި އޭނާ ކުރި މަސައްކަތް އެ ކްލަބްގެ ތާރީހުން ރަނގަޅަށް ފެންނާނެ ކަމަށް ބުނެފަ އެވެ.

"ބާސެލޯނާގައި އަހަރެންގެ މަސައްކަތް ރަނގަޅުވާނެ، އެހެން މީހުންނަށް ވުރެ، އަހަރެން ބާސެލޯނާ އުސޫލުތައް ވެސް ރަނގަޅަށް ހިފެހެއްޓީ، ބަޔަކު މީގެއަށް ދެބަސްވިޔަސް ހަގީގަތް އެ ހުރީ ހޯދި ތަށި ތަކާއި ތަފާސްހިސާބުތަކުން ފެންނަން،" އެންރީކޭ ބުންޏެވެ.

އެންރީކޭ ވަނީ ކުޅުމުގެ ކެރިއަރުގެ އަށް އަހަރު ބާސެލޯނާގައި ހޭދަކޮށްފަ އެވެ. އަދި ކޯޗިން ކެރިއަރުގައި 2014 އިން 2017 އަށް ބާސެލޯނާގައި މަސައްކަތްކުރިއިރު، 2015 ވަނަ އަހަރު ސީޒަނުގެ ތިން ތަށި ހޯދި އެވެ. އޭރު ބާސެލޯނާގެ ކެޕްޓަނަކަށް، ހުރީ މި ވަގުތު އެ ޓީމުގެ ކޯޗު ޒަވީ އެވެ.

"އަހަންނަށް ޒަވީއެއް ނޭނގޭ ކޯޗެއްގެ ގޮތުގައެއް. އަހަންނަށް ޒަވީ އެނގެނީ، އެކުގައި ކުޅުނު ކުޅުންތެރިއެއްގެ ގޮތުގައި ދެން، އަހަރެންގެ ކޯޗުކަމުގައި ކުޅުނު ކުޅުންތެރިއެއްގެ ގޮތުގައި. އަހަންނަށް ބާސެލޯނާ ވެސް އެނގޭ، ކުޅުންތެރިން ވެސް އެނގޭ، އެކަމަކު، މިއީ އެޑްވާންޓޭޖެއްތޯ ޔަގީންކަމާ އެކު ބުނަން ނޭނގޭ،" އެންރީކޭ ބުންޏެވެ.

މިއީ ބާސެލޯނާ އިން ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި މިދިޔަ ހަތަރު އަހަރު ތެރޭގައި ކުޅޭނެ ފުރަތަމަ ފަހަރެވެ. ޒަވީ ބުނީ، މިއީ އެ ކްލަބް ކުރިއަށް ފިޔަވަޅުތަކެއް އަޅައި، ކުރީގެ ލެވަލަށްދާން ބަލާއިރު، ބޭނުންހިފޭނެ މެޗެއް ކަމަށެވެ.