Advertisement

އަލީ ވަހީދު މައްސަލައިގައި މިނިވަން ތަހުގީގަކަށް ފަހިކުރިން، ހާލަތު ބަދަލުވެއްޖިއްޔާ ފިޔަވަޅު އަޅާނަން: އެމްޑީޕީ

8 އޭޕްރީލް 2024 - 22:35 4

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ކުރީގެ ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު: އަލީ ވަހީދަށް އެމްޑީޕީން ފިޔަވަޅު އެޅޭނީ ޖިންސީ ކުށުގެ ތުހުމަތަށް ބާރު ލިބޭ އިތުރު ހެކި ފެނުމުން ކަމަށް ބުނެފި - ފޮޓޯ: މިރާން ނާޝިމް / އަދަދު


އަލީ ވަހީދު މައްސަލައިގައި މިނިވަން ތަހުގީގަކަށް ފަހިކުރިން، ހާލަތު ބަދަލުވެއްޖިއްޔާ ފިޔަވަޅު އަޅާނަން: އެމްޑީޕީ

8 އޭޕްރީލް 2024 - 22:35 4

އެމްޑީޕީގެ ޓިކެޓުގައި މަޖިލީހަށް ވާދަކުރާ ކުރީގެ ޓުއަރިޒަމް މިނިސްޓަރު، އަލީ ވަހީދުގެ މައްޗަށް ތުހުމަތު ކުރެވޭ ރޭޕް އަދި ޖިންސީ ގޯނާގެ ޝިކާރައަކަށްވި އަންހެން ކުދިންގެ ބަޔާންތަކެއް ލީކުވެފައިވި ނަމަވެސް އެ ތުހުމަތަށް އަދި ފިޔަވަޅު އެޅެން ނެތް ކަމަށް އެމްޑީޕީން ބުނެފި އެވެ.

ޓުއަރިޒަމް މިނިސްޓަރަކަށް އަލީ ހުންނަވަނިކޮށް އެ ތުހުމަތުތައް އަމާޒުވުމުން އޭނާ ވަގުތުން މަގާމުން ވަކިކުރި އެވެ. މައްސަލަ ތަހުގީގު ކުރުމަށް ފަހު އަލީގެ މައްޗަށް ދައުވާ ވެސް ކުރި އެވެ. އެކަމަކު މިދިޔަ އަހަރު ޕީޖީ އޮފީހުން ވަނީ އެ ދައުވާތައް އަނބުރާ ގެންގޮސްފަ އެވެ. އެއީ ބަޔާން ދިން މީހުން ބަޔާން ނެގުމުންނެވެ.

އެ ބަޔާންތައް ސޯޝަލް މީޑިއާގައި ލީކުކޮށްފައިވާއިރު، އެމްޑީޕީގެ މަޖިލިސް އިންތިހާބުގެ ކެމްޕެއިން ތަރުޖަމާނު އަދި ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސަ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސުވާލު ކުރުމުން ވިދާޅުވީ ފިޔަވަޅު އަޅަން ޖެހޭ ހާލަތެއް އަދި ނެތް ކަމަށެވެ.

މި މައްސަލައިގައި ޖަވާބު ދެއްވަމުން އީސަ ވަނީ ކުރީ ސަރުކާރުން މިކަމުގައި މިނިވަން ތަހުގީގަކަށް ފަހިކުރަން ކުރަން ޖެހޭ ހުރިހާ ކަމެއް ކުރި ކަމަށް ވިދާޅުވެފަ އެވެ. އެގޮތުން އަލީ ވަހީދާއި މި މައްސަލައިގައި ހިމެނޭ އެހެން މީހުން މަގާމުން ވަކިކޮށްފައިވާ ކަން އޭނާ ފާހަގަކުރެއްވި އެވެ.

އަލީ ވަހީދުގެ ޓިކެޓު އަތުލަން އެމްޑީޕީން ނުނިންމާއިރު ކާށިދޫ ދާއިރާގެ ޓިކެޓު ލިބުނު އަދި މިހާރު ވެސް އެ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރުގެ އަތުން ޓިކެޓު އަތުލި އެވެ. އީސަ މިރޭ ވިދާޅުވީ އެ ދެ ހާލަތަކީ ވެސް ވަރަށް ތަފާތު ދެ ހާލަތެއް ކަމަށެވެ.

"ކާށިދޫ ދާއިރާގެ މެންބަރު، ރާއްޖޭގެ ރަށްރަށް އަރައި، ކުޑަކުދިންނާއި އަންހެނުންނަށް ވެސް އުނދަގުވާ ގޮތަށް، ފުރައްސާރަވާ ގޮތަށް، ބަސްމަގު ބަހައްޓައި، ރޯ އަވަގުރާނަ ގޮވާ މަންޒަރު ފެންނަ ވީޑިއޯތައް އެ ހުރީ، އެތައް ބަޔަކަށް އެކި ރަށްރަށުން އެ މަންޒަރު ފެނުނު،" އީސަ ވިދާޅުވި އެވެ.

އެހެން ނަމަވެސް އަލީ ވަހީދުގެ މައްޗަށް އޮތީ ހަމައެކަނި ތުހުމަތަކާއި އެ ތުހުމަތުތަކަށް ބާރު ދޭން އެ ވާހަކަތައް ދައްކާފައިވާ ބަޔާންތަކެއް އެކަނި ކަމަށް އީސަ ވިދާޅުވި އެވެ. އެހެންވިޔަސް ކުރިއަށް އޮތް ތަނުގައި ވެސް ތުހުމަތުތަކަށް ބާރު ދެވޭނެ ވަރުގެ ގިނަ ހެކި ނޫނީ ބޮޑު ހެއްކެއް ފެނުމުން ފިޔަވަޅު އަޅާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެ މައްސަލައިގެ އިތުރު ހެއްކެއް ހޯދި، ތަހުގީގީ އިދާރާތަކުން ތަހުގީގުކޮށް ދައުވާ ކުރެވޭނެ އެއްވެސް މަގެއް އަތުވެއްޖެ ހާލަތެއްގައި، އަޅަން ޖެހޭ ފިޔަވަޅު އަޅާނެ،" އީސަ ވިދާޅުވި އެވެ.

އަލީ ވަހީދު ވާދަކުރައްވަނީ ކުޅުދުއްފުށި ސިޓީގެ ދެކުނު ދާއިރާއަށެވެ. އޭނާއާ ދެން ވާދަކުރަނީ ސަރުކާރު ހިންގާ ޕާޓީގެ ކެންޑިޑޭޓު ފަރުހަތު މުހައްމަދެވެ. ޕީއެންސީގެ ޕްރައިމަރީން ބަލިވި އަދި ފަރުހަތުގެ ކޮއްކޮ އައިމަން މުހައްމަދު ފުރަތަމަ އަމިއްލަ ގޮތުން ކުރިމަތިލި ނަމަވެސް މިހާރު ވަނީ ފަރުހަތަށް ތާއީދުކޮށްފަ އެވެ.

އަލީ ވަހީދަށް ކުރާ ޖިންސީ ގޯނާގެ ތުހުމަތު؛

އަލީ ވަހީދު ޓޫރިޒަމް މިނިސްޓަރުކަމަށް އައްޔަން ކުރީ ޖޭޕީގެ ސްލޮޓެއްގަ އެވެ. އެ މަގާމުގައި ހުންނަވައި ޓޫރިޒަމް މިނިސްޓަރީގައި މަސައްކަތް ކުރި އަންހެނުންތަކަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތު އަލީ ވަހީދުގެ މައްޗަށް ކުރެވުނީ 2021 ގަ އެވެ.

އެ މައްސަލަ ފެންމަތިވީ ޓޫރިޒަމް މިނިސްޓަރީގައި މަސައްކަތް ކުރި 13 މުވައްޒަފުން އޭރުގެ ޖެންޑާ މިނިސްޓަރާ އެކު ރައީސް އޮފީހަށް ގޮސް އަލީ ވަހީދުގެ ޖިންސީ ގޯނާގެ މައްސަލަ ރައީސްއަށް ކިޔައިދިނުމުންނެވެ. އެ ވާހަކަތައް ކިޔައިދިނުމުން އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަށް ކީރިތި ކުރެއްވުނު ކަމަށް ވެސް އޭރު މީޑިއާތަކުން ރިޕޯޓު ކުރި އެވެ.

އެ މައްސަލަ ތަހުގީގުކޮށް ޕީޖީން އަލީ ވަހީދުގެ މައްޗަށް ދައުވާ ވެސް ކުރި އެވެ. އެ ޝަރީއަތްތައް ކުރިއަށް ދަނިކޮށް ބޭސްފަރުވާއަށް ކަމަށް ބުނެ އަލީ ވަހީދު ގައުމުން ބޭރަށް ފުރައިގެން ވަޑައިގަތީ އެވެ.

ޔޫކޭގައި އުޅުއްވަނިކޮށް، އެގައުމުގެ އިމިގްރޭޝަން ގާނޫނާ ހިލާފުވި ކަމަށްބުނެ އެ އަހަރުގެ އޮގަސްޓު މަހުގައި އެ ގައުމުގެ ފުލުހުން އޭނާ ހައްޔަރުކޮށް ވަގުތީ ބަންދެއްގައި ބެހެއްޓުމަށް ފަހު ފަހުން ވަނީ ދޫކޮށްލާފަ އެވެ. އެ މައްސަލާގައި އޭނާ ހައްޔަރުކުރީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅައި އިނގިރޭސި ސަރުކާރުން އޭނާގެ އަރިހުން މާފަށް ވެސް އެދިފައިވެ އެވެ.

އިނގިރޭސިވިލާތުގައި އަލީ ވަހީދާ ހުންނަވަނިކޮށް އޭނާއާ ދެކޮޅަށް ހެކީގެ ގޮތުގައި ހުށަހަޅާފައި ހުރި ބަޔާންތައް އަނިޔާ ލިބުނު ކަމަށް ބުނާ ކުދިން އަނބުރާ ނެގުމުން އެ ޕީޖީން މައްސަލަ ވެސް އަނބުރާ ގެންދިޔައީ އެވެ. މިދިޔަ އަހަރުގެ ޖުލައި މަހު އަލީ ވަހީދު ރާއްޖެ ވަޑައިގަތީ އެހާ ހިސާބުންނެވެ.

ވަޑައިގެން ފުރަތަމަ ސިޔާސީ މަސައްކަތެއް އަލީ ވަހީދު ނުކުރައްވަ އެވެ. އުޅުއްވީ ކުޅިވަރުގެ އެކި ކަންކަމުގަ އެވެ. ނަމަވެސް ރިޔާސީ އިންތިހާބު ބޯމަތިވުމާއެކު އަލީ ވަހީދު މަސައްކަތް ކުރެއްވީ ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު، ގާސިމް އިބްރާހިމްގެ އޭޖެންޓުގެ ގޮތުގަ އެވެ. އަލީ ވަހީދު އެމްޑީޕީއާ ގުޅިވަޑައިގެންނެވީ މިދިޔަ ޑިސެމްބަރު 7 ގަ އެވެ. އަދި ކުޅުދުއްފުށި ސިޓީގައި އޭނާގެ ކެމްޕެއިން ފެއްޓެވި އެވެ.