Advertisement

ކުށުގެ ޒިންމާ އުފުލާ އުމުރު ދަށްކުރުމުން ހާލަތު ގޯސްވެދާނެ: ޗިލްޑްރަން އޮމްބަޑްސްޕާސަން

8 އޭޕްރީލް 2024 - 18:06 1

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ޗިލްޑްރަންސް އޮމްބަޑްސްޕާސަން ނިއުމާތު ޝަފީގް: ޖިނާއީ ކުށުގެ ޒިންމާ އުފުލަން ޖެހޭ އުމުރު ދަށްކުރަން ދެކޮޅު ކަން ހާމަކޮށް ބަޔާނެއް ނެރެފި - ފޮޓޯ: ހަސަން ޝަޔާހް / އަދަދު ފައިލްސް


ކުށުގެ ޒިންމާ އުފުލާ އުމުރު ދަށްކުރުމުން ހާލަތު ގޯސްވެދާނެ: ޗިލްޑްރަން އޮމްބަޑްސްޕާސަން

8 އޭޕްރީލް 2024 - 18:06 1

ޖިނާއީ ކުށުގެ ޒިންމާ އުފުލަން ޖެހޭ އުމުރުފުރާ 12 އަހަރަށް ދަށް ކުރުމަކީ، ކުށުގެ ވެށްޓަށް ކުޑަކުދިން ހުށަހެޅޭ ހާލަތު އިތުރަށް ގޯސްވެދާނެ ކަމެއް ކަމަށް ޗިލްޑްރަންސް އޮމްބަޑްސްޕާސަން އޮފީހުން ބުނެފި އެވެ.

މި ފަހުން އއ. ރަސްދޫ މިސްކިތެއްގެ ތެރޭގައި، ދެ ކުއްޖަކު ގޮސް އެހެން ކުއްޖަކަށް ގަނާކޮށް އަނިޔާ ކުރާ މަންޒަރު ހިމެނޭ ވީޑިއޯއެއް ވަނީ ސޯޝަލް މީޑިއާގައި ދައުރުވެފަ އެވެ.

މިކަމާ ގުޅިގެން ސަރުކާރުގެ ކަމާ ގުޅުން ހުރި މުއައްސަސާތަކުން ބޭއްވި ޕްރެސް ބްރީފިންއެއްގައި، އެޓާނީ ޖެނެރަލް އަހުމަދު އުޝާމް ރޭ ވަނީ ޖިނައީ ކުށުގެ ޒިންމާ އުފުލަން ޖެހޭ އުމުރު 12 އަށް ދަށްކުރަން ސަރުކާރުން ބޭނުންވާ ކަމަށް ވިދާޅުވެފަ އެވެ. މިހާރު ގާނޫނުގައިވާ އުމުރަކީ 15، އެވެ.

ޗިލްޑްރަންސް އޮމްބަޑްސްޕާސަން އޮފީހުން ނެރުނު ބަޔާނުގައި ވަނީ، މިހާރު ވެސް ދަށް އުމުރުފުރާގެ ކުޑަކުދިން ކުށުގެ ވެއްޓަށް ހުށަހެޅޭ ސަބަބަކީ އެ ކަން ކުރާ މީހުންގެ ރޭވުމުގެ ތެރެއިން އެ ކުދިންގެ ބޭނުން ނަހަމަ ގޮތުގައި ހިފާތީ ކަމަށެވެ.

އެ އުމުރު 12 އަށް ދަށް ކުރުން ވާނީ ކުޑަކުދިންގެ ބޭނުން ނަހަމަ ގޮތުގައި ހިފުމަށް ދެވޭ ފުރުސަތެއް ގޮތުގައި އެ އޮފީހުން ދެކެ އެވެ.

ޖިނާއީ ކުށުގެ ޒިންމާ އުފުލަންޖެހޭ ދަށް އުރުމަކީ 15 އަހަރު ކަމަށް ކަނޑައަޅާފައިވީ ނަމަވެސް އެއަށް ވުރެ ހަގު އުމުރުގެ ކުދިން ކުށެއް ކުރުމުން އަޅަން ޖެހޭ ފިޔަވަޅުތައް ވެސް ކުޑަކުދިންގެ އަދުލުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ކަން ވެސް ފާހަގަކޮށްފައިވެ އެވެ.

ކުށަށް ހުށަހެޅޭ ކުދިންނާއި އެ ފުރުސަތު އޮތް ކުދިން ކުށްކުރުމާ ދުރުހެލިކޮށް ބޭނުންވާ ފަރުވާތައް ދީ، ރެހިބިލިޓޭޓް ކުރުމުގެ ނިޒާމާ ގުޅޭ ގަވާއިދެއް، ގާނޫނާ ހިލާފު އަމަލުތަކަށް ހުށަހެޅޭ ކުޑަކުދިންނާ މެދު އަވަސް ފިޔަވަޅު އެޅުމާ ގުޅޭ ނިޒާމުގެ ގަވާއިދު، ވެސް އެކުލާވާލާފައިވެ އެވެ.

އެހެންކަމުން ޒިންމާ އުފުލަން ޖެހޭ އުމުރު ދަށް ކުރުމުގެ ބަދަލުގައި ދަށް އުމުރުފުރާގެ ކުދިން ކުށަށް ހުށަހެޅުމުން ބޭނުންވާ ފަރުވާ ދިނުމަށް ޗިލްޑްރަންސް އޮމްބަޑްސްޕާސަން އޮފީހުން ބާރު އަޅާފައިވެ އެވެ.

ރޮސެކިއުޓަ ޖެނެރަލް ހުސައިން ޝަމީމް ވެސް ވަނީ 12 އަހަރަށް ދަށްކުރުމާ ދެކޮޅަށް ވާހަކަ ދައްކަވައިފަ އެވެ. އޭނާ ވިދާޅުވީ އޭގެ ސަބަބުން ކުށްވެރީންގެ ޖީލެއް އުފެދުމުގެ ޖާގަ އެބަ އޮތް ކަމަށެވެ.

ސްކޫލްތަކުގައި ގަނާ ކުރުމުގެ 26 މައްސަލައެއް ބަލަމުންދާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވެސް ބުނެފައިވެ އެވެ. 18 އަހަރު ނުފުރޭ، ކުޑަކުދިން ޖިނާއީ ކުށަށް އަރަމުންދާތީ، މާ ބޮޑު ފިޔަވަޅުތަކެއް ނޭޅޭ ކަމަށް ބުނެ މީހުންގެ ކަންބޮޑުވުން ވަރަށް ބޮޑެވެ.

ރަސްދޫގެ މައްސަލަ ވެސް ބެލުމަށް ޓަކައި ކަމާ ގުޅުން ހުރި މުއައްސަސާތަކުގެ ޓީމެއް ވެސް އެ ރަށުގައި ދަނީ ހަރަކާތްތެރިވަމުންނެވެ. ފުލުހުންގެ އިތުރުން ޖެންޑާ މިނިސްޓްރީއާއި ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްގެ އޮފިޝަލުން އެ ޓީމުގައި ހިމެނެ އެވެ. އޭގައި އަނިޔާ ކުރުމުގެ ތުހުމަތު އޮތީ 13 އަދި 14 އަހަރުގެ ކުއްޖެއްގެ މައްޗަށެވެ.