Advertisement

ޖިނާއީ ކުށުގެ ޒިންމާ އުފުލާ އުމުރު ދަށްކުރުމަކީ ހައްލެއް ނޫން: ޕީޖީ ޝަމީމް

7 އޭޕްރީލް 2024 - 13:23 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ޕީޖީ ހުސައިން ޝަމީމް: ޖިނާއީ ކުށުގެ ޒިންމާ އުފުލާ އުމުރު ދަށްކުރުމަކީ، ހައްލެއް ނޫން ކަމަށް ވިދާޅުވި - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު


ޖިނާއީ ކުށުގެ ޒިންމާ އުފުލާ އުމުރު ދަށްކުރުމަކީ ހައްލެއް ނޫން: ޕީޖީ ޝަމީމް

7 އޭޕްރީލް 2024 - 13:23 0

ޖިނާއީ ކުށުގެ ޒިންމާ އުފުލަން ޖެހޭ އުމުރުފުރާ 12 އަހަރަށް ދަށް ކުރުމަކީ، ކުޑަކުދިން ޖިނާއީ ކުށްތަކަށް އެރުން ހުއްޓުވަން އޮތް ހައްލެއް ނޫން ކަމަށް ޕްރޮސެކިއުޓަ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެ އެވެ.

މި ފަހުން އއ. ރަސްދޫ މިސްކިތެއްގެ ވުޟޫ ކުރާ ސަރަހައްދުގައި، ދެ ކުއްޖަކު ގޮސް އެހެން ކުއްޖަކަށް ގަނާކޮށް އަނިޔާ ކުރާ މަންޒަރު ހިމެނޭ ވީޑިއޯއެއް ވަނީ ސޯޝަލް މީޑިއާގައި ދައުރުވެފަ އެވެ.

މިކަމާ ގުޅިގެން ސަރުކާރުގެ ކަމާ ގުޅުން ހުރި މުއައްސަސާތަކުން ބޭއްވި ޕްރެސް ބްރީފިންއެއްގައި، އެޓާނީ ޖެނެރަލް އަހުމަދު އުޝާމް ރޭ ވަނީ ޖިނައީ ކުށުގެ ޒިންމާ އުފުލަން ޖެހޭ އުމުރު 12 އަށް ދަށްކުރަން ސަރުކާރުން ބޭނުންވާ ކަމަށް ވިދާޅުވެފަ އެވެ. މިހާރު ގާނޫނުގައިވާ އުމުރަކީ 15، އެވެ.

ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) ޝަމީމް ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކުށުގެ ޒިންމާ އުފުލަން ޖެހޭ އުމުރަކީ 15 އަހަރު ކަމަށް ގާނޫނުގައި ލިޔެފައި އޮތް ނަމަވެސް އެ އުމުރަށް ވުރެ ހަގު އުމުރެއްގެ ކުއްޖަކު ކުށެއް ކުރުމުން ފިޔަވަޅު އެޅޭނެ ނިޒާމު ރާއްޖޭގައި ޖިނާއީ އަދުލުގެ ނިޒާމުގައި އެބަ އޮތް ކަމަށެވެ.

"ފިޔަވަޅު އެޅޭނެ ނިޒާމުތައްވެސް އެބަ ހުރި، އެ ކަމާ ބެހޭ ގަވާއިދު ވެސް އެބަ އޮތް، ދެން އޮތީ ހަމައެކަނި ފިޔަވަޅު އެޅުން،" ޝަމީމް ލިޔުއްވާފައިވެ އެވެ.

އޭނާ ވިދާޅުވީ ދުނިޔޭގެ ގައުމުތަކުން ކުރި ތަޖުރިބާއަށް ފަހު ޅަ އުމުރުފުރާގައި ކުށް ކުރުމުން މަސައްކަތް ކުރަނީ އަދަބެއް ދިނުމުގެ ބަދަލުގައި ފަރުވާ ދިނުމަށެވެ. އެއީ އުމުރު ހަގުކޮށް ކުށެއް ކުރުމުން އެ ކުއްޖަކު ޖަލަށް ލުން ފަދަ އަދަބެއް ދިނުމަކީ، ކުށްވެރިންގެ ޖީލެއް އުފެއްދޭނެ ޖާގަ ދެވޭ ކަމަށް ވިދާޅުވި އެވެ.

"އޭގެ ނަތީޖާއަކީ، ކުށުގެ ތެރޭގައި އެކުދިންގެ އުމުރު ދުއްވާލަން ފަސްނުޖެހުން،" ޝަމީމް ވިދާޅުވި އެވެ.

"ކުޑައިރު ކުރެވޭ ކުށްތަކުން ދުރުހެލިކުރުވުމަށް، އެ ޅަ ސިކުނޑިތަކަށް ވިސްނައިދީ، ރިހެބިލިޓޭޓް ކުރަންވީ، އަޅުގަނޑުމެން އެންމެން ވެސް ކުޑައިރު ކުށްކުރެވިފައި ހުންނާނެ، އެ ހުރިހާ ކުށަކަށް އަދަބު ދީ، ޖަލަށްލީ ހެދި ނަމަ، މިއަދު މި ވާހަކަ ދައްކާނެ ބަޔަކު މުޖްތަމައުގައި ނުއެއް ތިބޭނެ،" އިތުރަށް ލިޔުއްވާފައިވެ އެވެ.

ސްކޫލްތަކުގައި ގަނާ ކުރުމުގެ 26 މައްސަލައެއް ބަލަމުންދާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވެސް ބުނެފައިވެ އެވެ. ރަސްދޫގެ މައްސަލައަަށް ފަހު، ސްކޫލްތަކުގައި ގަނާ ކުރުމުގެ މައްސަލަތައް ގިނަވެގެން ދިއުމުގެ ކަންބޮޑުވުން އާންމުންގެ ތެރޭގައި ވަނީ ބޮޑުވެފަ އެވެ.

ރަސްދޫގެ މައްސަލަ ބެލުމަށް ޓަކައި ކަމާ ގުޅުން ހުރި މުއައްސަސާތަކުގެ ޓީމެއް ވެސް އެ ރަށުގައި ދަނީ ހަރަކާތްތެރިވަމުންނެވެ. ފުލުހުންގެ އިތުރުން ޖެންޑާ މިނިސްޓްރީއާއި ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްގެ އޮފިޝަލުން އެ ޓީމުގައި ހިމެނެ އެވެ.