Advertisement

ފެލިވަރު މަސް ފެކްޓްރީގައި ބޮއިލަރެއް ގޮވައި އޮޕަރޭޝަންތައް ހުއްޓިއްޖެ

6 އޭޕްރީލް 2024 - 11:46 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު


ފެލިވަރު މަސް ފެކްޓްރީގައި ބޮއިލަރެއް ގޮވައި އޮޕަރޭޝަންތައް ހުއްޓިއްޖެ

6 އޭޕްރީލް 2024 - 11:46 0

ޅ. ފެލިވަރުގައި ހުންނަ މިފްކޯގެ މަސް ބަންދުކުރާ ފެކްޓްރީގައި ސްޓީމަރު ބޮއިލަރެއް ގޮވައިގެން އެ ތަނުގެ އޮޕަރޭޝަންތައް ހުއްޓިއްޖެ އެވެ.

މިފްކޯގެ ޕްރޮޖެކްޓް ޑިޕާޓްމަންޓްގެ ޖެނެރަލް މެނޭޖަރު މުއާޒް އަލީ ވިދާޅުވީ މިދިޔަ ބުދަ ދުވަހުގެ ރޭ ފެލިވަރުގެ ތިން ސްޓިމާ ބޮއިލަރުގެ ތެރެއިން އެކަތި ގޮވާފައިވާ ކަމަށެވެ.

އޮޕަރޭޝަނަށް ބޭނުން ކުރަނީ ގަޑިއަކު 3،000 ކިލޯގެ އާވި އުފައްދާ ދެ ބޮއިލަރާއި ގަޑިއަކު 2،500 ކިލޯގެ އާވި އުފައްދާ ބޮއިލަރެއް ކަމަށާއި، ގޮވާފައި ވަނީ 3،000 ކިލޯގެ ބޮއިލަރުގެ ކަމަށް މުއާޒް ވިދާޅުވި އެވެ.

އިތުރު ދެ ސްޓީމާ ބޮއިލަރުން އޮޕަރޭޝަން ފެށޭނެކަން ފާހަގަކުރައްވާ މުއާޒް ވިދާޅުވީ އޮޕަރޭޝަން ނުފަށާ މަޑުކުރަނީ ގޮވި ސްޓީމާ ބޮއިލަރު ކައިރީ ހުރި އަނެއް ދެ ބޮއިލަރު އިންސްޕެކްޓް ކުރުމަށް ކަމަށެވެ.

"ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުވޭ. ގޮވާފައިވާ ސްޓީމާ ބޮއިލަރު ކައިރީ ހުރި އިތުރު ދެ ސްޓީމާ ބޮއިލަރު ޓެސްޓުކުރާނެ ތިން ވަރަކަށް ދުވަސް ތެރޭގައި. އެކަން ކުރާނީ އެމްއެންޑީއެފްއާވެސް ގުޅިގެން. މި ބަލަނީ ހަފްތާއެއް ތެރޭގައި އޮޕަރޭޝަންސްތައް ފެށޭތޯ," މުއާޒް ވިދާޅުވި އެވެ.

ގޮވާފައިވާ ބޮއިލަރަކީ ވަރަށް ފަހުން ސާވިސް ކޮށްގެން ގެނައި އެއްޗެއް ކަމަށާއި، ފެލިވަރުގެ މުޅި ފެސިލިޓީއަކީ ވެސް އިންޝުއާ ކޮށްފައިވާ ތަނެއް ކަމަށް މުއާޒް ވިދާޅުވި އެވެ.

އެގޮތުން މުއާޒް ވިދާޅުވީ އިންޝުއަރެންސް ޓީމު މިއަދު އެތަން ބެލުމަށް އަންނާނެ ކަމަށާއި، ފުލުހުންގެ ފޮރެންސިކް ޓީމުވެސް ވަނީ އެތަން އިންސްޕެކްޓްކޮށް ނިންމާފައި ކަމަށެވެ.

ދުވާލަކު 50 ޓަނުގެ މަސް ބަންދު ކުރުމުގެ ކެޕޭސިޓީ ލިބިފައިވާ ފެލިވަރުގައި 900 އެއްހާ މުވައްޒަފުން އަންނަނީ މަސައްކަތް ކުރަމުންނެވެ.