Advertisement

ކޮވިޑް ފެސިލިޓީގައި ކްރިމިނަލް ކޯޓު ހަދަން އަމަލީ މަސައްކަތް އަދިވެސް ނުފެށޭ

3 އޭޕްރީލް 2024 - 17:46 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ކްރިމިނަލް ކޯޓު މިހާރު ހިނގަމުންދާ ބާ އިމާރާތުގެ ސަރަހައްދު: އާ އިމާރާތުގެ މަސައްކަތް އަދިވެސް ނުފެށޭ - ފޮޓޯ: އަދަދު ފައިލް


ކޮވިޑް ފެސިލިޓީގައި ކްރިމިނަލް ކޯޓު ހަދަން އަމަލީ މަސައްކަތް އަދިވެސް ނުފެށޭ

3 އޭޕްރީލް 2024 - 17:46 0

ކްރިމިނަލް ކޯޓު ހިންގުން، ހުޅުމާލެ ކޮވިޑް ފެސިލިޓީ ހިމެނޭ އިމާރާތަށް ބަދަލު ކުރުމަށް އިމާރާތުގެ އޮނިގަނޑު ބަދަލުކޮށް ކޯޓުގެ އިމާރާތް ހެދުމުގެ އަމަލީ މަސައްކަތް އަދިވެސް ނުފެށޭ ކަމަށް ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ބުނެފި އެވެ.

ކްރިމިނަލް ކޯޓު ކުރިން ހިންގަމުން ދިޔައީ ޖަސްޓިސް ބިލްޑިންގަ އެވެ. އެސްޓީއޯ ކުރީގެ އިމާރާތަށް އެ ކޯޓު ބަދަލުކުރީ 2016 ވަނަ އަހަރު އެވެ. އަދި އެ އިމާރާތް ބާވެ ހަލާކުވުމުގެ ސަބަބުން އެތަނުގައި ކްރިމިނަލް ކޯޓު ހިންގުން ހުއްޓައިލައި، ކޮވިޑު ފެސިލިޓީއަށް ބަދަލުކުރަން ނިންމީ ފެބްރުއަރީ، 2023 ގަ އެވެ.

އޭގެ ފަހުން މި އަހަރުގެ ކުރީކޮޅު މާލެއަށް ކުރި ވިއްސާރާގައި، ބަންދުކޮށްފައިވާ އިމާރާތުގެ ހުރި ތަކެއްޗަށް ގެއްލުންވާތީ އެ ތަކެތި މިހާރު ބޭނުންކުރާ އިމާރާތަށް ބަދަލުކޮށް ކޯޓުގެ ރޫމުތައް ފުރުނެވެ. އެއަށް ފަހު ކްރިމިނަލް ކޯޓުގައި ގަވައިދުން ގިނަ އަޑުއެހުންތަކެއް ތާވަލެއް ނުކުރެވެ އެވެ.

ޑީޖޭއޭން މިދިޔަ މަހު ބުނީ ކޮވިޑް ފެސިލިޓީ އިމާރާތަށް ގެންނަން ޖެހޭ ބަދަލުތަކާއި ކޯޓުގެ މަސައްކަތްތައް ކުރުމަށް ބޭނުންވާ ބައިތައް ހިމަނައިގެން ކުރެހުން ތައްޔާރުކޮށް ނިމިފައިވާ ކަމަށެވެ. އަދި ކުރެހުމާ އެއް ގޮތަށް އިމާރާތުން ރޫޅަން ޖެހޭ ބައިތައް ވެސް ރޫޅާ ނިންމާފައިވާ ކަމަށެވެ.

އެހެންވެ އަމަލީ މަސައްކަތް އަވަހަށް ފެށޭނެ ކަމަށް ބެލެވުނު ނަމަވެސް އެ ޑިޕާޓްމަންޓުން މިއަދު ބުނީ އަމަލީ މަސައްކަތް އަދިވެސް ނުފެށޭ ކަމަށެވެ. އެހެން ނަމަވެސް ކުރެހުމާ އެއް ގޮތަށް ބިލް އޮފް ކުއަންޓިޓީ (ބީއޯކިއު) ތައްޔާރު ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އެ ޑިޕާޓްމަންޓުން ބުންޏެވެ.

މިދިޔަ އަހަރު މެދު ތެރެއިން ފެށިގެން އެ މަސައްކަތް ކުރިއަށް ދާއިރު ޑީޖޭއޭން ބުނަނީ އެ މަސައްކަތް ނިންމައި ހުޅުމާލެ ކޮވިޑް ފެސިލިޓީގައި ކްރިމިނަލް ކޯޓުގެ ހިދުމަތް ދޭން ފަށަން އަދި ހަތަރު މަސް ދުވަސް ނަގާނެ ކަމަށެވެ.