Advertisement

ސައީދު ވިދާޅުވަނީ މައްސަލައަކީ ރައީސް މުއިއްޒުގެ ވެރިކަން ޔާމީނަށް ހަޖަމު ނުވުން ކަމަށް

1 އޭޕްރީލް 2024 - 19:26 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި އިކޮޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު: ސައީދު ވިދާޅުވަނީ ރައީސް މުއިއްޒުގެ ވެރިކަން ޔާމީނަށް ހަޖަމު ނުވީ ކަމަށް - ފޮޓޯ: ރައީސް އޮފީސް


ސައީދު ވިދާޅުވަނީ މައްސަލައަކީ ރައީސް މުއިއްޒުގެ ވެރިކަން ޔާމީނަށް ހަޖަމު ނުވުން ކަމަށް

1 އޭޕްރީލް 2024 - 19:26 0

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް ފާޑުވިދާޅުވެ ކުރީގެ ރައީސް އަބްދުﷲ ޔާމީން ދައްކަވާ ވާހަކަތަކަށް ރައްދު ދެއްވައި، މައްސަލައަކީ ރައީސް މުއިއްޒުގެ ވެރިކަން ޔާމީނަށް ހަޖަމު ނުވުން ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ޔާމީނުގެ ސަރުކާރުގައި ވެސް އިކޮނޮމިކް މިނިސްޓަރު ކަން ކުރެއްވި ސައީދު ރައްދު ދެއްވީ، ޑޮލަރުގެ އަގު ދަށްވީ މަޝްރޫއުތައް ހުއްޓާލުމުގެ ސަބަބުން ކަމަށް ވިދާޅުވެ ޔާމީން ރޭ ދެއްކެވި ވާހަކައަށެވެ.

ސައީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޑޮލަރުގެ އަގު ދަށްވަމުން ދަނީ ރައީސް މުއިއްޒުގެ ސަރުކާރުން އަޅުއްވަމުން ގެންދަވާ ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން ކަމަށެވެ.

އަދި އެއްވެސް ވެރިކަމެއްގެ ކުރީކޮޅު މަޝްރޫއުތައް ކުރިއަށް ނުދާ ބާރު މިނުގައި، ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން، ކުރިން ހުއްޓިފައިވާ މަޝްރޫއުތައް ވެސް ހިމެނޭހެން ކުރިއަށްދާ ކަމަށެވެ.

"ރާއްޖެއަށް ދިމާވެފައިވާ އެއްމެބޮޑު އެއް މައަސަލައަކީ [ޔާމީން ހިމެނޭހެން] ވެރިކަންކޮށް ފައިބާ ފަރާތްތަކަށް އެހެން ވެރިއަކު ވެރިކަން ކުރާ މަންޒަރު ހަޖަމް ނުވުން،" ސައީދު ލިޔުއްވާފައިވެ އެވެ.

ޔާމީނަކީ އެމަނިކުފާނުގެ ވެރިކަމުން ފެށިގެން މުއިއްޒު ސަރުކާރު އުފެދުމާ ހަަމައަށް ވެސް ޕީއެންސީ/ޕީޕީއެމް ލީޑަރެވެ. 2013، އަދި 2018، ގައި ވެސް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަކަށް ހުންނެވި ޔާމީނަކީ 2023، ގައި ވެސް އެ ސިޔާސީ އިއްތިހާދުގެ ރިޔާސީ ޓިކެޓު ހަވާލުކުރި ކެންޑިޑޭޓެވެ.

ނަމަވެސް އެމަނިކުފާނުގެ ވެރިކަމުގައި ހިނގި އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ތެރެއިން އެމަނިކުފާނުގެ މައްޗަށް ދައުލަތުން އުފުލި ދެ ދައުވާއެއް ސާބިތުވާ ކަމަށް ކަނޑައަޅައި ކޯޓުން އިއްވި ހުކުމުގެ ސަބަބުން އިންތިހާބުގައި ވާދަނުކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅި އެވެ.

ޕީއެންސީގެ ކެންޑިޑޭޓެއްގެ ގޮތުގައި، މިހާރުގެ ރައީސް ޑރ. މުއިއްޒު ފޯމު ހުށަހެޅުއްވީ ބެކްއަޕް ކެންޑިޑޭޓަކަށް އެމަނިކުފާނު ނުކުންނަވަން ޕީއެންސީގެ ސެނެޓުން ފާސްކޮށްގެނެވެ. އަދި އިންތިހާބު ބޮއިކޮޓް ކުރަން ޔާމީން އެދުމުން ވެސް ޕީޕީއެމްގެ ސެނެޓުން ބޭނުންވީ ރައީސް މުއިއްޒާއެކު އިންތިހާބަށް ނުކުތުމަށެވެ.

ވެރިކަމާ ހަވާލުވެވަޑައިގަތް ފަހުން ރައީސް މުއިއްޒުއާއި ޔާމީނާ ވަރަށް ބޮޑަށް ގުޅުން ގޯސްވި އެވެ. ނަތީޖާއެއްގެ ގޮތުން އެމަނިކުފާނާއި އެމަނިކުފާނަށް މި ވަގުތު ވާގިދޭ ސިޔާސީ ބޭފުޅުން ޕީޕީއެމް ދޫކޮށްލި އެވެ.

އެންމެ ފުރަތަމަ ޔާމީން ދައްކަވާ ވާހަކަތަކަށް ސަރުކާރުގެ އިސް ބޭފުޅުން ރައްދެއް ނުދެއްވަ އެވެ. ނަމަވެސް އޭޕްރީލް 21، ގައި އޮންނަ މަޖިލިސް އިންތިހާބު ކައިރިވާ ވަރަކަށް ޔާމީންގެ ވާހަކަތަކަށް ސަރުކާރުގެ ބޭފުޅުން ގެންދަވާ ވަރަށް ބޮޑަށް ރައްދު ދެއްވަމުންނެވެ.