1 އޭޕްރީލް 2024 - 17:45 0
މުހައްމަދު އުޝާމް
އެމްޑީޕީގެ ގައމީ މަޖިލީހުގެ ބައްދަލުވުމެއް: ފ. މަގޫދޫ އެއާޕޯޓް އެޅުން ގާނޫނުން މަޖުބޫރު ކުރުވާނެ ކަމަށް އެ ޕާޓީން ބުނެފި - ފޮޓޯ: އެމްޑީޕީ
1 އޭޕްރީލް 2024 - 17:45 0
ފ. މަގޫދޫގައި ތަރައްގީކުރާ އެއާޕޯޓްގެ މަސައްކަތް ހުއްޓާލާފައި ވާތީ، މަޝްރޫއެއްގެ ބޮޑުބައި ކުރިއަށް ގެންދިއުމަށް ފަހު ބަދަލު ނުކުރެވޭ ގޮތަށް ގާނޫނީ ހައްލެއް ގެނެސްދޭނެ ކަމަށް އިދިކޮޅު އެމްޑީޕީން ބުނެފި އެވެ.
މަގޫދޫ އެއާޕޯޓްގެ މަސައްކަތް މެދުކެނޑިފައިވާތާ އެތައް ދުވަހެއް ވުމުން އެ ރަށުގައި މުޒާހަރާ ވެސް ކޮށްފައިވެ އެވެ. އެ އެއާޕޯޓްގެ މަސައްކަތް ހުއްޓާލާފައިވާއިރު، ސަރުކާރުގެ ވިސްނުން ހުރީ އެ އަތޮޅު ވެރިކަންކުރާ ރަށް ނިލަންދޫ ފަޅު ތެރޭގައި އެއާޕޯޓް އެޅުމަށެވެ.
މި މައްސަލާގައި މިއަދު ރައްޔިތުންގެ މަޖިލީހަށް މަގޫދޫ ހިމެނޭ ބިލެތްދޫ ދާއިރާ ތަމްސީލްކުރައްވާ އެމްޑީޕީގެ މެންބަރު އަހުމަދު ހަލީމް (ދޮންބިލަތް ހަލީމް) ކުއްލި މައްސަލައެއް ހުށަހަޅައި ބަހުސް ކޮށްފައިވެ އެވެ.
އެމްޑީޕީން ތުހުމަތު ކުރަނީ މަގޫދޫ އެއާޕޯޓްގެ މަސައްކަތް ހުއްޓާލައި ނިލަންދޫގައި އެއާޕޯޓް އަޅަން ސަރުކާރުން ބޭނުން ވަނީ، އެ ދާއިރާއަށް ވާދަކުރައްވާ ޕީއެންސީގެ ފާތިމަތު ސައުދާއަށް ނަހަމަ މަންފާއެއް ހޯދައިދެއްވުމަށް ކަމަށެވެ. ސައުދާއަކީ ރައީސް މުއިއްޒުއާ އާއިލީ ގޮތުން ގުޅުން އޮންނަ މީހެކެވެ.
ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ މި ވަގުތު އޮތް އެމްޑީޕީން މިއަދު ނެރުނު ބަޔާނެއްގައި ވަނީ އަންނަ މަޖިލީހުގެ ދައުރުގައި މިފަދަ މަޝްރޫއުތައް ބަދަލު ނުކުރެވޭނެ ގޮތަށް ގާނޫނީ ހައްލެއް އެ ޕާޓީން ހޯދައިދޭނެ ކަމަށެވެ.
"ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ހުރިހާ އުސޫލުތަކާ ހިލާފަށް މަޝްރޫއުތައް ސިޔާސީ ބޭނުމަށް ބަދަލުކުރަން ވަގުތުން ހުއްޓާލުމަށާއި ފ. މަގޫދޫ އެއާޕޯޓް މަސައްކަތް ވަގުތުން ވަގުތަށް ފެށުމަށް ސަރުކާރަށް ގޮވާލަން، އަދި ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ 20 ވަނަ ދައުރުގައި މިފަދަ ތަރައްގީގެ މަޝްރޫއުތައް މި ގޮތަށް ބަދަލުކުރުމާއި ހުއްޓާލުން ގާނޫނީ ގޮތުން މެދުނުކެނޑި ކުރިިއަށް ގެންދެވޭނެ ގާނޫނީ ހައްލެއް ހޯދައިދޭނެ ކަމުގެ ޔަގީންކަން ދިވެހި ލޮބުވެރި ރައްޔިތުންނަށް އަރުވަން،" ބަޔާނުގައިވެ އެވެ.
ނިލަންދޫއަކީ އަބަދުވެސް މިހާރު ސަރުކާރު ހިންގާ ޕީއެންސީ/ޕީޕީއެމްގެ ތާއީދު ވަރަށް ބޮޑު ރަށެކެވެ. އެ ރަށުގައި އިދިކޮޅު އެމްޑީޕީއަށް މާ ބޮޑު ތާއީދެއް ނޯވެ އެވެ. ބިލެތްދޫ ދާއިރާގައި ހިމެނޭ ބިލެތްދޫ، ފީއަލީ، އަދި މަގޫދޫގައި އިދިކޮޅު އެމްޑީޕީއަށް ވެސް ރަނގަޅު ތާއީދެއް އޮވެ އެވެ. މަގޫދޫ އެއާޕޯޓަކީ، މިދިޔަ އެމްޑީޕީގެ ސަރުކާރުގައި ފެށި މަސައްކަތެކެވެ.
Comment