Advertisement

ރައީސް މުއިއްޒު އެ ދަނީ ކަނޑައެޅިގެން ހުދުމުހުތާރު ވެރިކަމާ ދިމާލަށް: ވައްޑެ

1 އޭޕްރީލް 2024 - 13:49 0

ހަސަން މުހައްމަދު

ހަސަން މުހައްމަދު

މީގެ ކުރިން ޖަލްސާ ބޭއްވި ދުވަހަކު ވައްޑެ ވާހަކަ ދައްކަވަނީ: ވިދާޅުވީ ސަރުކާރު ކެންޑިޑޭޓުންނާ ދެކޮޅަށް ވޯޓުލުން ލާޒިމު ކަމަށް -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް


ރައީސް މުއިއްޒު އެ ދަނީ ކަނޑައެޅިގެން ހުދުމުހުތާރު ވެރިކަމާ ދިމާލަށް: ވައްޑެ

1 އޭޕްރީލް 2024 - 13:49 0

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ މިސްރާބު ހުރީ ކަނޑައެޅިގެން ހުދުމުހުތާރު ވެރިކަމާ ދިމާލަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) މިއަދު ވިދާޅުވެއްޖެ އެވެ.

ފ. މަގޫދޫ އެއާޕޯޓުގެ މަސައްކަތް ހުއްޓާލުމަށްފަހު، ރައީސް މުއިއްޒުގެ އާއިލާ މެންބަރަކު ވާދަ ކުރައްވާ ނިލަންދޫ ދާއިރާގައި އެއާޕޯޓެއް އަޅަން ނިންމުމުން މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލައިގައި ބަހުސް ކުރައްވަމުން ވައްޑެ ވިދާޅުވީ، ޑިމޮކްރަސީގެ އެއްވެސް އަސާސެއް ރައީސް ނުގެންގުޅުއްވާ ކަމަށެވެ.

"ޑރ. މުހައްމަދު މުއިއްޒު މިއަދު އެ ދަނީ ހަމަ ކަނޑައެޅިގެން ހުދުމުހުތާރު ކަނޑައެޅިގެން ހުދުމުހުތާރު ވެރިކަމަކާ ދިމާލަށް އެ ދަނީ. އަޅުގަނޑުމެންނަށް އެބަ ލާޒިމްވޭ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޑރ. މުއިއްޒާ ދެކޮޅަށް ވޯޓު ދިނުން،" ވައްޑެ ވިދާޅުވި އެވެ.

ރ. ފައިނުގައި އެއާޕޯޓު އަޅަން ނިންމީ ވެސް ޑިމޮކްރަސީގެ އުސޫލާ ހިލާފަށް އެއްވެސް މަޝްވަރާ ކުރުމެއް ނެތި ކަމަށް ވައްޑެ ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ އަތޮޅުގައި، ފައިނުގައި ކުއްލިއަކަށް އެއާޕޯޓެއް އަޅަން ނިންމައިފި ކައުންސިލެއް ކައިރިން ވެސް، ރައްޔިތެއް ކައިރިން ވެސް އަހާވެސް ނުލާ، ބުނެވެސް ނުލާ ދަންވަރު ނެރުނު ގަރާރަކުން،" ވައްޑެ ވިދާޅުވި އެވެ. "ޑިމޮކްރަސީ މިކިޔަނީ މަޝްވަރާއިން ކަންކަން ނިންމުމަށް."

ސަރުކާރުން މިހާރު ކުރާ މަސައްކަތަކީ ވޯޓަށް ކަޑަޖެހުމާއި ވޯޓު ހޯދަން ރައްޔިތުންނަށް މަކަރާއި ހީލަތް ހެދުން ކަމަށް ވެސް ވައްޑެ ވިދާޅުވި އެވެ.

"ވޯޓަށް ކަޑަޖެހުން، ރައްޔިތުންނަށް އޮޅުވާލުން، ވޯޓަކަށްޓަކައި މަކަރާއި ހީލަތް ހެދުން، ދައުލަތުގެ ފައިސާއިން ހިންގާ މަޝްރޫއުތަކަށް މިގޮތަށް މިއޮތް ފަދަ ރޯދަ މަހު، ވަރަށް ދެރަވަރުކަމެއް މިއީ،" އޭނާ ވިދާޅުވި އެވެ.

އެއާޕޯޓުގެ ބޮޑު ބައެއް ނިމިފައި އޮއްވައި މަގޫދޫ އެއާޕޯޓުގެ މަސައްކަތް ކެންސަލްކޮށް ނިލަންދޫގައި އެއާޕޯޓެއް އަޅަން ނިންމި މައްސަލަ މުރާޖައު ކުރުމަށް އެދި ކުއްލި މައްސަލައެއް ހުށަހެޅުއްވީ ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމް (ދޮންބިލެތް) އެވެ.

އެ މައްސަލަ ހުށަހަޅުއްވަމުން ހަލީމް ވިދާޅުވީ ނިލަންދޫއަށް އެއާޕޯޓު ބަދަލު ކުރީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ނިލަންދޫ ދާއިރާއަށް ކުރިމަތިލައްވާފައިވާ ޕީއެންސީގެ ފާތިމަތު ސައުދާއަށް ނަހަމަ މަންފާއެއް ހޯދައިދެއްވުމަށް ކަމަށެވެ. ސައުދާއަކީ ރައީސް މުއިއްޒުއާ އާއިލީ ގޮތުން ގުޅުން އޮންނަ މީހެއް ކަމަށްވެ އެވެ.

"މިއީ ރައީސުލްޖުމްހޫރިއްޔާ އާއިލީ އަދި ސިޔާސީ މަންފާއަށް ނިންމާފައިވާ ނިންމުމެއް ކަމަށް އެއްވެސް ޝައްކެއް ނެތް މިންވަރަށް އެނގޭ،" މައްސަލަ ހުށަހަޅަމުން ހަލީމް ވިދާޅުވި އެވެ.