Advertisement

ޖަލްސާ ފެށިޔަނުދީ ސަރުކާރު މެމްބަރުން މަޖިލީހުގެ ރިޔާސަތަށް ހުރަސް އަޅަނީ

28 ޖަނަވަރީ 2024 - 15:28 0

ް

މިންހާ އަބްދުﷲ

މިންހާ އަބްދުﷲ

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ މެންދުރުފަހު ދަންފަޅި ފަށަން އުޅުމުން ސަރުކާރު މެމްބަރުން ރިޔާސަތަަށް ހުރަސް އަޅަނީ. ފޮޓޯ: ސޯޝަލް މީޑިއާ


ޖަލްސާ ފެށިޔަނުދީ ސަރުކާރު މެމްބަރުން މަޖިލީހުގެ ރިޔާސަތަށް ހުރަސް އަޅަނީ

28 ޖަނަވަރީ 2024 - 15:28 0

ް

ރައީސް ޑރ. މުހައްމަދު މުއިއްޒު އައްޔަންކުރެއްވި ވަޒީރުންނަށް ރުހުން ދިނުމާ މެދު ގޮތެއް ނިންމަން ރައްޔިތުންގެ މަޖިލީހުން މިއަދު ފެށި ދައުރުން ބޭރު ޖަލްސާގެ މެންދުރުފަހު ދަންފަޅި ފަށްޓަވަން މަޖިލީހުގެ ރައީސްގެ މުހައްމަދު އަސްލަމް ރިޔާސަތަށް ވަޑައިގެންނެވުމުން ސަރުކާރަށް ތާއީދުކުރާ މެމްބަރުން އެމަނިކުފާނަށް ހުރަސް އަޅައިފި އެވެ.

މަޖިލީހުގެ ބައެއް މެމްބަރުން "އަދަދު" އަށް ވިދާޅުވީ ޖަލްސާގެ މެންދުރުފަހު ދަންފަޅި ނުފެށި ލަސްވަނީ ސަރުކާރަށް ތާއީދުކުރާ މެމްބަރުން މަޖިލީހުގެ ރައީސަށް ހުރަސް އަޅަމުންދާތީ ކަމަށެވެ. އެ މެމްބަރުން ތުހުމަތުކުރެއްވި ގޮތުގައި މަޖިލީހުގެ ޕީއެންސީ/ޕީޕީއެމް މެމްބަރުން ރިޔާސަތަށް ހުށަހެޅުމުގެ ތެރޭގައި މާރާމާރީ ވެސް ހިންގި އެވެ.

މިއަދުގެ ޖަލްސާއަށް ހުރަސް އަޅަން ސަރުކާރު މެމްބަރުން ތަޅުމުގައި ހިންގި ހަރަކާތުގައި މަޖިލީހުގެ ތަޅުމުގައި ހުރި ތަކެއްޗަށް ގެއްލުން ދިން ކަމަށް ވެސް އެމްޑީޕީގެ ބައެއް މެމްބަރުން ތުހުމަތު ކުރެއްވި އެވެ.

އެކަމުގެ ތެރޭގައި މައިނޯރިޓީ ލީޑަރު، ފޮނަދޫ ދާއިރާގެ ޕީއެންސީ މެމްބަރު މޫސާ ސިރާޖު މައިކުތައް ފޮރުވާ މަންޒަރު ފެންނަ ވީޑިއޯއެއް ވެސް ސޯޝަލް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ.

ވީޑިއޯ އިން ފެންނަނީ މެމްބަރު ސިރާޖު ހަތަރު މައިކު ނަގައިގެން ގޮސް، މުލަކު ދާއިރާގެ މެމްބަރު އިބްރާހިމް ނަސީރު އިންނަވާ މޭޒު ދަށަށް ލާ ތަނެވެ.

މަޖިލީހުގެ މެޖޯރިޓީ ޕާޓީ އެމްޑީޕީ އަދި ޑިމޮކްރެޓްސްއިން ވަޒީރުންނަށް ރުހުން ނުދޭނެކަން ހާމަކުރުމުން، މިއަދު މެންދުރު 1:30 ގައި ނެގުމަށް ތާވަލު ކުރި ވަޒީރުންނަށް ރުހުން ދިނުމުގެ ވޯޓަށް ސަރުކާރު މެމްބަރުން ހުރަސް އަޅާފައިވެ އެވެ. އެގޮތުން މަޖިލީހުގެ ތަޅުމުގެ ދޮރުތައް ތަޅުލައި، މެމްބަރުން ވަނުމަށް ހުރަސް އަޅާފައި ވާތީ، މިހާތަނަށް އައިއިރު ވެސް ވަޒީރުންނަށް ރުހުން ދިނުމުގެ ވޯޓު ނެގޭ ގޮތް ވެފައެއް ނުވެ އެވެ.

ވަޒީރުންނަށް ރުހުން ނުދޭތީ އެމްޑީޕީ އާއި ޑިމޮކްރެޓްސްއިން ސަރުކާރުގެ މަގާމުތަކުގައި ތިއްބަވާ ބޭފުޅުން އަންނަނީ ރައްޔިތުންގެ މަޖިލީހުގެ ދޮރު މަތީގައި މުޒާހަރާ ކުރަމުންނެވެ. މުޒާހަރާގައި ވަޒީރުންނަށް ރުހުން ނުދިނުމަކީ ތަރައްގީއަށް ހުރަސް އެޅުން ކަމަށާއި އެކަން އެގޮތަށް ނުކުރުމަށް ގޮވާލާފައިވެ އެވެ. އަދި މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމްގެ އިސްތިއުފާއަށް ވެސް އަންނަނީ ގޮވާލަމުންނެވެ.

ވަޒީރުންނަށް ރުހުން ނުދޭނެކަން ހާމަކުރުމުން، ސަރުކާރު ކޯލިޝަން ޕާޓީތައް ކަމަށްވާ ޕީއެންސީ އަދި ޕީޕީއެމް އިން އާންމު ކުރި ބަޔާނުގައި ވަޒީރުންނަށް ރުހުން ނުދިނުމަކީ ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތަކަށް ހުރަސް އެޅުން ކަމަށް ސިފަކޮށްފައިވެ އެވެ.

އެހެންނަމަވެސް، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ޗީފް އެޑްވައިޒަރު އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ވަޒީރުންނަށް ރުހުން ނުދިނަސް، ހަމަ އެ ބޭފުޅުން އަލުން އެ މަގާމަށް އައްޔަންކުރުމުގެ އިހްތިޔާރު ލިބިގެންވާ ކަމަށެވެ. އަދި ވަޒީރުންނަށް ރުހުން ނުދިނުމަކީ ޒިންމާދާރުކަން ކުޑަ އަމަލެއްގެ ގޮތުގައި އަބްދުއްރަހީމް ސިފަ ކުރައްވާފައިވެ އެވެ.