Advertisement

އަސްލަމާއި ސަލީމް ވަކިކުރުމުގެ މައްސަލަ ގެންދިޔަ ސަބަބެއް ޕީއެންސީން ނުބުނި

14 ފެބުރުވަރީ 2024 - 10:37 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ޕީއެންސީއަށް ގުޅުނު މަޖިލިސް މެންބަރުންނާއެކު، ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި އިސް ވަޒީރު އަބްދުއްރަހީމް: މަޖިލީހުގެ ރައީސް އަދި ނައިބު ރައީސް ވަކިކުރަން ހުށަހެޅި އަނބުރާ ގެނެސްފި - ފޮޓޯ: އަދަދު


އަސްލަމާއި ސަލީމް ވަކިކުރުމުގެ މައްސަލަ ގެންދިޔަ ސަބަބެއް ޕީއެންސީން ނުބުނި

14 ފެބުރުވަރީ 2024 - 10:37 0

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމާއި ނައިބު ރައީސް އަހުމަދު ސަލީމް މަގާމުން ވަކިކުރަން ޕީއެންސީ/ޕީޕީއެމް ކޯލިޝަނުން ހުށަހެޅި މައްސަލައިގެ ނޯޓިސް ފޮނުވާފައި ވަނިކޮށް، 13 މެމްބަރެއްގެ ސޮއި އަނބުރާ ގެންދެވި ސަބަބުގެ ތަފުސީލު ދެވެން ނެތް ކަމަށް، ޕާލިމެންޓްރީ ގްރޫޕުން ބުނެފި އެވެ.

އެންމެ ބޮޑު އިދިކޮޅު ޕާޓީ އަދި މަޖިލީހުގެ މެޖޯރިޓީ ޕާޓީ، އެމްޑީޕީ އަށް ނިސްބަތްވާ އަސްލަމާއި ސަލީމް މަގާމުން ވަކިކުރަން ސޮއިކުރެއްވި މެމްބަރުންގެ ތެރެއިން ސޮއި ނެންގެވި މެމްބަރުން ފޮނުއްވި ސިޓީ "އަދަދު" ނޫހަށް ލިބިފައިވެ އެވެ. އޭގައި އެ ގޮތަށް ނިންމި ވަކި ސަބަބެއް ބުނެފައެއް ނެތެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަސްލަމް އަށް އެޑްރެސް ކުރައްވައި އިއްޔެ ފޮނުއްވި އެ ސިޓީގައި އޮންނަނީ، ސޮއި އަނބުރާ ގެންދަވަން އެ ބޭފުޅުން ބޭނުންވީ އަސްލަމް އާއި ސަލީމް "މަގާމުން ވަކިކުރުމުގެ މައްސަލަ މިވަގުތު ކުރިއަށް ގެންދަން ބޭނުން ނުވާތީ،" ކަމަށެވެ.

ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މަޖިލީހުގެ މައިނޯރިޓީ ލީޑަރު މޫސާ ސިރާޖު "އަދަދު" ނޫހާ ވާހަކަ ދައްކަވަމުން ވިދާޅުވީ، މި ވަގުތަށް އެ ކަން ކުރަން ނުޖެހޭ ކަމަށް ނިންމީ ޕާލިމެންޓްރީ ގްރޫޕުގައި ވަރަށް ފުޅާކޮށް މަޝްވަރާ ކުރެއްވުމަށް ފަހު ކަމަށެވެ.

ނަމަވެސް މަޝްވަރާގެ ތަފުސީލު ދެއްވުމަށް ދެކޮޅު ހެއްދެވި އެވެ.

"އެ މަޝްވަރާތަކުގެ ތަފުސީލެއް އަޅުގަނޑަކަށް ނުއެއް ދެވޭނެ، ކޮންމެއަކަސް މި ވަގުތު ކުރަން ޖެހޭ ކަމަކަށް ނުފެންނާތީ [އަނބުރާ ނެގީ މައްސަލަ]،" ރައްޔިތުންގެ މަޖިލީހުގައި ފޮނަދޫ ދާއިރާ ތަމްސީލް ކުރައްވާ މެންބަރު ސިރާޖު ވިދާޅުވި އެވެ.

ސޮއި އަނބުރާ ގެންދެވި މެންބަރުންނަކީ؛

  1. އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް
  2. ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު
  3. ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު
  4. ތުލުސްދޫ ދާއިރާގެ މެމްބަރު އިބްރާހިމް ނަސީމް
  5. ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު
  6. އިސްދޫ ދާއިރާގެ މެމްބަރު އަލީ ހަމީދު
  7. ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުލްމުހުސިން ހަމީދު
  8. މުލަކު ދާއިރާގެ މެމްބަރު އިބްރާހިމް ނަސީރު
  9. މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރު
  10. ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން
  11. ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝާޒް
  12. ކުރެންދޫ ދާއިރާގެ މެމްބަރު އަބްދުލްޣަނީ އަބްދުލްހަކީމް
  13. ކޮމަންޑޫ ދާއިރާގެ މެމްބަރު މުހައްމަދު ރާޝިދު

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުން މަޖިލީހުގެ ރައީސް އާއި ނައިބު ރައީސް މަގާމުން ވަކިކުރަން ހުށަހެޅޭނީ މަޖިލީހުގެ މެމްބަރުންގެ ހަތަރު ބައިކުޅަ އެއްބައި މެމްބަރުން ސޮއިކުރައްވައި ހުށަހަޅުއްވާ ގަރާރަކުންނެވެ. އެއީ މަދުވެގެން 20 މެމްބަރުންނެވެ.

އަސްލަމް އާއި ސަލީމްގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ސޮއިކުރެއްވި 23 މެމްބަރުންގެ ތެރެއިން 13 މެމްބަރެއްގެ ސޮއި ގެންދެވުމުން، އެ މައްސަލަ ކުރިއަށް ގެންދިއުމަށް ބޭނުންވާ ގާނޫނީ އަދަދު ވަނީ ގެއްލިފަ އެވެ. އެހެންވެ، މައްސަލައިގެ ނޯޓިސް ފޮނުވާފައި އޮތަސް އެ މައްސަލަ ދެން ކުރިއަށް ނުގެންދާނެ އެވެ.

މަޖިލީހުގައި ވެރިކަން ކުރާ ކޯލިޝަން ޕީއެންސީ/ޕީޕީއެމް ތަމްސީލްކުރައްވަނީ 16 މެންބަރެކެވެ. ސަރުކާރާއެކު، އެމްއެންޕީއަށް ނިސްބަތްވާ ދެ މެންބަރަކާއި އެމްޑީއޭގެ ދެ މެންބަރުން ވެސް ތިއްބަވަ އެވެ.

އިދިކޮޅު އެމްޑީޕީގެ 44 މެންބަރުން، އަދި އެ ޕާޓީއާއެކު މި ދުވަސްވަރު މަސައްކަތްކުރާ ޑިމޮކްރެޓްސްގެ 13 މެންބަރަކު ތިއްބަވަ އެވެ. ދެން ހިމެނެނީ އަމިއްލަ މެންބަރަކާއި ޖުމްހޫރީ ޕާޓީގެ ދެ މެންބަރެކެވެ.