Advertisement

ބިމުގެ ރަޖިސްޓްރީ ބެލެހެއްޓުމަށާއި އަގުކަނޑައަޅަން ގާނޫނީ ބާރު ލިބޭ މަގާމުތަކެއް އުފައްދަން ހުށަހަޅައިފި

4 މާރިޗު 2024 - 19:13 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު: ސިރާޖު ހުށަހެޅި ސަރުކާރުގެ ބިލުގައި ބިމުގެ ބޮޑެތި ނިންމުންތައް ނިންމަން ގާނޫނީ ބާރާއެކު މަގާމުތަކެއް އުފައްދަން ހިމެނި - ފޮޓޯ: ރައީސް އޮފީސް


ބިމުގެ ރަޖިސްޓްރީ ބެލެހެއްޓުމަށާއި އަގުކަނޑައަޅަން ގާނޫނީ ބާރު ލިބޭ މަގާމުތަކެއް އުފައްދަން ހުށަހަޅައިފި

4 މާރިޗު 2024 - 19:13 0

ބިންތަކުގެ ރަޖިސްޓްރީ ބަލަހައްޓަން ގާނޫނީ ބާރު ލިބޭ މަގާމަކާއި، ބިންތަކުގެ އަގު ކަނޑައަޅަން ގާނޫނީ ބާރު ލިބޭ މަގާމެއް އުފައްދައިގެން ބިމުގެ ކަންކަން ނިންމާ ގޮތަށް، ބިމާ ބެހޭ އާ ގާނޫނީ އޮނިގަނޑެއް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

ސަރުކާރުގެ ފަރާތުން ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު ހުށަހެޅުއްވި ބިލުގައިވާ ގޮތުން ބިމުގެ ރަޖިސްޓްރީގެ ކަންކަމުގެ ގާނޫނީ ބާރާއި ޒިންމާ ދެނީ "ރެޖިސްޓްރާ އޮފް ލޭންޑް" ގެ ނަމުައި އުފައްދާ މަގާމެއްގައި ހުންނަވާ ބޭފުޅަކަށެވެ. އަދި ބިންތަކުގެ އަގު ކަނޑައެޅުމުގެ ބާރު ލިބެނީ "ޗީފް ވެލިއުއާ"ގެ ނަމުގައި އުފައްދާ މަގާމެއްގައި ހުންނަވާ ބޭފުޅަކަށެވެ.

ބިލުގައި ބުނާ ގޮތުން ރަޖިސްޓްރާ އޮފް ލޭންޑްގެ މަގާމަށް މީހަކު އައްޔަން ކުރާނީ، ބިމުގެ ސިޔާސަތު ހިންގަން ހަވާލުކޮށްފައި އެ އިރަކު އޮންނަ މިނިސްޓްރީގެ މިނިސްޓަރެވެ. ވަކިކުރުމުގެ ބާރު ވެސް މިނިސްޓަރަށް ދޭނެ އެވެ. އެހެން ނަމަވެސް އެ މަގާމަށް އައްޔަން ކުރުމުގެ ކުރިން އެ މަގާމަށް ހުޅުވާލަން ޖެހޭ ކަމަށް ބިލުގައިވެ އެވެ.

މަގާމުގެ މުއްދަތަކީ ފަސް އަހަރުގެ އެއް ދައުރެވެ. އެ މަގާމުން ކުރިން ވަކިކުރި މީހަކު ނޫން ނަމަ، އިތުރު ދައުރަކަށް ވެސް އައްޔަން ކުރެވޭނެ ކަމަށް ބިލުގައިވެ އެވެ.

ރަޖިސްޓްރާގެ މަގާމަށް އައްޔަން ކުރެވޭނީ ކަމާ ގުޅުން ހުރި ދާއިރާއަކުން އެންމެ ދަށްވެގެން މާސްޓާ ޑިގްރީ އޮވެ، މަދުވެގެން އަށް އަހަރުގެ ތަޖުރިބާކޮށްފަ އެވެ. އަދި އިންތިހާބީ މަގާމެއް ނޫނީ ސިޔާސީ މަގާމެއް އަދި އެހެން މަގާމެއް ފުރަމުންދާ މީހަކަށް ވެގެން ނުވާނެ ކަމަށް ބިލުގައިވެ އެވެ.

ރަޖިސްޓްރާއަށް ލިބިދޭ ބާރުތައް

  • ބިން ރަޖިސްޓްރީކުރުމާ ގުޅޭ އުސޫލުތަކާއި އިޖުރާއަތްތައް ކަނޑައަޅައި، ތަންފީޒުކުރުން
    • ރާއްޖޭގެ ރަޖިސްޓްރީކޮށްފައިވާ ބިމުގެ ދަފްތަރެއް އެކުލަވާލައި ބެލެހެއްޓުން
    • ރަޖިސްޓްރީކޮށްފައިވާ ބިންތަކާ ގުޅޭ މައުލޫމާތު ސާފުކޮށްދޭ ނިޒާމެއް ގާއިމުކޮށް ހިންގުން

    ބިން ރަޖިސްޓްރީގެ ދަފްތަރުގައި ހިމަނަން ލާޒިމުކުރާ މައުލޫމާތުތައް ވެސް ބިލުގައިވެ އެވެ. އެއީ؛

    • ކޮންމެ ބިމެއްގެ ބާވަތާއި ބޭނުން
    • ބިން ރަޖިސްޓްރީކޮށްދިން ފަރާތުގެ ނަމާއި އައިޑީކާޑު ނަންބަރު
    • ބިން އޮތް ރަށާއި ރަށުގެ ސަރަހައްދު
    • ބިމުގެ ޗާޓާއި ބޮޑުމިން
    • ބިމުގެ ރަޖިސްޓްރީ ނަންބަރާއި ރަޖިސްޓްރީކުރި ތާރީހު
    • ތިންވަނަ ފަރާތުގެ މަސްލަހަތު
    • ކުރީގެ ރަޖިސްޓްރޭޝަން މައުލޫމާތު

    ބިމުގެ އަގު ކަނޑައެޅުމުގެ ބާރު ލިބޭ ގޮތަށް ޗީފް ވެލުއާގެ މަގާމަށް މީހަކު އައްޔަން ކުރާނީ ވެސް ބިމުގެ ސިޔާސަތާ ބެހޭ މިނިސްޓަރެވެ.

    ބިންތަކުގެ އިތުރުން ބިންތަކުގައި ހުންނަ އިމާރާތްތަކުގެ އަގު ކަނޑައެޅުމުގެ ބާރު ވެސް އޭނާއަށް ދީފައިވެ އެވެ. އަދި އަމިއްލަ ފަރާތެއްގެ ބިން ދައުލަތަށް ނެގުމުގައި ދައުލަތަށް ނެގޭނެ ބިމުގެ އަގު އިވެލުއޭޓް ކުރުމާއި، ބިން ދޫކޮށްލާ ފަރާތަކަށް ބަދަލުގެ ގޮތުގައި ލިބެން ޖެހޭ އަގު އިވެލުއޭޓް ކުރުމުގެ ބާރު ވެސް ދީފައިވެ އެވެ.

    ބިމުގެ އަގު ކަނޑައެޅުމުގައި ހަ ކަމަކަށް ބެލުމަށް ބިލުގައިވެ އެވެ.

    • ބިން އޮތް ތަން ނުވަތަ ލޮކޭޝަން
    • ބިމުގެ މިންތައް
    • ބިމަށް އެކަށައަޅާފައިވާ ބޭނުން
    • ބިމުގައި ވަށައިގެންވާ އިންފްރާސްޓްރަކްޗާ
    • ތިމާވެށީގެ ހާލަތު
    • މާކެޓުގެ ހާލަތު

    ބިންތަކުގެ އަގު ކަނޑައެޅުމުގެ އުސޫލުތައް ތަފްސީލުކޮށް ޗީފް ވެލުއާ ގަވާއިދެއް އެކުލަވައިލަން ޖެހޭނެ ކަމަށް ބިލުގައިވެ އެވެ.

    މީގެ އިތުރުން ބިންތަކުގެ ދިރާސާތައް ކުރުމަށް ލޭންޑް ސާވޭ އޮތޮރިޓީއެއް އުފެއްދުމަށް ހިމަނާފައިވެ އެވެ. މިހާރު ވެސް އެ ނަމުގައި އޮތޯރިޓީއެއް އޮތް އިރު މިހާރު އޮތް އޮތޯރިޓީގެ މުވައްޒަފުންނާއި މުދަލާއި މާލިއްޔަތު އާ އޮޓޯރިޓީގެ ދަށަށް ބަދަލު ކުރަން ބިލުގައި ބުނެފައިވެ އެވެ.