Advertisement

ތާރީހީ ކާމިޔާބެއް، ޖޯޖިއާ ފުރަތަމަ ފަހަރަށް ޔޫރޯ އަށް ކޮލިފައިވެއްޖެ

27 މާރިޗު 2024 - 03:44 0

ޖޯޖިއާ ކުޅުންތެރިން އުފާފާޅުކުރަނީ.--


ތާރީހީ ކާމިޔާބެއް، ޖޯޖިއާ ފުރަތަމަ ފަހަރަށް ޔޫރޯ އަށް ކޮލިފައިވެއްޖެ

27 މާރިޗު 2024 - 03:44 0

ޓުބުލީސީ، ޖޯޖިއާ (މާޗް 27) - ކޮލިފައިން ޕްލޭއޮފްގައި ޕެނަލްޓީ ޖަހައިގެން 4-2 އިން ގްރީސް ބަލިކޮށް ޖޯޖިއާ އިން މި އަހަރު ޖަރުމަނުގައި ބާއްވާ ޔޫރޯ ފުޓްބޯޅަ މުބާރާތަށް ކޮލިފައިވެ ތާރީހީ ކާމިޔާބެއް ހޯދައިފި އެވެ.

ދުނިޔޭގެ ރޭންކިންގެ 77 ވަނައިގައި މި ވަގުތު އޮތް ޖޯޖިއާ އިން މި ވަނީ އެ ގައުމުގެ ފުޓްބޯޅަ ތާރީހުގައި ފުރަތަމަ ފަހަރަށް ބައިނަލްއަގުވާމީ ބޮޑު މުބާރާތަކަށް ކޮލިފައިވެފަ އެވެ. މި ފަހަރުގެ ޔުރޯގައި ޖޯޖިއާ ވާދަކުރާނީ ތުރުކީ، ޕޯޗުގަލް އަދި ޗެކް ރިޕަބްލިކާ އެކު ގްރޫޕް އެފްގަ އެވެ.

ޖޯޖިއާގެ ޑިނަމޯ އެރީނާގައި މިރޭ ކުޅުނު މެޗުގައި ޖޯޖިއާ އިން ވަނީ މެޗުގެ ފުރިހަމަ ވަގުތާއި އިތުރު ވަގުތުގެ ދެ ހާފުގެ ކުޅުން ނިމުނުއިރު، ލަނޑެއް ނުޖެހި އެއްވަރުވެފަ އެވެ. ޕެނަލްޓީގައި ޖޯޖިއާ އިން ވަނީ ފަސް ޕެނަލްޓީގެ ތެރެއިން ހަތަރު ޕެނަލްޓީ ކާމިޔާބުކޮށްފަ އެވެ. ގްރީސް އިން ފޮނުވާލި ހަތަރު ޕެނަލްޓީގެ ތެރެއިން ކާމިޔާބުވީ ދެ ޕެނަލްޓީ އެވެ.

މެޗުގެ ކުޅުން ނިމުމާ އެކު، ޖޯޖިއާގެ ސަޕޯޓަރުން ވަނީ ދަނޑަށް އަރައި، ކުޅުންތެރިންނާ އެކު ވަރަށް ބޮޑަށް އުފާފާޅުކޮށްފަ އެވެ.

ޔޫކްރެއިން ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އޭއެފްޕީ


ޔޫރޯގެ ފަހު ދެ ޖާގަ ޔޫކްރެއިނާއި ޕޮލެންޑް އަށް

ޔޫކްރެއިން އިން ވަނީ ކޮލިފައިން ޕްލޭއޮފްގައި މިރޭ 2-1 އިން އައިސްލެންޑް ބަލިކޮށްފަ އެވެ. ވޭލްސް އަތުން ޕޮލެންޑް ވަނީ ޕެނަލްޓީ ޖަހައިގެން، 5-4 އިން މޮޅުވެ، ޔޫރޯ އަށް ކޮލިފައިވެފަ އެވެ.

އައިސްލެންޑުން ވަނީ ޔޫކްރެއިން ކޮޅަށް ލަނޑު ޖަހައި ލީޑުނަގައިފަ އެވެ. މެޗުގެ 30 ވަނަ މިނިޓްގައި މި ލަނޑު ޖެހީ އަލްބާޓް ގުޑްމުންޑްސަން އެވެ. ޔޫކްރެއިނުން ނަތީޖާ އަނބުރާލީ ދެ ވަނަ ހާފުގައި ޖެހި ލަނޑުތަކުންނެވެ. ޔޫކްރެއިން އަށް އެއްވަރުކޮށްދިނީ، 54 ވަނަ މިނިޓްގައި ވިކްޓޯ ޝީޔަންކޯފް އެވެ. އަދި މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަ މިނިޓަށް ވެފައި ވަނިކޮށް ޔޫކްރެއިން ޔޫރޯ އަށް ގެންގޮސްދިން ލަނޑު ޖެހީ މިހައިލޯ މުޑްރިކް އެވެ.

ޔޫކްރެއިން ޔޫރޯގައި ކުޅޭނީ ގްރޫޕް އީގަ އެވެ. އެ ގްރޫޕްގައި ހިމެނެނީ، ބެލްޖިއަމް، ސްލޮވާކިއާ އަދި ރުމޭނިއާ އެވެ.

ވޭލްސް އާއި ޕޮލެންޑް ކުޅުނު މެޗުގެ ފުރިހަމަ ވަގުތާއި އިތުރު ވަގުތުގެ ދެ ހާުފުގެ ކުޅުން ނިމުނުއިރު، އޮތީ 0-0 އިން އެއްވަރުވެފަ އެވެ. ޕެނަލްޓީގައި ދެ ޓީމުން ޖުމްލަ އެކު، ފޮނުވާލި 10 ޕެނަލްޓީގެ ތެރެއިން ނާކާމިޔާބުވީ ވޭލްސްގެ ފަހު ޕެނަލްޓީ ޖެހި، ޑެނިއަލް ޖޭމްސް އަތުންނެވެ.

ޕޮލެންޑުން ޕެނަލްޓީތައް ކާމިޔާބުކުރީ، ރޮބަޓް ލެވަންޑޯސްކީ، ސެބަސްޓިއަން ޒީމާންސްކީ، އެޑަމް ފްރަންކޯސްކީ، ނިކޯލާ ޒަލެއުސްކީ އަދި ކްރިސްޓޮފް ޕިއޮންޓެކް އެވެ. ވޭލްސްގެ ފުރަަތަމަ ހަތަރު ޕެނަލްޓީ ކާމިޔާބުުކުރީ، ބެން ޑޭވިސް، ކިއެފާ މޯ، ހެރީ ވިލްސަން އަދި ނީކޯ ވިލިއަމްސް އެވެ. ފަސް ވަނަ އަށް ޖަހަންދިޔަ، ޖޭމްސް ޖެހި ޕެނަލްޓީ ޕޮލެންޑް ކީޕަރު ވޮޒްޝިއޭ ޝެޒްނީ ވަނީ މަތަކޮށްފަ އެވެ.

ޔޫރޯގެ ގްރޫޕް ޑީގައި ޕޮލެންޑް ވާދަކުރަން ޖެހެނީ ނެދަލެންޑްސް، ފްރާންސް އަދި އޮސްޓްރިއާއާ އެވެ.