Advertisement

އަތުގައި ބޯޅަ ޖެހޭކަން ޔަގީންކުރަން ޔޫރޯގެ ބޯޅައިގައި ހާއްސަ ޗިޕެއް ހަރުކޮށްފި

5 ޑިސެންބަރު 2023 - 16:15 0


އަތުގައި ބޯޅަ ޖެހޭކަން ޔަގީންކުރަން ޔޫރޯގެ ބޯޅައިގައި ހާއްސަ ޗިޕެއް ހަރުކޮށްފި

5 ޑިސެންބަރު 2023 - 16:15 0

ލަންޑަން (ޑިސެމްބަރު 5) - އަންނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތަށް އެޑިޑާސް އިން ތައްޔާރުކުރި ބޯޅައިގައި ހޭންޑްބޯޅަ ބެލޭނެ ހާއްސަ ޓެކްނޮލޮޖީއެއް ތައާރަފްކޮށްފި އެވެ.

އަންނަ އަހަރުގެ ޖޫން މަހު ޖަރުމަންގައި ފަށާ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ބޭނުންކުރާ ބޯޅަ އެޑިޑާސް އިން ވަނީ ދާދި ފަހުން ތައާރަފްކޮށްފަ އެވެ. ޖަރުމަން ދިދައިގެ ކުލަތަކާއި، އެޑިޑާސްގެ ރަސްމީ ކުލަތައް ހިމެނޭ މި ބޯޅައިގައިވެސް އެންމެ ފަހުގެ ޓެންނޮލޮޖީ ވަނީ ބޭނުންކޮށްފަ އެވެ.

މި ފަހަރުގެ ބޯޅައިގައި ހިމެނޭ ހާއްސަކަންތައްތަކަށް ބަލާއިރު، އެންމެ ބޮޑަށް ފާހަގަކޮށްލެވެނީ "ހޭންޑްބޯލް" ބެލޭނެ މައިކްރޯ ޗިޕެއް ހަރުކޮށްފައި ހުރުމެވެ. މި ޗިޕްގެ އެހީގައި ކުޑަ ސިކުންތުކޮޅެއްގެ ތެރޭގައި އަތުގައި ބޯޅަ ޖެހުނުކަން ޔަގީންކަމާ އެކު ބުނެވޭނެ އެވެ.

މި މައިކްރޯ ޗިޕްގެ އެންމެ ހާއްސަ ސިފަ އަކީ އަތުގައި ބޯޅަ ޖެހުނީ ކޮން ހިސާބެއްގައިކަންވެސް ބަލާލެވުމެވެ. އެ ގޮތުން އަތުގެ އުޅަބޮށީގައި ތޯ ބޯޅަ ޖެހުނީ، ނުވަތަ ކޮނޑުގައިތޯ ބޯޅަ ޖެހުނީ ބަލާލެވޭނެ އެވެ. މީގެ އިތުރުން ގަޔާ އެކު އަތުގައި ބޯޅަ ޖެހޭ ފަހަރުތަކުގައިވެސް އެ ކަމަށް ގޮތެއް ނިންމަން ރެފްރީންނަށް ފަސޭހައިން އެހީވެދޭނެ އެވެ.

އެޑިޑާސް އިން ބުނީ މި ޓެކްނޮލޮޖީ އަކީ ރެފްރީންގެ ނިންމުންތައް އިންސާފުވެރިކުރުމަށް އެހީވެދޭނެ ޓެކްނޮލޮޖީއަކަށްވާނެކަމަށެވެ. އަދި މިއީ 2024ގެ ޔޫރޯއަށް އިތުރު އިތުބާރާއި ފުރިހަމަކަން ގެނެސްދޭނެ ފޯމިއުލާއެއް ކަމަށެވެ.

ފުޓްބޯޅައިގައި ރެފްރީން ނިންމާ ނިންމުންތައް އިންސާފުވެރިކުރުމަށް އެހީވުމުގެ ގޮތުން 2018 އިން ފެށިގެން އަންނަނީ ގިނަ ޓެކްނޮލޮޖީތަކެއް ތައާރަފް ކުރަމުންނެވެ. އެ ގޮތުން ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރު) އާއި ގޯލް ލައިން ޓެކްނޮލޮޖީގެ އިތުރުން ސެމީ އޮޓޮމޭޓެޑް އޮފްސައިޑް ޓެކްނޮލޮޖީވެސް އަންނަނީ މިހާރު ބޭނުންކުރަމުންނެވެ.