Advertisement

ޔޫރޯގެ ފަހު ޖާގަތަކުގެ ވާދަވެރިކަން ބޮޑު

22 މާރިޗު 2024 - 11:36 0

ވޭލްސްގެ ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އޭއެފްޕީ


ޔޫރޯގެ ފަހު ޖާގަތަކުގެ ވާދަވެރިކަން ބޮޑު

22 މާރިޗު 2024 - 11:36 0

ކާޑިފް، ވޭލްސް (މާޗް 22) - މި އަހަރު ޖަރުމަނުގައި ބާއްވާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފަހު ޖާގަތަކަށް ކުޅޭ ޕްލޭއޮފް ބުރުގެ ފައިނަލަށް ޓީމުތައް ދަތުރުކޮށްފި އެވެ.

ޕްލޭއޮފް ތިން ފައިނަލަށް ދަތުރުކޮށްފައިވާ ޓީމުތަކަށް ބަލާއިރު، ޕެތު އޭގެ ފައިނަލުގައި ވޭލްސް ކުޅޭނީ ޕޮލެންޑާ އެވެ. ޕެތު ބީގެ ފައިނަލަށް ދަތުރުކުރީ ޔޫކްރެއިން އާއި އައިސްލެންޑް އެވެ. އަދި ޕެތު ސީގެ ފައިނަލުގައި ވާދަކުރަނީ ޖޯޖިއާ އާއި ގްރީސް އެވެ. މީގެ އިން ކޮންމެ ފައިނަލަކުން މޮޅުވާ ޓީމަކަށް ޔޫރޯގެ ޖާގަ ކަށަވަރުވާނެ އެވެ.

ވޭލްސް އިން ފައިނަލަށް ދަތުރުކުރީ، ސެމީ ފައިނަލުގައި ފިންލެންޑް އަތުން ރޭ 4-1 އިން މޮޅުވެގެންނެވެ. ވޭލްސްގެ ގޯލުތައް ޖެހީ، ޑޭވިޑް ބްރޫކްސް، ނީކޯ ވިލިއަމްސް، ބްރެނަން ޖޯންސަން އަދި ޑެނިއަލް ޖޭމްސް އެވެ. ފިންލެންޑްގެ ހަމައެކަނި ލަނޑު ޖެހީ، ޓީމޯ ޕޫކީ އެވެ. ޕޮލެންޑުން ފައިނަލުގެ ޖާގަ ހޯދީ، އެސްޓޯނިއާ އަތުން 5-1 އިން މޮޅުވެގެންނެވެ. ޕޮލެންޑްގެ ލަނޑުތައް ޖެހީ، އެޑަމް ފްރަންކޯސްކީ، ޕިއޮޓްރޭ ޒިއެލިންސްކީ، ޖަކޫބް ޕިއޮޓްރޯސްކީ، ސެބަސްޓިއަން ސީމާންސްކީގެ އިތުރުން އެސްޓޯނިއާގެ ކަރޯލް މެޓްސް އަތުން ބައިކޮޅަށް ވަން ގޯލެކެވެ. އެސްޓޯނިއާގެ ހަމައެކަނި ލަނޑު ޖެހީ، މާޓިން ވެޓްކާލް އެވެ.

ޕޮލެންޑާއި ވޭލްސް ކުޅެގެން މޮޅުވާ ޓީމެއް ވާދަކުރަން ޖެހޭނީ ޔޫރޯގެ ގްރޫޕް ޑީގަ އެވެ. އެ ގްރޫޕްގައި މި ވަގުތު އޮތީ ނެދަލެންޑްސް، ފްރާންސް އަދި އޮސްޓްރިއާ އެވެ.

އައިސްލެންޑުން ވަނީ ރޭ 4-1 އިން އިޒްރޭލް ކަޓުވާލައިފަ އެވެ. އައިސްލެންޑްގެ އަލްބާޓް ގުޑްމުންޑްސަން ހެޓްރިކެއް ހެދިއިރު، އަނެއް ލަނޑު ޖެހީ، އާނޯ ޓްރައުސްޓަސަން އެވެ. އިޒްރޭލްގެ ހަމައެކަނި ލަނޑު ޖެހީ ޕެނަލްޓީ އަކުން އެރަން ޒަހާވީ އެވެ. ޔޫކްރެއިނުން ވަނީ 2-1 އިން ބޮސްނިއާ ބަލިކޮށްފަ އެވެ. ޔޫކްރެއިންގެ ލަނޑުތައް ޖެހީ، ރޯމަން ޔަރެމްޗުކް އާއި އާޓެމް ޑޮވްބީކް އެވެ. ބޮސްނިއާގެ ގޯލަކީ، ޔޫކްރެއިންގެ މިކޯލާ މަޓްވިޔެންކޯ އަތުން ބައިކޮޅަށް ވަން ގޯލެކެވެ،

އައިސްލެންޑާއި ޔޫކްރެއިން ކުޅެގެން މޮޅުވާ ޓީމެއް ޔޫރޯގައި ލައްވާލާނީ، ގްރޫޕް އީގަ އެވެ. އެ ގްރޫޕްގައި ހިމެނެނީ، ބެލްޖިއަމް، ސްލޮވާކިއާ އަދި ރުމޭނިއާ އެވެ.

ޖޯޖިއާ އިން ވަނީ ރޭ 2-0 އިން ލަގްޒެމްބާގް ބަލިކޮށްފަ އެވެ. ލަނޑުތައް ޖެހީ، ބުޑޫ ޒިވްޒިވާޑްޒޭ އެވެ. ގްރީސް އިން ކަޒަކްސްތާން ބަލިކުރީ 5-0 އިންނެވެ. ގްރީސްގެ ލަނޑުތައް ޖެހީ، އަނަސްތަސިއޯސް ބަކަސޭޓަސް، ޑިމިޓްރިއޯސް ޕެލްކަސް، ފޯޓިސް އިއޮނީޑީސް، ޑިމިޓްރިއޯސް ކޫބޭލިސް އަދި ކަޒަކްސްތާންގެ ޔާކިން ޓަޕަލޯފް އަތުން ބައިކޮޅަށް ވަން ގޯލެކެވެ.

ޔޫރޯގެ ޗެމްޕިއަންކަން 2004 ވަަނަ އަހަރު ހޯދި ގްރީސް އިން މި ފަަހަރުގެ ޔޫރޯ އިން ޖާގަ ހޯދަން، ޖޯޖިއާއާ ބައްދަލުކުރާއިރު، އެ މެޗުން މޮޅުވެއްޖެނަމަ މުބާރާތުގައި ހިމެނޭނީ، ތުރުކީ، ޕޯޗުގަލް އަދި ޗެކް ރިޕަބްލިކާ އެކު ގްރޫޕް އެފްގަ އެވެ.