Advertisement

ވައިކަރަދޫއާއެކު ހަ ރަށެއްގައި އާ ޖަނަރޭޓަރު ބެހެއްޓުމުގެ މަސައްކަތް ކުރަނީ

23 މާރިޗު 2024 - 13:17 0

ފެނަކައިގެ އެމްޑީ މުއާޒް: ވިދާޅުވީ ކުރިއަށް އޮތް ފަސް ދުވަހުގެ ތެރޭގައި ޖަނަރޭޓަރުތައް ބެހެއްޓޭނެ ކަމަށް -- ފޮޓޯ: އަދަދު ފައިލް


ވައިކަރަދޫއާއެކު ހަ ރަށެއްގައި އާ ޖަނަރޭޓަރު ބެހެއްޓުމުގެ މަސައްކަތް ކުރަނީ

23 މާރިޗު 2024 - 13:17 0

ކަރަންޓުގެ މައްސަލަ ޖެހިގެން އުޅޭ ހދ. ވައިކަރަދޫއާއެކު އިތުރު ހަ ރަށެއްގައި މުޅިން އާ ޖަނަރޭޓަރުތަކެއް ބެހެއްޓުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފެނަކަ ކޯޕަރޭޝަނުން މިއަދު ބުނެފި އެވެ.

ފެނަކައިގެ މެނޭޖިން ޑައިރެކްޓަރު މުއާޒް މުހައްމަދު ރަޝީދު ވިދާޅުވީ ވައިކަރަދޫއަށް ބޭނުންވާ 650 ކިލޯވޮޓުގެ ޖަނަރޭޓަރެއް މިހާރު ބޯޓަކަށް އަރުވާފައިވާ ކަމަށެވެ.

އޭގެ އިތުރުން، ގދ. ހޯޑެއްދޫ، ހއ. ދިއްދޫ، ރ. މީދޫ، އައްޑޫ ސިޓީ އަދި ހދ. ކުޅުދުއްފުށި ސިޓީއަށް އާ ޖަނަރޭޓަރު ގެނެސް ބެހެއްޓުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް މުއާޒް ވިދާޅުވި އެވެ.

"މި ހުރިހާ ޖަނަރޭޓަރުތަކެއް ކުރިއަށް އޮތް ހަތަރެއް ނުވަތަ ފަސް ދުވަހުގެ ތެރޭގައި ބެހެއްޓޭނެ ކަމަށް ލަފާ ކުރެވޭ،" މުއާޒް ވިދާޅުވި އެވެ.

ފެނަކައިން ބުނީ ހޯޑެއްދޫއަށް ގެންދަނީ 400 ކިލޯވޮޓުގެ ޖަނަރޭޓަރެއް ކަމަށެވެ. ދިއްދޫ އާއި އައްޑޫއަށް ގެންދަނީ 1000 ކިލޮވޮޓުގެ ޖަނަރޭޓަރެކެވެ. އަދި ކުޅުދުއްފުއްޓަށް ގެންދަނީ 800 ކިލޯވޮޓުގެ ޖަނަރޭޓަރެކެވެ.

ފެނަކައިން ބުނީ ދިއްދޫ، އައްޑޫ، ކުޅުދުއްފުށި އަދި މީދޫއަށް ގެނައި ޖަނަރޭޓަރުތައް ހުރީ ކަސްޓަމްސްގައި ކަމަށެވެ. ހޯޑެއްދޫއަށް ގެނައި ޖަނަރޭޓަރު އިންސްޓޯލް މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ފެނަކައިން ބުނެ އެވެ.

ވައިކަރަދޫގައި ކަރަންޓު ކެނޑޭތާ މިހާރު ހަ ދުވަސް ފާއިތުވެފައިވާ ކަަމަށް އެ ރަށު ކައުންސިލުން ބުނެ އެވެ. މިހާރު އެ ރަށުގައި ހުރި ޖަނަރޭޓަރުން ކަރަންޓު ދެވެނީ ރަށުގެ ފަސް ސަރަހައްދުގެ ތެރެއިން ތިން ސަރަހައްދަކަށެވެ.

"ކަރަންޓު ދެމުން މި އަންނަނީ ހަމަހަމަ އުސޫލަކުން. ތިން ސަރަހައްދަށް ކަރަންޓު ދޭއިރު އަބަދުވެސް ކޮންމެވެސް ދެ ސަރަހައްދަކަށް ކަރަންޓު ނުލިބޭނެ. ކަރަންޓު ލިބޭ ގަޑިއަކު ކަރަންޓު ލިބޭނީ އެންމެ ދެތިން ގަޑިއިރު" އެ ރަށު ކައުންސިލު މެންބަރު އައިޝަތު ހަނީފާ މި ނޫހާ ވާހަކަ ދައްކަވަމުން ވިދާޅުވި އެވެ.