Advertisement

ފެނަކައިގެ އިއުތިރާފު؛ ފުވައްމުލަކުގެ ކަރަންޓުގެ ހާލަތު ގޯސްވީ އެނގި ތިއްބައި!

19 މާރިޗު 2024 - 11:40 0

އަޒްލިފާ އަބްދުﷲ

އަޒްލިފާ އަބްދުﷲ

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުއާޒު އިއްޔެ ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީގައި ވާހަކަ ދައްކަވަނީ. -- ފޮޓޯ: މަޖިލީހުގެ އިދާރާ


ފެނަކައިގެ އިއުތިރާފު؛ ފުވައްމުލަކުގެ ކަރަންޓުގެ ހާލަތު ގޯސްވީ އެނގި ތިއްބައި!

19 މާރިޗު 2024 - 11:40 0

ޖެނުއަރީ މަހު ފުވައްމަލަކުގައި ކަރަންޓުގެ ހާލަތު ގޯސްވެގެން ދިޔައީ އެކަން އެނގި ތިއްބައި ކަމަށް ފެނަކަ ކޯޕަރޭޝަނުން އިއްޔެ އިއުތިރާފުވެއްޖެ އެވެ.

ފުވައްމަލަކުން އޭރު ކަރަންޓު ކެނޑަމުން ދިޔަ މައްސަލަ ދިގުލައިގެން ދިޔުމުން، ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ދީދީ ރައްޔިތުންގެ މަޖިލީހަށް އޭރު ހުށަހެޅުއްވި މައްސަލައިގައި ފެނަކަ ކޯޕަރޭޝަންގެ ވެރިން ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީއަށް އިއްޔެ ހާޒިރުކުރި އެވެ.

ފުވައްމުލަކުގެ ކަރަންޓުގެ ހާލަތު އެގޮތަށް ދަށަށް ދިޔައީ، އެކަން ދެނެގަނެވިފައި ނެތުމުންތޯ އާއި ބެކަޕް ޕްލޭނެއް ނެތުމުންތޯ، އިއްޔެގެ ކޮމިޓީގައި ކެޔޮދޫ ދާއިރާގެ މެމްބަރު ހުސައިން ގާސިމް ސުވާލު ކުރެއްވި އެވެ.

"އަޅުގަނޑުމެންނަށް އައިޑެންޓިފައި ކުރެވިފައި ހުރީ މި ހާލަތަށް ގޮސްދާނެ ކަމަށް، އެހެން ނަމަވެސް އަޅުގަނޑުމެން ކުންފުނީގެ ދަރަނީގެ ހާލަތު އޮތް ގޮތުން އަޅުގަނޑުމެން ބޭނުންވާ ސްޕީޑުގައި ބޭނުންވާ މެޝިނަރީޒް ހޯދުމުގެ ގާބިލުކަމެއް ކުންފުނީގައި މިވަގުތު ނެތް ވާހަކަ ދަންނަވަން،" ގާސިމްގެ ސުވާލުގެ ޖަވާބުގައި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުއާޒު މުހައްމަދު ރަޝީދު ވިދާޅުވި އެވެ.

ފުވައްމަލަކު އިންޖީނުގޭގައި ހުރި 800 ކިލޯވޮޓުގެ ޖެންސެޓްގެ ޓްރާންސްފޯމަރަށް ދިމާވި މައްސަލައިގައި ދެ ހަފުތާއަށް ވުރެ ގިނަ ދުވަސް ވަންދެން އެރަށަށް ކަރަންޓު ދެމުން ދިޔައީ، ކަރަންޓުގެ ލޯޑު ކުޑަކުރުމުގެ ގޮތުން ބައެއް ސަރަހައްދުތަކުން ކަރަންޓު ކަނޑައިގެންނެވެ. އެ މައްސަލައަށް ވަގުތީ ހައްލެއް ގެނައީ އާ ޖަނަރޭޓަރެއް ބަހައްޓައިގެންނެވެ.

ނަމަވެސް، ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވެ ލޯޑު މަތިވަމުން ދިޔުމާއެކު އަދިވެސް މުޅި ރަށުގެ ކަރަންޓުގެ މައްސަލަ އަށް ދާއިމީ ހައްލެއް ނުލިބޭކަން މުއާޒު ފާހަގަ ކުރެއްވި އެވެ.

އޭނާ ވިދާޅުވީ ފެނަކަ ކޯޕަރޭޝަންގެ ދަރަނީގެ ހާލަތު ވަރަށް ގޯސް ކަމަށާއި، ސަޕްލަޔަރުންނަށް ދޭންޖެހޭ 1.7 ބިލިއަން ރުފިޔާ އާއި ތެލުގެ އަގުގެ ގޮތުގައި އެސްޓީއޯއަށް ދޭންޖެހޭ ދެ ބިލިއަން ރުފިޔާ އެބަ ހުރި ކަމަށެވެ.