Advertisement

ޗައިނާ-އިންޑިއާ ކޯޅުމުގައި ރާއްޖެ ތާށިވެގެން ނުވާނެ: އީވާ

18 މާރިޗު 2024 - 14:06 0

މުހައްމަދު ނަސީމް

މުހައްމަދު ނަސީމް


ޗައިނާ-އިންޑިއާ ކޯޅުމުގައި ރާއްޖެ ތާށިވެގެން ނުވާނެ: އީވާ

18 މާރިޗު 2024 - 14:06 0

"ބޮޑު ދެބާރު" ކަމަށްވާ އިންޑިއާ އާއި ޗައިނާގެ ކޯޅުމުގެ ތެރޭގައި ރާއްޖެ ފިތިގެން ނުވާނެ ކަމަށާއި ކޮންމެ ސަރުކާރެއް އޮތަސް ހާރިޖީ ސިޔާސަތު ބައްޓަން ކުރަން ޖެހޭނީ އެގޮތަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ ހާރިޖީ ސިޔާސަތަކީ ދެމެހެއްޓެނިވި ސިޔާސަަތަކަށް ހަދަން ސަރުކާރަށް ގޮވާލައި އޭނާ ހުށަހެޅުއްވި ގަރާރަށް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރި ބަހުސްގެ ފުރަތަމަ ފުރުސަތުގައި އީވާ ވިދާޅުވީ ހާރިޖީ ސިޔާސަތު ކަނޑައެޅުމަކީ ރައީސުލް ޖުމްހޫރިއްޔާއަށް އޮތް އިހުތިޔާރަކަށް ވިޔަސް ރައީސް އެ ސިޔާސަތު ބައްޓަން ކުރައްވަން ޖެހޭނީ ދިވެހިންގެ މަސްލަހަތު އިސްކޮށްގެންނެވެ. އެއީ ރައީސަށް ލިބިވަޑައިގަންނަވާ އިހުތިޔާރަކަށް ވިޔަސް އެއީ ރައީސް އެދިވަޑައިގަންނަވާހާ ގޮތަކަށް ބަދަލުކުރެއްވޭ "ލޫޒް ކެނަން" އެއް ނޫން ކަމަށް ވެސްް އޭނާ ވިދާޅުވި އެވެ.

ރާއްޖެއަކީ އީވާ ސިފަކުރެއްވި ގޮތުގައި "ޖިއޯ ޕޮލިޓިކަލީ ފްރޮންޓް ލައިން" ގައުމެކެވެ. އޭގެ ހެއްކަކީ އޭނާ ވިދާޅުވި ގޮތުގައި މީލާދީން 14،00 ވަނަ އަހަރު ޗައިނާގެ އަސްކަރީ އިސް ޖެނެރަލަކު ރާއްޖެއަށް ޒިޔާރަތް ކުރުމާއި ޔޫރަޕްގެ އިސްތިއުމާރުގެ ދުވަސްވަރު އެގައުމުތަކުން ވެސް ރާއްޖެއަށް ކަޅި އެޅުމެވެ.

"އަަޅުގަނޑުމެން މިވާހަކަ ނުދައްކާ ތިބޭނެ ކަމެއް ނެތް، އަދި ދުރުދުރުން ވެސް އަޅުގަނޑުމެން މި ވާހަކަ ދައްކާނެ ކަމެއް ނެތް. ބޮޑު ދެގައުމު، ބޮޑު ދެ ޖަޔަންޓް، އިންޑިއާއާ ޗައިނާއާ ކޯޅެމުންދާ ގަޑީގައި އަޅުގަނޑުމެން އޭގެ ތެރޭގައި ތާށިވެގެނެއް ނުވާނެ،" އީވާ ވިދާޅުވި އެވެ.

ރާއްޖެ މިނިވަން ވީއްސުރެ މިއަދާ ހަމައަށް މިނިވަންކަން ދިފާއުކުރީ އިހުތިރާމާ އެކު އެހެން ގައުމުތަކާ ގުޅުން ބަދަހިކޮށްގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ރާއްޖޭން ހާރިޖީ ސިޔާސަތު ބައްޓަން ކުރީ އެހެން ގައުމުތަކަށް ބަރޯސާކުރަން ޖެހޭ ވަރު ވިސްނައިގެން ކަމަށް ވެސް ވިދާޅުވި އެވެ.