Advertisement

އެމްއެންޑީއެފްގައި ބޭނުންކުރާ ބައެއް ޑްރޯންތަކަކީ ތުރުކީގެ ހިލޭ އެހީ: ރައީސް

15 މާރިޗު 2024 - 23:31 2

އެމްއެންޑީއެފްގެ ޑްރޯނެއް: މިއީ ތުރުކީގެ ބައިކާރު ކުންފުނިން އުފައްދާ ޑްރޯންތަކެއް -- ފޮޓޯ: އަހުމަދު އާއިދު/އަދަދު


އެމްއެންޑީއެފްގައި ބޭނުންކުރާ ބައެއް ޑްރޯންތަކަކީ ތުރުކީގެ ހިލޭ އެހީ: ރައީސް

15 މާރިޗު 2024 - 23:31 2

އެމްއެންޑީއެފް އެއާ ކޯ ގައި މިއަދު ބޭނުންކުރަން ފެށި ބައެއް ޑްރޯންތަކަކީ ތުރުކީ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ލިބިފައިވާ އާލާތްތަކެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

ސިފައިންގެ ހިދުމަތުގައި ޑްރޯންތައް ބޭނުންކުރަން ފަށަން ނ. މާފަރުގައި ބޭއްވި ރަސްމިއްޔާތެއްގައި މިހެން ވިދާޅުވީ، މިހާތަނަށް ޑްރޯންތައް ގަތުމާ ގުޅޭ ގޮތުން ކުރެވުނު މުއާމަލާތްތަކާ ބެހޭ އެއްވެސް މައުލޫމާތެއް ހިއްސާނުކުރައްވާ ހުންނެވުމަށް ފަހުގަ އެވެ.

އެގޮތުން ރައީސް މިރޭ ވިދާޅުވި ގޮތުގައި ޑްރޯންތައް ގެނައުމުގެ މަޝްވަރާތައް ފެށުނީ އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެން ތުރުކީއަށް ކުރެއްވި ދަތުރުގެ ތެރެއިންނެވެ. މިކަމުގައި އެންމެ ބޮޑު އެއްބާރުލުމެއް ދެއްވީ ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުގާން ކަމަށް ރައީސް ވިދާޅުވި އެވެ.

"ރައްޔިތުން އަޅުގަނޑާ ޒިންމާ ހަވާލުކޮށް ދެ ހަފުތާ ނުވަނީސް އެ ގައުމަށް އަޅުގަނޑަށް ދައުވަތު ދެއްވާ، އެމަނިކުފާނު އަޅުގަނޑަށް ކިޔުއްވި ހޫނު މަރުހަބާ އާއި ބެހެއްޓެވި ގާތްކަމަކީ އަދި ދެއްވެވި ސަމާލުކަމަކީ މިކަން މިއަދު ހަގީގަތަކަށް ވުމުގެ އަސްލު،" އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އަދި ތިން ޑްރޯން ފެންނަން ހުރި ނަމަވެސް މުސްތަގުބަލުގައި އެއަށް ވުރެ މާ ގިނަ ވާނެ ކަމަށެވެ. އަދި މިއީ ވެސް ރައީސް އުރުދުގާންއާ އޮންނަ ގާތްކަމުގެ ތެރެއިން ފަހިވެގެން ދާނެ ކަންކަން ކަމަށް ވިދާޅުވި އެވެ. ބައެއް ޑްރޯންތައް ހިލޭ ލިބުނު ކަމަށް ރައީސް ވިދާޅުވީ މިހެން ވިދާޅުވުމަށް ފަހެވެ.

"އަދި މީގެ ގިނަ އާލާތްތަކަކީ މި ގާތްކަމުގެ ތެރެއިން ދިވެހި ގައުމަށް ހިލޭ ހަދިޔާކުރައްވާފައިވާ ތަކެތިކަން އަޅުގަނޑު ފަހުރުވެރިކަމާއެކީ ފާހަގަކުރަން،" އެމަނިކުފާނު ވިދާޅުވި އެވެ.

ބައެއް އާލާތްތަކަކީ ހިލޭ އެހީ ކަމަށް ވިދާޅުވި ނަމަވެސް އެއީ ކޮން އާލާތްތަކެއް ކަމެއް ނުވަތަ ތުރުކީ ސަރުކާރުން ފޯރުކޮށްދިނީ ކިހާ ވަރެއްގެ ހިލޭ އެހީއެއް ކަމެއް ރައީސް ވިދާޅެއް ނުވެ އެވެ.

ޑްރޯން ގަތުމުގެ އެއްބަސްވުމާ ގުޅޭގޮތުން "އަދަދު" އިން ކުރިން ވާނީ އިތުބާރު ހުރި މަސްދަރުތަކާ ހަވާލާދީ އެ އެއްބަސްވުމުގެ އަގަކީ 37 މިލިއަން ޑޮލަރު ކަމަށް ރިޕޯޓުކޮށްފަ އެވެ. އެއީ ދިވެހި ފައިސާއިން ގާތްގަނޑަކަށް 570 މިލިއަން ރުފިޔާ އެވެ.

ޑްރޯންތަކުގެ ތެރޭގައި ތުރުކީގެ ހިލޭ އެހީ ހިމެނޭ ކަމަށް ރައީސް ވިދާޅުވިއިރު، ސަރުކާރުން ވަނީ މި މުއާމަލާތާ ބެހޭ އެއްވެސް ކަމެއް ހާމަކުރަން ދެކޮޅު ހަދާފަ އެވެ. މި މައުލޫމާތު ހޯދަން މި ނޫހުގެ ނޫސްވެރިޔަކު ހުށަހެޅުމުން ދިން ޖަވާބުގައި ޑިފެންސް މިނިސްޓްރީން ވަނީ އެކަމުގެ އެއްވެސް މައުލޫމާތެއް ދޭން ދެކޮޅު ހަދާފަ އެވެ.